ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނާއި ދެކޮޅަށް ބާރުގެ ބޭނުން ނުކުރެވޭތީ ފުލުހުންގެ ކަންބޮޑުވުން!

ކްރައިމް އިންވެސްޓިގޭޝަން ހެޑް، އަހްމަދު ނާފިޒް .-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކުރާ ކުޑަކުދިންނާއި ދެކޮޅަށް ފުލުހުން ގެންގުޅޭ ބައެއް އާލާތްތައް ބޭނުންނުކެރެވޭތީ ގާނޫނުތައް މިހާރު މުރާޖާކޮށް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އެކްޓިން ހެޑް އަހްމަދު ނާފިޒް ވިދާޅުވެއްޖެއެވެ.

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުން ތަހުގީގު ކުރާ މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާފިޒް ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތައް ތަހުގީގު ކުރުމުގައި ގާނޫނުތައް ފަރުމާ ކޮށްފައިވާގޮތުން ބައެއްކަންކަން ކުރުމުގައި ދަތިތަކާއި ކުރިމަތި ލާންޖެހޭކަމަށެވެ. އެހެންކަމުން އެކަންކަން ރަނގަޅުކުރުމަށްޓަކައި ހޯމް މިނިސްޓްރީ އާއި އޭޖީ އޮފީހާއި ގުޅިގެން އެ ކަމަށް ހައްލެއް ގެނައުމަށްޓަކައި މަސައްކަތް ކުރައްވަމުން ދާކަމަށް ނާފިޒް ވިދާޅުވިއެވެ.

“މިއުޅެނީ ފުލުހުން ބޭނުންކުރާ އަސާސީ އާލާތްތައްވެސް، މިސާލަކަށް ބިޑި، ޕެޕަރ ސްޕްރޭ މީޗިސް ބޭނުން ކުރުމުގައި އެބަހުރޭ ހުރަސްތައް، ގާނޫނު ފަރުމާކޮށްފައިވާ ގޮތުން” ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ ކުޑަކުދިން ކުރާ ކުށްކުށުގެ ވާހަކަ ވިދާޅުވި ނަމަވެސް ބައެއް ކުދިންނަކީ 17 އަހަރާއި 18 އަހަރާއި ދެމެދުތިބޭ ބޮޑެތި މީހުންނޭ ބުނެވޭ ހިސާބުގައި ތިބޭ ކުދިންކަމަށެވެ. އަދި އެކުދިންނަކީ ހަށިގަނޑުގެ ގޮތުންނާއި ވިސްނުމުގެ ގޮތުންވެސް ބޮޑެތިމީހުންނާއި އެއްފެންވަރަށް މަސައްކަތްކުރާ ކުދިންކަމަށް ނާފިޒް ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދު ކުރުމަށް ފަހު އިސްލާހެއް ގެނެސް ތަސްދީގު ކުރީ 2020 ވަނަ އަހަރެވެ. އޭރު ގެނައި އިސްލާހުގެ ދަށުން ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. ހަމަ އެއާއެކު، ޝަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓާރ ކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ޝަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.

މި ގާނޫނުގެ ދަށުން ކުޑަކުދިން ކުރާ ބޮޑެތި ކުށްތަކުގައި ވެސް އަދަބު ދިނުމުގައި، ލުއިތަކެއް ލިބިދެ އެވެ. އަދި އެ ކުއްޖަކަށް 18 އަހަރު ފުރުމަށް ފަހު ވެސް އެ އުމުރުގައި ކުރާ ކުށަކަށް ބޮޑު އަދަބު ނުދެވޭނެ އެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ހިމެނެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ބ) ގައިވަނީ ހައްޔަރުކުރަން ބޭނުންކުރެވޭ އަންނަނިވި އާލާތްތަކުގެ ތެރެއިން އާލާތެއް އެއްވެސް ޙާލެއްގައި ކުޑަކުއްޖަކު ހިފެހެއްޓުމުގައި ނުވަތަ ހައްޔަރުކުރުމުގައި ނުވަތަ ކުޑަކުއްޖަކު ބަންދުގައި ބަހައްޓާފައި ހުންނައިރު ބޭނުންކޮށްގެންނުވާނެ ކަމަށެވެ. އޭގެ ތެރޭގައި:

(1) ވަޅިއާއި ބަޑި؛

(2) ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު ނުވަތަ ހިލިހިލާ؛

(3) ޓޭޒަރ ނުވަތަ އެފަދަ އެއްޗެއް؛

(4) ޕެޕަރ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް؛

(5) ތަދު އިހުސާސްކޮށްދޭ އާލާތްތައް.

އެ ގާނޫނުގެ (ކ) ގައި ބާޔާންކުރަނީ ކުޑަކުއްޖަކު ހައްޔަރުކުރާ ތަނެއްގައި ތިބޭ ފުލުހުން، އެކުދިންނަށް ފެންނަ ތަނެއްގައި އެއްވެސް ހަތިޔާރެއް ގެންގުޅެގެންނުވާނެ ކަމަށެވެ. އެހެންނަމަވެސް 48 ވަނަ މާއްދާގެ ކާފުގައި އެހެންއޮތް ނަމަވެސް ނުރައްކާތެރި ކުށެއް ހިނގަމުންދާކަމުގެ މަޢުލޫމާތު ލިބިގެން އެ ކުށެއް ކުރަމުންދާ ކަމަށް ބެލެވޭ ތަނަކަށް ނުވަތަ ކުށެއް ހިނގައިގެންއުޅޭ ތަނަކަށް ފުލުހުން ދާ ޙާލަތުގައި، އަދި އެއީ ހަތިޔާރު ބޭނުންކުރުން ފުލުހުންނަށް ހުއްދަވެގެންވާ ޙާލަތެއް ކަމުގައިވާނަމަ، އެ ޙާލަތުގައި އެ ނުރައްކާ ނައްތާލުމަށްޓަކައި ފުލުހުން ބޭނުންކުރުން ޤާނޫނުން ހުއްދަކޮށްފައިވާ އާލާތްތައް ބޭނުންކުރުމަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށް ހަމަ އެ މާއްދާގެ (އ) ގައި ބަޔާންކުރެއެެ.

އަދި އެ ޙާލަތުގައިވެސް ކުޑަކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުންކުރަންވާނީ، އަދި ފުލުހުން ޢަމަލުކުރަންވާނީ، 48 ވަނަ މާއްދާގެ (ށ) އާއި (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް (އ) ގައިބަޔާންކުރެއެވެ.

މީގެއިތުރުން މިދިޔަ ފެބްރުއަރީ މަހު ސަންގުޓީވީގެ “ސަރުކާރު“ ޕްރޮގްރާމުގައި އިހުސާން ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތަށް ބަލާއިރު އުމުރުން 17 އަހަރުގައި ކުރާ ކުށަށް އޭގެ އެތައް އަހަރެއް ފަހުން އަދަބު އަންނައިރު ވެސް އަމަލު ކުރަން ޖެހެނީ ކުޑަކުއްޖެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަނެ، އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވާ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: