ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އެ ޕާޓީއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށެވެ.
ޕީއެންއެފްއަށް ވަނުމަށް އެދި ހުށައަޅާ މީހާގެ މަންމަގެ ނަން ފޯމުގައި ހިމެނުމަށް އީސީއިން އެދިފައިވާކަމަށް ފާހަގަކޮށް ރައީސް ޔާމީން މިކަން ސިފަ ކުރެއްވީ ދުއްޕާނެއްގެ ގޮތުގައެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަށް މި ޝަރުތުކޮށްފައިނުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް އުސޫލެއް ނެތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވައިގެން މިގޮތަށް އަމަލު ކުރަނީ، ޕީއެންއެފް އުފެއްދުމުން ސަރުކާރަށް ދަތިވާނެތީކަމަށް ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ މިއީ ކީއްވެގެން ކުރާކަމެއްކަމެއް ނުވިސްނޭކަމަށެވެ. މިއީ އީސީ ގޮވައިގެން ކޯތަށް ދިޔަ ނަމަވެސް ގާނޫނީ ގޮތުން ފަރުވާ ލިބޭނެ މައްސަލައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އީސީއިން އަމަލު ކުރަމުންދަނީ ގާނޫނުގައި އޮތް ގޮތަށް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެގޮތުން މީހުންނަށް ތަކުލީފު ޖައްސަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
ބާރުތައް ލިބުމުން ސަރުކާރުން އަމަލުތައް ބައްޓަން ކުރަނީ ވަރަށް ނާތަހުޒީބީ ގޮތެއްގައިކަމަށް ފާހަގަކޮށް، އެކި މީހުންނާއި މެދު ސަރުކާރުން ތަފާތު ކުރުން ގެންގުޅޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީއެންއެފްއިން ބޭނުންވި ޕާޓީގެ ކުލަ އީސީއިން ވަނީ ނަގާފައިކަމަށް ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ވަކި ކުލައެއް ހިފެހެއްޓުމުގެ އިހްތިޔާރު އީސީއަށް ލިބިގެން ނުވާކަމަށެވެ. އަދި ވިދާޅުވީ ޕާޓީތަކަށް ބޭނުން ކުލައެއް ނެގުން ޖާއިޒު ކަމަށާއި, މިކަމަށް ޕާޓިތަކުގެ ގާނޫނުން ފުރުސަތު ދޭކަމަށެވެ.

