ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ)ން އާއްމުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އޭޕްރިލް ގައެވެ. މީގެ ކުރިން އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ މި މަހުގެ 17 ވަނަ ދުވަހެވެ. އިންތިހާބު ބާއްވާ ތާރީހަށް ގެނެވުނު ބަދަލާ ގުޅިގެން 561 ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
އެގޮތުން އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284،663 އަށް އަރައެވެ. އެއީ 145،302 ފިރިހެނުންނާއި، 284،663 އަންހެނުންނެވެ. މަޖިލީސް އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓާއިރު، އެއީ މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ. އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓައެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރެވޭނެއެވެ. އިންތިހާބުގައި ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުން 43 އަންހެން ކެންޑިޑޭޓުންނެވެ.

