މާލޭގެ ބައެއް މަގުތަކަށް ގިނަ ދުވަސް ވެ، އެއްވެސް މަރާމާތެއް ގެނެވިފައި ނުވާއިރު ބައެއް މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އާންމުކޮށް ސަރުކާރުތަކުން ވެސް މަރާމާތު ކުރަނީ ބޮޑެތި މަގުތައްކަމުން އެތެރޭގެ މަގުތަކުގެ ގާތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަން ޖެހިފަ އެވެ.
ރައްޔިތުންގެ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އެކަމުގެ ސަބަބުން ލިބޭތީ، ސަރުކާރުން ވެސް މަގުތައް މަރާމާތު ކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގެއް ހަދަން ހަމަޖެހިފައިވާކަން އިއުލާނު ކުރައްވައި ރޭ ރައީސް ވިދާޅުވީ މިހާރު ވެސް އެ މަސައްކަތުގެ ކަމާ ބެހޭ ފަންނީ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން ދާކަމަށާއި އެ މީހުން ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް ފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
މާލޭގެ މަގުތަކުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށަން ނިންމާފައި އޮތީ… ޗައިނާ ސަރުކާރުން ހިލޭ އެހީގައި މާލޭ ސިޓީގެ ހުރިހާ މަގުތަކެއް ހަދާ ގޮތަށް ހަމަޖެހިފައި މިހާރު އޮތީ… ޗައިނާގެ ޑެލިގޭޝަން ކަމާއި ބެހޭ ޓީމް މިހާރު ރާއްޖޭގައި އެބަ އުޅޭ… ކުރަން ޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ނިމުމުން… އެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ
ވެރިކަމާ ހަވާލުވުމަށް ފަހު ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ ހީލޭ އެހީގެ ދަށުން 130 މިލިއަން ޑޮލަރު ހަމަޖެހުނެވެ. އޭގެ ތެރޭގައި މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

