މަކަރާއި ހީލަތުން އޮޅުވާލައިގެން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ މޯލްޑިވެސް ޕޮލިސް ސާރވީސްއިން ބަލަންފަށައިފިއެވެ.
ވެހިކަލް ގެނެސްދޭނެކަމަށް ބުނެ ހިންގި ސްކޭމެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް މީޑިއާތަކަށް އެ މައުލޫމާތުތައް ދީފައިވަނީ އިއްޔެ އެވެ. މެގަޓްރޯން މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްގެ ނަމުގައި ހިންގާ ކުންފުންޏަކުން ވެހިކަލް ގެނެސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން އޮޅުވާލައިގެން ވަނީ ފައިސާ އަތުލާފަ އެވެ.
އެނގިފައިވާ ގޮތުގައި ވޭވް ކުންފުނިން ވަނީ އޮޅުވާލައިގެން 50 މިލިއަނެއްހާ ރުފިޔާ ހޯދާފަ އެވެ. ކުންފުންޏަށް ފައިސާ ދެއްކިތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް ކާރު ލިބިފައި ނުވާތީ އެކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި މިފަހުން އާންމުވި އެވެ.
މޯލްޑިވެސް ޕޮލިސް ސާރވީސް އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ އިކޮނުމިކް ކޮރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައިފައިވާ މެގަޓްރޯން މޮޓޯރސް މޯލްޑިވަސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޫނުންވާކަމަށެވެ.
އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަނަބަރު 970048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސާރވީސްއިން މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުން ފާހަގަކުރަށްވައި ޝުކުރު ދަންނަވާފައިވެއެވެ.

