އެހެން ކެންޑިޑޭޓެއްގެ އިންތިޙާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސްކަމެއް ކޮށްގެންނުވާނެކަމަށާއި އެފަދަ އެއްވެސް ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަން ( އީސީ ) އިންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު 2024 ގައި ތާއިދު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން އީސީން ނެރުނު ބަޔާންނުގައި ބުނެފައިވަނީ އިންތިޙާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 29 ވަނަ މާއްދާގެ ( ށ ) ގައި، އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޙާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސްކަމެއް ކޮށްގެންނުވާނެކަމަށާއި އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މައުލުމާތެއް ބޭނުންކޮށްގެންވެސް ނުވާނެކަމަށް ބުނެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އިންތިހާބުތަކުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކުމްޕެއިންގެ ޢަމަލުތައް ފެންނަމުންދާކަން އީސީން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޙާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސްކަމެއް ނުުކުރުމަށާއި އިމްތިޙާބުތަކާބެހޭ ޢާންމު ގަވައިދު ގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އީސީން ވަނީ އިލްތިމާސްކޮށްފައިވެއެވެ.އަދި އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅނެ ކަމަށްވެސް އީސީން ވިދާޅުވެފަވެއެވެ.

