ރައީސް ޑރ މުހައްމަދު މުއިއްޒު 7 އަހަރު ދުވަހު ވަޒީރުކަމުގައި ހުންނެވިކަމަށާއި އެ ދުވަސްތަކުގައި ކުރެވިފައިވާ ލައްކަ ތަޖުރިބާތައް ހުރިއިރު، އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ނަމަ ބައެއް މީހުންނަށް ދަތިވާ ފަދަ ވާހަކަތައް ދެއްކިދާނެކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ފ ފީއަލީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަހައްޓަވައިދެއްވުމަށާއި އިންޑިއާގެ ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ތިބި ތިބުން ނިމުމަކަށް ގެނެސްދެއްވުމަށް ވެވަޑައިގެންނެވި ވައުދުކަމަށެވެ. މިނިސްޓަަރ ވިދާޅުވީ، މީގެ ކުރީގެ ތަޖުރިބާއާއި ހިލާފަށާއި ބައިނަލްއަގުވާމީ ދުނިޔޭގައި ކަން ހިނގާފައިވާ ގޮތާއި ހިލާފަށް އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ދެމެހެއްޓިފައިވާއިރު ސިފައިން ފައިބައިގެން ދިއުމަށް ނިމިފައިވުމާއިމެދު އުފާކުރަންޖެހޭކަމަށެވެ. އަދި އެއީ ރައީސް އަށް ޝުކުރު އަދާކުރަންޖެހޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫހު އެއްކޮށް ކަނޑަވާލުމަކީވެސް އެމަނިކުފާނުގެ ވައުދެއްކަމަށާއި ރައީސްއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދިޔައިރުވެސް މިއަދާއި ޖެހެންދެންވެސް ސިޔާސީ ވެރިންނަށް ހުރަހެއް ގޮންޖެހުމެއް ނެތްކަން ފެންނާނެކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނުވަނީ އެއްވެސް ހުރަހެއް ނެތި ކޮންމެ ބޭފުޅަކުވެސް ދައްކަވަން ބޭނުންވާ ކޮންމެ ވާޙަކައެއްވެސް ދެއްކުމަށް ޖާގަ ދެއްވާފައިކަމަށާއި އެއީ ރޯ ބުހުތާނު ދޮގު ނަމަވެސް އެކަމަށް ރައީސްގެ ފަރާތުން ހުރަހެއް ނާޅުއްވާކަމަަށެވެ. އަދި އެއްވެސް ވަރަކަށް މި ވެރިކަމުގައި ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާކަމަކީ ފެންނަން އޮތް ހަގީގަތެއްކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ރައީސް މުއިއްޒުއަކީ ވަޒީރުކަމުގައިވެސް 7 އަހަރު ހުންނަވާފައިވާ މީހެއްކަމަށެވެ. އެހެންކަމުން ލައްކަ ގިނަ ކަންކަން އެމަނިކުފާނަށް އެ ދުވަސްތަކުގެ ތެރޭގައި ތަޖުރިބާ ކުރެއްވިފައިވާނެކަމަށާއި ވިދާޅުވާން ބޭނުން ނަމަ ބައެއް މީޙުންނަށް ދަތިވާ ފަދަ މައުލޫމާތުތައްވެސް އެނގިވަޑައިގަންނަވާނެކަމަށް ހިއްސާކުރެއްވިއެވެ.
“ މިއަދުގެ ރައީސުލްޖުމުހޫރިއްޔާއަކީ ވަޒީރުކަމުގައި 7 އަހަރު ހުންނެވި ބޭފުޅެއް، ލައްކަ ގިނަ ކަންތައްތައް ތަޖުރިބާކުރެއްވިފައި ހުންނާނެ އަދި ވިދާޅުވާން ބޭނުންފުޅުވާނަމަ ކޮންމެވެސް ވަރަކަށް އެހެން ބޭބޭފުޅުންނަށް ދަތިފުޅުވާނެ ކަންތައްތައްވެސް ތަޖުރިބާކުރެވިފައި ހުންނާނެ“ އާދަމް ޝަރީފް
އެހެންނަމަވެސް މިއަދު ވަޒީރުންގެ މަޖިލީހުގައި ތިބޭއިރު ރައީސްގެ ފަރާތުން ކުރީގެ ވެރިން ކަންކަން ކުރައްވާފައިވާގޮތުގެ ވާހަކަ އިވިގެން ނުދިއުމަކީ ލިބިވަޑައިގަންނަވާ ބޮޑު ހިތްހަމަޖެހުމެއްކަމަށާއި އެ އަމަލުތަކުގެ ސަބަބުން ލިބިގެންދިޔަ ގެއްލުންތަކުގެ ވާހަކަތައްވެސް ނުދައްކަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަޔަކު މީހުން އެ ވާހަކަތައް ދެއްކުމަށް މަސައްކަތްކުރުމުންވެސް ހުއްޓުވައި އެއީ މާޒީވެ ގޮސްފައިވާކަންކަން ކަމަށް ފާހަގަކުރައްވާ ކުރިއަށް ވަޑައިގަތުމަށް އިލްތިމާޒްކުރައްވާކަމަށާއި ރައްޔިތުންނާއި އެކުގައި އުޖާލާ މުސްތަގުބަލެއް ބިނާކުރެވޭނެ ގޮތްތަކާއިމެދު ވިސްނެވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާކަންވެސް ހާމަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެއީ ވަޒީރުންގެ ގޮތުގައި ތިއްބަަވާއިރު ލިބިވަޑައިގަންނަވާ ބޮޑު އުފަލެއްކަމަށާއި ސަބަބަކީ ވަޒީރުންނަށް ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމާއި ވަރަށް ބޮޑު އިތުބާރަކާއިއެކު މަސައްކަތްތައް ކުރަމުންދިއުންކަމަށެވެ. އެހެންކަމުން އުންމީދަކީ ގައުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި އެންމެން ގުޅިގެން މަސައްކަތްކުރެއްވުންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ރައްޔިތުންނާއިއެކު އަބަދުވެސް ސާބިތުކަމާއިއެކު ކުރިއަށްދާނެކަމުގެ ޔަގީކަން އަރުއްވާކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރައީސް ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ދިރާސާރައް ހެއްދެވުމަށްފަހު ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން މެނިފެސްޓޯއެއްގެ ގޮތުގައި އެކުލަވާލައި ރައްޔިތުންނާއި ހިއްސާކުރައްވާ އާނބަސް ހޯއްދަވައިގެންކަމަށެވެ. އޭނާ ވިދާޅުވީ، އެ މެނިފެސްޓޯގައި ރައްޔިތުންނާއ ގުޅިވަފައިވާ ދިރުންތައް ގެނުވާނެ ގިނަ ކަންތައްތަކެއް ހިމެނިފައިވާމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި އިޖްތިމާއީ ގޮންޖެހުންތައް ހައްލުކޮށް ހަޔާތް ބަދަލުކޮށްލަދޭނެ ފަރުވާ އެ މެނިފެސްޓޯގައި ހުރިކަމަށެވެ.

