ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ތެރެއިން ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅުއްވައިފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާހިސާބަށް އައި އިރު ޕްރޮޕޯސަލް ހުށައަޅާފައިވާ ރަށްތަކަކީ ރ. އަތޮޅު އިނގުރައިދޫ، ދ. އަތޮޅު ކުޑަހުވަދޫ، މ.އަތޮޅު ކައުންސިލް އަދި ލ.އަތޮޅު މާވަށު ކައުންސިލް ކަމަށެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވާ އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށައަޅުއްވައިފައިވާ ޕްރޮޕޯސަލްތަކުގެ ޓެކްނިކަލް މަސައްކަތް ސިޓީސް މިނިސްޓްރީން ވަރަށް އަވަހަށް ނިންމެވުމަށް ފަހު ރައީސްގެ އަރިހަށް ފޮނުއްވެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމުގައެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ 25 އަހަރުގެ މުއްދަތަށް ފަޅުރަށެއް ލިބުމަކީ ކައުންސިލްތައް ބާރުވެރިކުރުމުގެ އިތުރުން ރަށްރަށަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަށް ވެސް ޙައްލު ލިބުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށާ، އެ ގޮތުން ސިނާޢީ މަސައްކަތްތައް ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ދެކިވަޑައިގެންނަވައި ކަމަށެވެ.
ރަށްރަށުގައި ސިނާޢީ މަސައްކަތްތައް ކުރުމަށް ބައެއް ރަށްރަށުގައި މިހާރު ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ޖެހިފައި ވާތީ ޚާއްޞަކޮށް ފައިބަރ ގްލާސް މަސައްކަތް ނުވަތަ އެނޫން މަސައްކަތްތައް ކުރާ އިރު އާމުންނާ ހަމައަށް ފޯރާ ކެމިކަލްސްތައް ފޯރާ ފަދަ މަސައްކަތްތައް ހުއްޓާލާ ރަނގަޅު މާޙައުލެއް ރަށްރަށަށް ފޯރުކޮށްދޭން ޖެހޭ އިރު އެ ފަދަ ސިނާޢީ މަސައްކަތް ކުރާނެ ތަންތަން ލިބުމަކީ ރަށްރަށަށް މިއަދު ކޮންމެހެންވެސް ބޭނުން ވެފައިވާ ކަމެއް،
ކައުންސިލްތަކަށް މިއަދު އެ ފަދަ މަސައްކަތްކުރާނެ މަގެއް ފަހިވެގެން ދިއުމުގެ ސަބަބުން ކައުންސިލްތަކުން އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުރިހައި ކައުންސިލްތަކަށް މިނިސްޓަރު އާދަމް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.

