ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާތައް ހުދުވަނީ!

އައްޑޫ ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް: ބިން ހިއްކަން ވެލި ނަގައިފި ނަމަ، މުރަކަ އާލާވެފައިވާ މި ތަނަށް ގެއްލުންވާނެ ކަމަށް އީއައިއޭގައި ވަނީ ލަފާކޮށްފައި (ފޮޓޯ/އެކުއާވެންޗާ މޯލްޑިވްސް)
ޝެއާރކޮށްލާ ކަހަލަދޯ؟

މިދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވުމަށް މަގުފަހިވާ ދުވަސްވަރެއް ކަމަށާއި އެހެންކަމުން ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ ކަންކަން ވަގުތީގޮތުން މަޑުޖައްސާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގާ ހުދުމުވުމުގެ ހާދިސާއަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑުތަކަށް އަސަރުކުރާނޭ އަދި ފުޅާ ދާއިރާއެއްގައި ގާހުދުމުވުގެ ހަތަރުވަނަ ހާދިސާކަމަށާއި މިއީ މިފާއިތުވީ 10 އަހަރުތެރޭގެ ދުނިޔެއަށް މިގޮތަށް ފުޅާ ދާއިރާއެއްގައި ކުރިމަތިވާ ދެވަަނަ ގާހުދުވުުމުގެ ހާދިސާކަން އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން ފަހަގަކޮށްފައިވާ ކަމަށެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށާއި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް ނޮއާ އިން ހިންގާ ”ކޮރަލް ރީފް ވޮޗް“ ޕްރޮގްރާމުން އެކި ޤައުމުތަކުގެ ކަނޑުތަކުގެ ހޫނުމިނާއި ގުޅިގެން ފަރުތަކުގެ ގާ ހުދުވުމަށް ކުރިމަތިވާ ސްޓްރެސް އަށް ބަލައި ގާ ހުދުވުމުގެ ހާދިސާތައް ދިމާވުން އެކަށީގެންވާ މިންވަރު އަންދާޒާކޮށް ތަފާތު ފަސް ގިންތިއަކަށް ބަހާލާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މި މައުލޫމާތުގެ ބޭނުމަކީ ގާ ހުދުވުމުގެ މައްސަލަތައް ކުރިއާލައި އަންދާޒާކޮށް ފަރުތައް މޮނިޓަރކުރުމާއި ފަރުތަކަށް ސްޓްރެސް ކުޑަކުރުމަށް ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިކޮށްދިން ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މިވަގުތު އޮތީ [ވޯނިންގ“ ލެވެލް (ތިންވަނަ ގިންތި) ގައި ކަމަށް އެ ބާޔާނުގައި ވަނީ ބުނެފައެވެ. އަދި ތ. އަތޮޅުން ދެކުނުގެ ސަރަހައްދުތަކުގައި މިވަގުތު ”އެލަރޓް ލެވެލް 1″ގައި އޮތްކަމަށް ސެޓަލައިޓު މައުލޫމާތުން ދައްކާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި ”އެލާރޓް  ލެވެލް 1“ އަށް އަރާނެކަމަށް ލަފާ ކުރެވޭކަމަށް ބާޔާނުގައި ވަނީ ބުނެފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަަށް [އެލާރޓް ލެވެލް 2] އަށް ފޯރުންވެސް އެކަށީގެންވާ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ގާ ހުދުވުމުގެ އަސަރު ފުޅާ ދާއިރާއެއްގައި ކުރަމުން ދާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބެމުންދާ ކަމަށް ވަނީ ބުނެފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ ރާއްޖޭގެ ފަރުތަކުން ފުޅާދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން (ފްރީކްއެންސީ އިތުރުވަމުން) އަންނަކަމަށް ފާހަގަކުރެވޭކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ފަރުތައް މިފަދަ ގާހުދުވުމުގެ ހާދިސާތަކަށް ފަހު އަލުން އިއާދަ ވާ މިންވަރު އަވަސްވި ނަމަވެސް، މިފަދަ ދުވަސްވަރެއްގައި ހިންގޭ އިންސާނީ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުމާއި އަދި އިއާދަވުމަށް ހުރަސް އެޅުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ވަގުތީގޮތުން ނަމަވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަރުތައް ގުޅި ލާމެހިފައި ވާކަމަށާއި ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: