ފައިސާ އަޅަނީ ގަހަކު ނޫންކަމަށް ބުނެ އުޅޭ އަޑުއިވެއެވެ. މި އަޑު ދިވެހި ކޮންމެ އާންމު ރައްޔިތަކަށްވެސް އިވިފައިވާއިރު ސަރުކާރުތަކުން އަމަލުކުރަނީ ގަހެއްގައި އަޅާ ފަދަ ގޮތަކަށެވެ. ޓެކްސް އިތުރުކޮށްގެން އާމްދަނީ އިތުރުކުރުމުގެ ހިޔާލުގައި މިހާރުގެ ސަރުކާރުވެސް އޮތް އިރު، މި ފައިސާގެ ބޭނުންކުރާއިރު އިންތިހާ ޒިންމާދާރުކަން ކުޑަ ގޮތަކަށް ހިންގާ ބައެއް އަމަލުތަކުގެ ސަބަބުން އިންތިހާއަށް ފައިސާ އެބަ ބޭކާރުވެގެންދެއެވެ. މި ދެކެވެމުންދަނީ ރައްޔިތުންގެ ހައްގުގައި ބޭނުންކުރެވެން ހުރި ބަޖެޓަކުން ބޭކާރަށް ހަރަދުތަކެއް ކުރެވެމުންދިއުމުގެ ވާހަކައެވެ. އެއްތަނަކަށް އެއްކަމަކަށް ތަކުރާރުކޮށް ހަރަދުތައް ކުރަންޖެހުމަކީ މިފަދަ އެއްކަމެވެ.
މާލޭގެ ފާހަނާ ހޮޅި ތާށިވުމުން އިރު އިރުކޮޅާ ކޮންނަންޖެހުމުން، އެކަމަށް ކޮންމެ ފަހަރަކުވެސް ލޭބާރ އަދި މެޓީރިއަލް ނުވަތަ މަސައްކަތާއި ތަކެތީގެ އަގު ހަރަދު ދާނެކަމަށްވުމުން، ޒަމާނީ ވިސްނުމެއްގެ މަތިން އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ ބަދަލުގައި މަގު ކޮނެ، ޓްރެފިކަށާއި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގުލަކަށް ވެގެންދާއިރުވެސް އަދިވެސް އެކި ފަހަރުގެ މަތިން މަގުތައް ބަންދުކޮށްގެން ހޮޅިތަކުގެ ތާށި ފިލުވަމުންދިއުމަކީ މިކަމުގެ މިސާލެކެވެ. ފެންބޮޑުވާ މައްސަލައަކީވެސް މިފަދަ ކަމެކެވެ. މަޖީދީ މަގު ފެންބޮޑުވުމަކީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު ފަށައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލާފައިވާ މަގު ހެދުމުގެ ބިޔަ މަޝްރޫއެއްގެ ތެރެއިން ހައްލުވެގެންދާނެކަމަށް އޭރުގެ ސަރުކާރުން ބުނި މައި އެއް މައްސަލައެކެވެ.

އެ މަޝްރޫޢުގެ ދަށުން އަމީނީ މަގު، އަމީރު އަހްމަދު މަގު، ޗާންދަނީ މަގު، އޯކިޑު މަގު، ލޮނުޒިޔާރަތް މަގު، ހަވީރީ ހިނގުން އަދި މާފަންނު ކޮޅުގައި ވާރޭ ވެހުމުން އޭރު އެންމެ ބޮޑަށް ދިޔަވާ ބައެއް މަގުތައް ކަމަށްވާ ހަނދުވަރީ ހިނގުން، އިއްޒުއްދީން މަގު، ކަނބާ އައިސާރަނި ހިނގުން އަދި ބުރުޒު މަގުވެސް މަރާމާތުކުރުމަށް ކަނޑައެޅިގެންދިޔައެވެ.
މިކަމާއި ގުޅޭގޮތުން ހައުސިންގް މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުން މަގުތައް ހެދުން ކުރިއަށް ދާނީ ގާތައް ނެގުމަށްފަހު ލެވެލްކޮށްގެންނެވެ. އަދި އަޑިގަނޑުތަކުގެ މައްސަލަވެސް ހައްލުކުރެވޭނެކަމަށް މައުލޫމާތު ދީފައިވާއިރު، އޭރު ހުރިވަރަށްވުރެ ބޮޑެތި ކާނުތައް ވަޅުލައި އެއް ކާނު އަނެއް ކާނައި ގުޅުވައި މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނެކަމަށް މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތުދީފައިވެއެވެ. މޮޅު ކާނުތަކެއް ބެހެއްޓިއެވެ. އެހެންނަމަވެސް ހައްލެއް އައިސްފައިނުވެއެވެ.

2018ގައި މާލެ ފެންބޮޑުވިކަމުގެ މައްސަލަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައިވެސް މާލެ ސަރަހައްދު ފެނު އަޑިއަށް ގޮސް ހާލުގައި ޖެހުނު ބައެއް ގެތަކަށް ރައީސް އަދި ވަޒީރުންވެސް ޒިޔާރަތްކުރައްވާފައިވެއެވެ. ހާލުގައި ޖެހުނު މީހުންނަށް އެމަރޖެންސީ ހިދުމަތްތައްވެސް ފޯރުކޮށްދީފައިވާއިރު މި ހިދުމަތްތަކަށްވެސް ހަރަދުކުރަނީ ދިވެހިންގެ ޓެކްސް ފައިސާއިންނާއި ދިވެހިންނަށް ބޭރު ގައުމުތަކުން ދޭ އެހީއިން ކަމަށްވުމުން ކާރިސާއެއް ދިމާވުމުން އެކަމެއް ހައްލުކުރުމަށް ހޭދަކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް މައްސަލަތައް ހައްލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ މާލިއްޔާތުން ކުރާ ހަރަދުތައް ކޮޅެއްގައި ނުޖެހި ދިއުމަކީ ބޮޑު މައްސަލައެކެވެ. 2016 ފެށިގެން މިއަދާއި އެތައް ހަރަދެއް ކުރެވިފައިވާއިރު، ފެންބޮޑުވެ ހާލުގައި ޖެހެމުންދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވިފައިނުވުމަކީ މައްސަލައެކެވެ. ކުރި ހަރަދުތައް ކުރި ގޮތާއިމެދު ސުވާލު އުފެއްދުމަށް ޖާގަ އޮތްއިރު، ކުރީ ކޮން މަސައްކަތެއްކަމާއިމެދުވެސް ސުވާލު އުފެއްދުމަށް މިވަރުން ޖާގަ ނެތި ނުދާނެއެވެ.
ރާއްޖޭގައި ހިންގާ ތަރައްގީގެ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ހަރަދުތަކެއް ކުރަންޖެހުމަކީވެސް ދިވެހިންގެ ފައިސާ ބޭކާރަށް ބުރައިގެންދާން ދިމާވާނެ ކެމެކެވެ. ބަނދަރެއް ހަަދާ ހެދުމާއިއެކު ރަށެއް ގިރައިގެންދިއުމުން ތަރައްގީގެ ނަމުގައި އެކުރާ މަސައްކަތުގެ ރަހަވެސް ރަނގަޅަށް ނުލާނެއެވެ. އީއައިއޭ ނުވަތަ އެންވައިރަމެންޓު އިމްޕެކްޓް އެސެސްމެންޓު ރިޕޯޓުތައް ބޮލާލައި ޖެހުމުގެ ނަތީޖާއަކަށް ވެގެންދަނީ ބަނދަރެއް ހަދާ ނިމޭއިރު، އެ ބަނދަރުން ލާފައި ގޮސް އަރާނެއް ރަށެއް އޮންނާނެކަން ކަށަވަރުކުރުމަށް ފަސްގަނޑު ހިފަހައްޓަން ތެޅެން ޖެހުމެވެ. މިއީވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދުވެގެންދާނެ މަސައްކަތްތަކެކެވެ. ނުބަލައި ކުރާ މަސައްކަތުގެ ނަތީޖާއަކީ ބޮޑެތި ގެއްލުންތައް ލިބުމެވެ.


ވަގު އީއައިއޭ ރިޕޯޓުތައް ހުށައަޅާ މައްސަލަ ބޮޑުވެ 2022 ވަނަ އަހަރުގެ ތެރޭގައި އީޕީއޭއިން އެކަން ހުއްޓުވުމުގެ ގޮތުން ގަވައިދަށް ބަދަލުތައް ގެނައިއިރު، އީއައިއޭ ފުރިހަމަނުކޮށް ރާއްޖޭގައި 21 ރަށެއްގައި އިންޖީނުގެތައް ގާއިމުކުރި މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންވަނީ 2023 ވަނަ އަހަރުގެ ތެރޭގައި 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މިކަމުން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫޢޫތަކުގެ ތެރޭގައި ތިމާވެށީގެ ކަންކަމަށް ސަރުކާރުން ގަސްތުގައި އިހުމާލުތަކެއް ވަމުން އައިސްފައިވާކަން ސާފުކޮށް ފެނިގެންދެއެވެ. ހިންގަނީ ބަންޑުވޯލް ޖެހުމުގެ ވިޔަފާރިއެއް ފަދައެވެ.
މިގޮތަށް ދަމުންގޮސް ރަށް ރަށްގިރުމަށް ދިމާވެ އެކަން ހުއްޓުވަން ހަރަދުތަކެއް ކުރަންޖެހުމަކީވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެކެވެ. ތަރައްގީކުރާ ވަރަކަށް ރަށްތަކަށް ގުދުރަތީ ކާރިސާތަކުގެ އަސަރު ކުރާ މިންގަނޑުތައް ދަނީ އިތުރުވަމުންނެވެ. އީއައިއޭގެ ތެރެއިން ހެދިގެން އަންނާނެ އެންމެ މުހިންމު އެއް ޓެސްޓަކީ ސޭންޑް ޑިސްޕޮޒިޝަން ޓެސްޓެކެވެ. ރަށަށް ގެންނަ އިންފްރާސްޓްރަކްޗާތަކާއި އެކު އޮވެރަށާއި އެކަމުގެ ސަބަބުން ވަށައިގެންވާ މާހުލަށް ކުރާނެ އަސަރުތައް ބުނެދޭނީ މީގެ ޓެސްޓަކުންކަމަށްވާއިރު، މިއަދު ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ކުރާ އަސަރުތައް ކުރިއަށް ވުރެ ބޮޑުވެފައިވުމުން އެކަމަކީ މިފަދަ މުހިންމު ޓެސްޓުތަކަށް އިހުތިރާމްކުޑަކޮށް ބޮލާލައި ޖަހައި ޕްރޮޖެކްޓުތައް ހިންގުމުގެ ނަތީޖާކަމަށް ބުނުމަށް ޖާގަ އޮވެއެވެ. ރަނގަޅު ސޭންޑް ދިސްޕޮޒިޝަން ޓެސްޓެއް ހަދާލަން އާންމުގޮތެއްގައި 1 އަހަރުގެ މުއްދަތެއް ނަގައެވެ.
ހަރަދު ކަނޑާ ފައިދާ ޖެހޭ މިންގަނޑަށްވުރެ ދަށުން ދިވެހިރާއްޖޭގައި އިގްތިސާދީ ވަސީލަތްތައް ބިނާކުރަމުންދިއުމަކީވެސް މާލިއްޔާތަށް ބޮޑު ބުރައެކެވެ. ކުންފުންޏެއް އުފެއްދުމަށްފަހު މިހާރު އޮންނަ އުސޫލުން ނަމަ ޖެހެނީ އެ ކުންފުނި ހިންގަން ތަންތަނުން ލޯނު ނަގައިގެން ފައިސާ ޕަމްޕުކުރަން ތިބެންށެވެ. މިފްކޯއަކީ މިކަމުގެ މިސާލެކެވެ.

މަހަކީ ކެއުމާއި ބުއިންކަމަށް އަދި ދިވެހިންގެ ލޭނާރުކަމަށް ބުނެ ލަވަޖަހަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް ހަގީގަތުގައި ކަން އޮތް ގޮތް ބަލާއިރު، މި ސިނާއަތުން ދިވެހިންނަށް ވަމުންދަނީ ގެއްލުމެވެ. 1993 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކުންފުންޏެއްކަމަށްވާ މިފްކޯ މިއަދާއި ޖެހެންދެންވެސް ދެމި އޮތްއިރު، އޮތީ ބިލިއަނުން ގެއްލުންވެފައެވެ. ހިންގާކަމަށް މަސް އެކްސްޕޯޓުކުރާކަމަށް ވަސީލަތްތައް ހޯދާކަމަށް އަޑުތައް އިވުނު ނަމަވެސް ރިޓާރންއެއް ލިބޭކަމަކަށް ނުފެނެއެެވެ. މައި އިގްތިސާދުގެ ޖާގަވެސް ގެއްލިއްޖެއެވެ.
މިފްކޯއިން މަހުގެ އެކި ބާވަތްތައް އުފައްދައި އެސްޕޯޓުކުރާއިރު ފައިދާ ނުވުމަކީ އަޖައިބެކެެވެ. ދުނިޔޭގެ ދަޅު މަހުގެ އިގްތިސާދުގެ ތެރޭގައި އެކަނިވެސް 8 ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއްގެ ފައިސާ ދައުރުވަމުންދާކަމަށްވުމުން ވަށައި ކަނޑު އޮތް އިރާއި ކަނޑުގައި މަސް މަދުނުވާއިރުއިރު މި ދާއިރާއިން ރާއްޖެއަށް މަންފާއެއް ހާސިލުވެފައިނުވާ ސަބަބާއިމެދު ގިނަ ސުވާލު އުފެދެއެވެ. ޔަގީނުންވެސް ރައްޔިތުން ތިބީ ހަރަދުކޮށްގެން އިތުރަށްވެސް ކުރަން ތައްޔާރަށެވެ. ލޯނުތައްވެސް ނަގާނެ ވަރަކަށް ސަރުކާރުތަކުން ދަނީ ނަގަމުންނެވެ. ފެކްޓަރީ ގާއިމުކުރާނެ ރަށްތައްވެސް ވަކި މަދެއް ނޫންކަމަށްވާއިރު، މަސް ބޭނުމުގައިވެސް އަބަދު އިވެނީ ރިކޯޑެއް މުގުރާލާފައިވާކަމުގެ އަޑެވެ. އެއްވެސް ހުރަހެއް ނެތެވެ. އެހެންކަމުން މިއީ ވަރަށް ގާތުން ބަލަންޖެހިފައިވާ މައްސަލައެއްކަން ޔަގީންވެއެވެ.

2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި 104 މިލިއަން ޑޮލަރުގެ ފައިދާވިކަމަށް މިފްކޯއިން އިއުލާނުކުރިއިރު އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޮޑިޓަ ގެނަރަލްވަނީ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ އަދަދުތައްވެސް ހާމަކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް މިފްކޯއަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާކަން ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި މިފްކޯއިން ޢަމަލުކޮށްފައިވާގޮތާއި ގުޅޭގޮތުން ޝާއިއުކުރި ހާއްސަ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ގެއްލުންތައް ވެގެންދާދިއުމުގެ އިތުރުން ހަރަދު ކަނޑައި ފައިދާ ނެގޭ މިންގަނޑަށްވުރެ ދަަށުން ފެކްޓަރީތައް ފަދަ އިގްތިސާދީ ވަސީލަތްތައް ގާއިމުކުރަމުންދަނީވެސް ކޮން ސަބަބާކާއި ގުޅިގެންބާއޭ ހިތަށް އަރައެވެ. ދަޅުމަހުގެ އިގްތިސާދުގެ ތެރޭގައި 8 ބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއްގެ ފައިސާ އަހަރެއްގެ މައްޗަށް ދައުރުވަމުންދާއިރު، 4.5 އިންސައްތައިން ފުޅާވަމުންދާނެކަމަށްވެސް މާހިރުން އަންދާޒަކުރެއެވެ. ރާއްޖެއަށް މި ޑިމާންޑަށް ކޭޓަރ ނުކުރެވެންވީ ސަބަބެއް ނެތެވެ.


މީގެ ކުރިން މިފްކޯއިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2021 ވަނަ އަހަރު އެ ކުންފުނިން އިގްތިސާދީ ބޭނުމަށް ބަންދުކޮށް އެކްސްޕޯޓުކޮށްފައިވަނީ 213،319 މަސް ދަޅެވެ. އެ އަދަދުގެ މަސް ދަޅު އެކްސްޕޯޓުކޮށްގެން 7.2 މިލިއަން ޑޮލަރު ހޯދިކަމަށް ހާމަކޮށްފައިވެއެވެ. މިއީ 2018 ވަނަ އަހަރަށްފަހު ރާއްޖެއިން އެންމެ ގިނައިން ދަޅުމަސް ބޭރުކުރި ފަހަރެކެވެ. މިއަދަދާއިމެދު ސުވާލު ނުއުފެދުނު ނަމަވެސް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފަލަަސްތީނަށް ދެ މިލިއަން މަސް ދަޅު ދިނުމަށް ނިންމައި އިއުލާނުކުރައްވާފައިވުމުން ވަރަށް ގިނަ ސުވާލުތައް އުފެދެއެވެ.
ފަލަސްތީނަށް ދޭން ކުއްލި ގޮތަކަށް 2 މިލިއަން މަސް ދަޅު އުފެއްދޭނަމަ، ދިވެހިންނަށްޓަކައި އިގްތިސާދު ކުރުމަށް އެ އަދަދު ނުއުފެއްދެންވީ ސަބަބާއިމެދު ސުވާލު އުފެދެއެވެ. އަދި ރައީސް ސާލިހަށް ރާއްޖޭގެ ޕްރޮޑަކްޝަން ކެޕޭސިޓީ އޮޅިވަޑައިގަތީތޯވެސް ސުވާލު އުފެދޭއިރު، އައު މައުލޫމާތުތަކުގެ އަލީގައި އެ މިންގަނޑަށް އުފެއްދޭކަންވެސް ޔަގީންވެއެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގައި ދެއްކެވި ވާހަކަތަކުން މިކަން މަސްދަޅު އުފެއްދުމުގެ ކެޕޭސިޓީ ކަށަވަރުވެގެންދެއެެވެ.
މިނިސްޓަރ ޒަމީރު މަޖިލީހުގެ ކޮމިޓީއެއްގައި ހާމަކުރެއްވިގޮތުން ފަލަސްތީނަށް މަސްދަޅުތައް ފޯރުކޮށްދިނުމުގައި ދަތިތައްހުރިކަމަށްވުމުން ލަސްތައް ވެފައިވާނަމަވެސް މަސްދަޅުތައް ތިބީ ގެންދިއުމަށްޓަކައި ތައްޔާރީ ހާލަތުގައެވެ. އަދި ސައުދީ ސަރުކާރުންވެސް އެތަކެތި ގެންދިއުމަށް މަގެއް ފަހިވެގެންދާނެކަމުގެ އިޝާރާތްތަކެއް ކޮށްފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އެހެންކަމުން މިފްކޯގައި ހިލޭ ދިނުމަށް ދެ މިލިއަން މަސްދަޅު އުފެއްދޭއިރު، އިގްތިސާދަށް ދެ ލައްކަ އުފެއްދުމުގެ ފަހަތުގައިވާ ވިސްނުމާއިމެދު ވަރަށް ގިނަ ސުވާލުތައް އުފެދެއެވެ.
ޕްރޮޖެކްޓުތައް ހަވާލުކުރުމަށްފަހު މަޑުޖެހިފައި އޮތުމަކީވެސް މިފަދަ މައްސަލައެއްކަމަށްވާއިރު، ރާއްޖޭގައި ތަރައްގީ ކުރެވޭ ވަސީލަތްތަކާއި ތަންތަނުގެ މެއިންޓެނެންސް ނެހެދުމަކީވެސް މި ބުރަ ބޮޑުވެގެންދާނެކަމެކެވެ. ހުޅުމާލެ އާއި މާލެ ގުޅުވައިދޭ ބުރިޖުގެ މެއިންޓެނެންސް ނުކޮށް ދޫކޮށްލާފައިވާކަން މިފަހުން ހާމަކޮށްފައިވާއިރު، ފެނަކަ ކުންފުނީގެ ތެރެއިންވެސް ވަސީލަތްތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން ހަލާކުވެ ހަރަދުތައް ބޮޑުވެގެންދިއުމަށް ދިމާވި މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ.

