ބެގޭޖް ފީ ދެއްކުމަށް ދެކޮޅު ހަދައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގައި، އެއާލައިނެއްގެ ދެ މުވައްޒަފަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި މީހާ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރު ކުރީ ކްރިމިނަލް ކޯޓަށްކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވާހަކަ ދޮގުކޮށްފި އެވެ.
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އެ މާރާމާރީ ހިނގައި ދިޔައީ ބިދޭސީ މީހާ ފުރަން ގޮސް ހުރި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގަ އެވެ. ބިދޭސީ މީހާ ހަމަލާ ދީފައި ވަނީ އެއާލައިންއެއްގެ ދެ މުވައްޒަފަކަށެވެ.
ބިދޭސީ މީހާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށް ފަހު، ވަނީ ދޫކޮށްލާފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި، އޭނާ ހާޒިރު ކުރީ ކްރިމިނަލް ކޯޓަށެވެ. އެކަމަކު އެކަން ދޮގުކޮށް، މިއަދު އެ ކޯޓުން ކުރި ޕޯސްޓެއްގައި ވަނީ ބަންދާއި މެދު ގޮތެއް ނިންމަން ބިދޭސީ ހާޒިރު ކުރީ ކްރިމިނަލް ކޯޓަށް ނޫން ކަމަށެވެ.
އެ ޕޯސްޓަށް ފުލުހުންގެ ސްޕޯކްސްޕާސަން، ޗީފް ސުޕްރިޓެެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ބިދޭސީ މީހާ ހާޒިރު ކުރީ ހުޅުމާލެ ކޯޓަށް ކަމަށެވެ.
އެއަރޕޯޓުގައި ހިނގި ހާދިސާގައި ތުހުމަތުކުރެވުނު މީހާ ގެންދެވުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށްކަމުގައި ދަންނަވަން.
— Ahmed Shifan (@Shifan4040) May 7, 2024
އެނގިފައިވާ ގޮތުގައި، މުވައްޒަފުންނަށް ހަމަލާ ދިން ބިދޭސީ ދޫކޮށްލީ، ފުރައިގެން ދިއުން މަނާކޮށެވެ.
އެއާލައިންގެ މުވައްޒަފުންނަށް ބިދޭސީ މީހާ ހަމަލާ ދިނީ، ބެގޭޖް ފީ ދެއްކުމަށް ދެކޮޅު ހެދުމަށް ފަހު އެވެ. ބަރުވި ލަގެޖަށް 30 ޑޮލަރު ދައްކަން ޖެހޭތީ، ކައުންޓަރުގައި އިން މުވައްޒަފު އެކަން އެންގުމުން ނުރުހުންވެ ފައިސާ ދެއްކުމަށް ދެކޮޅު ހެދީ އެވެ.
ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން ދާ އެ ވީޑީއޯއިން ފެންނަ ގޮތުގައި، އެއާލައިން މުވައްޒަފު އޭނާއާއި ވާހަކަ ދެއްކުމަށް މަސައްކަތް ކުރެ އެވެ. އަދި ދެވަނަ މުވައްޒަފު އެކަން ހުއްޓުވަން މަސައްކަތް ކުރަނީ، އެއް މުވައްޒަފު މޫނު މަތީގައި އޭނާ ޖެހުމުންނެވެ. އެކަމަކު ބިދޭސީ މީހާ އޭނާއަށް ވެސް ހަމަލާ ދޭ މަންޒަރު ވީޑީއޯއިން ފެނެ އެވެ.
މި މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ ހައްޔަރުކޮށް އޭނާ ޑީޕޯޓު ކުރުމަށާއި، އެއާޕޯޓުގެ މުވައްޒަފުންނަށް އެގޮތަށް ހަމަލާ ދެވިގެން ނުވާނެކަން ގިނަ ބަޔަކު ފާހަގަކުރި އެވެ. އަދި އޭނާ ފްލައިޓަށް ބޯޑު ކުރުމުގެ ކުރިން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެކަމަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބިދޭސީ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުލުހަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވާކަމަށެވެ.
މީޑިއާތަކުން ވަނީ ކޯޓުން އޭނާ ދޫކުރީ ކޮން ޝަރުތުތަކެއް ކުރުމަށް ފަހު ތޯ ސުވާލުކޮށްފަ އެވެ. އެކަމަލު ފުލުހުން އެ ތަފްސީލެއް ނުދެއެވެ.
ބިދޭސީ މީހާ، ދިވެހި ދެ މުވައްޒަފަކަށް ހަމަލާ ދިން އިރު އެތަނުގައި އެއާޕޯޓުގެ ސެކިއުރިޓީ އެވްސްކޮމް ހިމެނޭހެން އެހެން މުވައްޒަފުން ވެސް ތިބެ އެވެ.

