ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދަކީ ރައްޔިތުން ދެކެ ލޯބިވާ މަޖިލީހަކަށް 20 ވަނަ ރައްޔިތުންގެ މަޖިލީސް ވެގެންދިއުންކަމަށާއި އެހެންކަމުން ތަފާތު ބޮޑު އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ލިބިފައިވާ ސުޕަރ މެޖޯރިޓީއާއިއެކު މަސައްކަތްތައް ކުރެވިގެންދާނެ ގޮތާއިމެދު ވާހަކަދައްކަވަމުން އިންތިހާބީ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އައްޔަނުކުރެވިފައިވާ ހުރިހާ މެމްބަރުންގެވެސް އެއް އަމާޒަކީ ތަފާތު މަޖިލީހެއްގެ ގޮތުގައި ފެނިގެންދިއުންކަމަށެވެ. އޭނާ ވިދާޅުވީ، 19 ވަނަ މަޖިލިސް ވެގެންދިޔައީ ރައްޔިތުންނަށް އެހާ ލާބަ ހުރި ކަންކަން ކުރެވުނު މަޖިލީހަކަށް ނޫންކަމަށާއި ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ދީފައިވާނަމަވެސް ފެނިގެންދިޔައީ ދައުރު ނިމިގެންދާއިރުވެސް ޖަލްސާތައް ނުބޭއްވި ކޯރަމް ހަމަނުވެދާ މަންޒަރުކަމަށެވެ.
މުސްތަފާ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ ދެމެދުގައި މައްސަލަތައް ހޫނުވެގެންދިޔަ މަންޒަރުވެސް ފެނުނުކަމަށާއި އުފެއްދުންތެރިކަމާއިއެކު ހިނގަމުންދިޔަ މަޖިލީހެއްގެ ބަދަލުގައި ފެނިގެންދިޔައީ ޒާތީ ތައްސުބެއްގެ މަތިން ހިނގަމުންދިޔަ މަޖިލީހެއްކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސިޓިންގް ރޫމުގައި އާއިލާއާއިއެކު ތިބެ މަޖިލީހުގެ ޖަލްސާތައް ބަލާލަން ނުކެރޭ ފެންވަރަށް ނިމިގެންދާ ދައުރުގައި މަޖިލީހުގެ ކަންކަން ހަޑިވެގެންދިޔަކަމަށެވެ.
އޭނާ ވިދާޅުވީ، 20 ވަނަ މަޖިލީހަކީ އެފަދަ މަޖިލީހަކަށް ވެގެން ނުދާނެކަމަށް އުންމީދުކުރައްވާކަމަށާއި އައު މަޖިލިސް ވެގެންދާނީ ވަރަށް ޑިސިޕްލިންޑް މަޖިލީހަކަށް ކަމަށް ގަބޫލުކުރައްވާކަމަށްވެސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އައު މަޖިލިސް ވެގެންދާނީ އަހުލާގީގޮތުން ރަނގަޅު ބިނާކުރަނިވި ފާޑުކިޔުންތައް އިވިގެންދާ އުފެއްދުންތެރި މަޖިލީހަކަށް ކަމަށްވެސް ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ، 20 ވަނަ މަޖިލީހުގެ ދައުރު ތަފާތުވާނެކަމަށް ސަރުކާރުން ބުނަމުންދަނީ ކަންކަން އެގޮތުގެ މަތީ ހުރުމުންކަމަށާއި ހަގީގަތުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާއަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ސުލޫކީ މިންގަނޑުތައް ހިފަހައްޓާ ރުޅިވެރިކަމެއް ހަސަދަވެރިކަމެއް ބޭއްވުމެއް ނެތް ބަޔަކަށް ވުންކަމަށްވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުން ދެކެ ލޯބިވާ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެންދިއުމަކީ ރައީސް މުއިއްޒުގެ އިރުޝާދުކަމަށެވެ. އެހެންކަމުން އައު މަޖިލީހުގެ ދައުރަކީ ތަފާތު ބޮޑު އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިގެންދާނެ ދުވަސްތަކަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ، 20 ވަނަ މަޖިލިސް ވެގެންދާނީ ކޯރަމް ގެއްލިގެން ނުބޭއްވޭ މަޖިލީހަކަށްވުރެ ބޮޑަށް ހުރިހާ ޖަލްސާތަކަށްވެސް މެމްބަރުން ހާޒިރުވާ މަޖިލީކަހަށް ކަމަށެވެ. އެހެންކަމުން ޕީއެންސީއިން ކުރިއަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އިސްވެ ދެންނެވި ފަދައިން ތަފާތުތައް ދައްކައިދޭނަކަމަށްވެސް ވިދާޅުވިއެވެ.

