ނަރުހުން އަދާކުރަނީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި “ އެކްސް ”ގައި ކުރި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ނަރުހުންގެ ޙިދުމަތުގައި އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ޤައުމީ ވާޖިބެކެވެ.
— Dr Mohamed Muizzu (@MMuizzu) May 12, 2024
ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ 12 މެއި ގައެވެ. ކޮންމެ ގައުމެއްގައިވެސް ނަރުހުން ވަނީ އެ ގައުމެއްގެ ރައްޔިތުންނަށްޓަކައި އެތައް ގުރުބަނީ އެއްވާ މުހިންމު ބަޔަކަށެވެ. އެންމެ ފަހުގެ ދުވަސްތަކަށް ބަލާއިރު ކޮވިޑް- 19 ގެ ތެރެއިން މިކަން ފާހަގަވެގެން ދިޔައެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިންސާނިއްޔަތަށްޓަކައި ނަރުހުން ވަމުންދާ ޤުރުބާނީ އަގުވަޒަން ކުރުމެވެ.
މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިން ކަނޑައަޅާފައިވަނީ ”އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ“ އެވެ. މިއީ ޞިއްޙީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަރުހުންނަށް ޚިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާމެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.

