ގައުމީ އިނާމަށް ހުށައެޅޭނެ އެންމެފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަސް ކަމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން ބުނެފިއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ގައުމީ އިނާމާއި ބެހޭ މެންބަރުން ވިދާޅުވީ މިއަހަރު ގައުމީ އިނާމަށް ނަންހުށައެޅުމަށް 38 ދާއިރާ ހުޅުވާލެވިފައިވާ ކަމަށާއި އަދި މިއަހަރު 2 ދާއިރާ އިތުރު ކުރައްވާފައިވާކަމަށެވެ. އެ ދެ ދާއިރާގެ ތެރޭގައި ދިވެހި ގައުމިއްޔަތުގެ ދާއިރާ އާއި ދެމިހުންނަނި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ގައުމީ އިނާމަކީ 1979ވަނަ އަހަރުން ފެށިގެން ސަރުކާރުން ދެމުން އަންނަ ވަރަށް ހާއްސާ އިނާމެއް. ދިވެހިރާއްޖޭގެ ލާބަޔާއި މަންފާޔައްޓަކައި. ފަރުދުންނާއި، މުވައްސަސާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރި ދާއިރާތަކުގެ މަސައްކަތްތެރިންނަށް އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ އިނާމެއް. މި އިނާމަކީ ވަރަށް ފަހުރުވެރި އިނާމެއް
އިނާމުތަކުގެ ތެރޭގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެވޭ ގޮތްތަކުގެ ތެރެއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެވޭނީ ވަކި ފަރުދަކު ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި، މަދުވެގެން 35 އަހަރު ޚިދުމަތްކޮށްފައި ވުމުން ކަމަށް މެނަބަރުން ފާހަގަކުރެއްވިއެވެ.
ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެވޭނީ ވަކި ފަރުދެއްނަމަ އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ޚިދުމަތްކުރުމާއެކު މިހާރުވެސް އެދާއިރާގެ ޚިދުމަތުގައި ދެމިހުރުމުން ކަމަށާއި އަދި މުއައްސަސާއެއްނަމަ ޚިދުމަތް ދިނުމުގައި މަދުވެގެން 10 އަހަރުވާން ޖެހޭނެކަމަށް މެންބަރުން ވިދާޅުވިއެވެ.
ކޮމިޓީގެ މެންބަރުން ވިދާޅުވީ ހިތްވަރުދިނުމުގެ ޤައުމީ އިނާމުގައި ހިމެނޭ އަންހެނުންގެ ދާއިރާއިން އިނާމު ދެވޭނީ އެ ދާއިރާއިން އިނާމު ދިނުމަށް ކަނޑައެޅިފައިވާ ރޮނގަކުން މަދުވެގެން 5 އަހަރުގެ މުއްދަތެއްގައި، ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކުރުމާއެކު އެދާއިރާގެ ޚިދުމަތުގައި ދެމިތިބި އަންހެނުންނަށް ކަމަށެވެ.
ހިތްވަރުދިނުމުގެ ޤައުމީ އިނާމުގައި ހިމެނޭ ޒުވާނުންގެ ދާއިރާއިން އިނާމު ދެވޭނީ އެ ދާއިރާއިން އިނާމު ދިނުމަށް ކަނޑައެޅިފައިވާ ރޮނގަކުން މަދުވެގެން 5 އަހަރުގެ މުއްދަތެއްގައި ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކުރުމާއެކު އެދާއިރާގެ ޚިދުމަތުގައި ދެމިތިބި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް މެންބަރުން ވިދާޅުވިއެވެ.
މީގެއިތުރުން ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި ފޯމު ފުރިހަމަ ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށް މެންބަރުން ވިދާޅުވިއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނަމަ ރައީސް އޮފީހުގެ ވެބްސައިޓަށް ކަމަށާއި ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށް ކަމަށް ވިދާޅުވިއެވެ.

