ފާއިތުވި 6 އަހަރަށް ބަލާއިރު ޖިންސީ ކުށުގެ މައްސަލަ 2000 އަށް ވުރެން މައްޗަށް އަރައިފައިވާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީގެ ރިޕޯޓުން ހާމަ ކޮށްފިއެވެ.
ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރ އަދި މިހާރުގެ ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވަނީ މަޖިލިހަށް ޤަރާރެއް ހުށައަޅައިފައެވެ.
މިކަމާއި ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީއިން ތައްޔާރު ކުރި ރިޕޯޓުގައި ޖިންސީ ގޯނާކޮށްގެން ފުލުހުންގެ ހިދުމަތަށް ހުށައެޅޭ ގިނަ މައްސަލަތަކަކީ ޖިންސީ ގޯނާއާއި ގުޅިގެން ބްލެކްމެއިލް ކުރާ މައްސަލަތަކެވެ. އަދި އެ 6 އަހަރު ތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ 2020 ވަނަ އަހަރު 487 މައްސަލައެވެ.
ޖިންސީ ކުށުގެ މައްސަލަތައް އެކި އަހަރުތަކުގައި ހުށައެޅި އަދަދު:
2018: 362 މައްސަލަ
2019: 410 މައްސަލަ
2020: 487 މައްސަލަ
2021: 342 މައްސަލަ
2022: 334 މައްސަލަ
2023: 234 މައްސަލަ
ޖުމްލަ 2169 މައްސަލަ
މީގެ އިތުރުން ކޯޓުތަކަށް ޖުމްލަ 47 މައްސަލަ ހުށައަަޅައިފައި ވާއިރު ކޯޓުން ސާބިތުވެފައިވަނީ 10 މައްސަލައެވެ. އަދި ޖިންސީ ގޯނާގައި އަނިޔާ ލިބޭ ފަރާތްތަށް، ހަށިގަނޑު ތަހުގީގު ކުރަން ބޭނުންވާ ސާމާނު ރައްރަށުގައި ސިއްޙި ހިދުމަތްދޭ ތަންތަނުގައި ވަސީލަތްތައް ގާއިމްކޮށްފައި ނެތްކަން ރިޕޯޓުގައި ވަނީ ފާހާގަކޮށްފައެވެ.

