ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާންމު ފަރާތްތަކުން ގާއިމުކޮށްފައިވާ ހަޓު ފަދަ ތަންތަން މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށް އެޗްޑީސީއިން އަންގައިފިއެވެ.
އެޗްޑީސީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ގިނަ އަދަދެއްގެ އަމިއްލަ ފަރާތްތަކުން އެކި ސިފަތަކުގައި ވިޔަފާރިކުރަމުންދާ ސަރަހައްދެއްކަމަށްވާ ޕޭސް ދެއެއްގެ ރުއްގަނޑު ބީޗު ސަރަހައްދުގައި ގާއިމުކޮށްފައިވާ ހަޓުތައް ފަދަ ތަންތަން މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނަގާލަން އަންގާކަމަށެވެ. އަދި ވަގުތީގޮތުން ޖަހާފައިވާ ހަޓުތައް ނެގުމަށް ނިންމާފައިވަނީ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުންކަމަށްވެސް ބުނެފައިވެއެވ
ކަނޑައެޅިފައިވާ މުއްދަތަށް އެ ސަރަހައްދުގައި ތިބި މުދާ ނަގާފައިނުވާނަމަ އެޗްޑީސީއިން އެ ތަކެތި ނަގާލައި ސާފުކުރުމުގެ މަސައްކަތްތައް ކުރާނެކަމަށްވެސް ބުނެފައިވާއިރު، އެ މަސައްކަތްތަކުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެކަމަށްވެސް ބުނެފައިވެއެވެ. ހުޅުމާލޭގެ ދެވެނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި ބޭނުމަށް އެކި ސިފައިގައި މަސައްކަތްތައް ކުރަމުންދާނަމަވެސް އެ ތަނަކީ ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދެއްކަމަށްވުމުން ވަސީލަތްތައްވެސް ގާއިމުވެފައިނުވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެކަމުގެ ދަތިކަން ކުރިމަތިވެގެންދާކަމަށްވެސް ފާޙަގަކޮށްފައިވެއެވެ.
އެ ކުންފުނިންވަނީ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސާފުތާހިރުކަން ދެމެހެއްޓުމުގައި އަހައްމިއްޔަތުކަން ނުދޭ މައްސަލައިގެ މައްޗަށްވެސް އަލިއަޅުވާފައެވެ. އެގޮތުން ބޭނުންކުރަމުންދާ ގޮތުގެ ސަބަބުން ސާފުކޮށް ބެލެހެއްޓުމުގައިވެސް ދަތިތައް ކުރިމަތިވާކަމަށާއި އެހެންކަމުން ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައިވެއެވެ. އަދި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށްކަމަށާއި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރާކަމަށްވެސް ބުނެފައިވެއެވެ.

