މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ގާއިމްކުރާ ފެން ޓޭންކުތަކުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، ދިފާއީވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އާރްޑީސީ ގުޅިގެން ފަށާފައިވާ މަޝްރޫގައި ގާއިމު ކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި ކަމަށެވެ.
މި މަޝްރޫޢުގައި ޤާއިމު ކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް، އެމް.ޕީ.އެލް ، އެމް.ޓީ.ސީ.ސީ އަދި އާރު.ޓީ.އެލް އާއެކު މިމަސައްކަތާ ގުޅިގެން ބައްދަލުވުމެއް ބާއްވާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ބައްދަލުވުމުގައި، އެ ސަރަޙައްދުގެ ޓްރެފިކް ފްލޯފަދަ ކަންކަމަށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި މި މަޝްރޫޢުގެ ވަށައިގެން ހިނގާ، ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމާއިމެދު މަޝްވަރާ ކުރެވި ގޮތްތަކެއް ނިންމި ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

