ސިފައިންގެ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށް ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް ބިނާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
’ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ’ގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ޗައިނާގެ ކުންފުންޏަކާއެކު ކޮންޓްރެކްޓްގައި ސޮއިކުރީ އިއްޔެއެވެ.
އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް، މަޝްރޫއުގެ އެއްބަސްވުމުގައި ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ނައިބު، ފާތިމަތު މިޒްނާ އަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މރ. ޖޯ ވޭދޯންއެވެ.
ދިފާއީ ވުޒާރާއިން ބުނެފައިވަނީ، އެ މަޝްރޫއަކީ ސިފައިންގެ ގާބިލްކަން އިތުރުކޮށް، ސިފައިންގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމަޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށް ޓަކައި ސިފައިންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށެވެ.
ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު އިޔާޘް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސިފައިންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކޮށް ވަސީލަތްތައް ގާއިމްކުރުމަށް ހާއްސަކޮށްގެން ކުރިއަށް މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

