“ އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް “ ގައި އެންމެ ބޮޑު ބޭނުމަކީ މިފްކޯގެ ކެޕޭސިޓީ އައު ގޮތްތައް ހޯދުމަކީ މުހިންމު ކަމެއް ކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެ އެވެ.
18 ވަނަ “ އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެސް “ ގައި ބައިވެރި ވުމަށް މިފްކޯގެ ޓީމު ވަނީ ތައިލެންޑްއަށް ފުރާފައެވެ. މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދުގެ އިތުރުން ކުންފުނީގެ އިސްވެރިންވެސް ވަނީ މި “ އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް “ ގައި ބައިވެރި ވެފައިވެއެވެ. މި ކޮންފަރެސް އޮތުމަށް ހަމަޖެހިފައިވާނި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ގެ ނިޔަލަށް ތައިލެންޑްގެ ޝަންގަރިއްލާ ހޮޓަލުގައެވެ. މި ކޮންފަރެސްގައި ދުނިޔޭގެ އެކި ގައުމުތަކާއި ސިނާއަތުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުން ވަޑައިގަންނަވާނެއެވެ.
މި ކޮންފަރެސްގައި މިފްކޯގެ ސީއީއޯގެ ޙާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާނެއެވެ. މި ޕްރެޒެންޓޭޝަން ހުށައެޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރާއްޖެ ގަނޑިން މެންދުރުފަހު 14:00 ގައެވެ.
މި ކޮންފަރެންސްއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އިންޑަސްޓްރިއަލް ޕްރޮޑަކްޝަންގައި ހުރި ގޮންޖެހުންތައް ހިއްސާކޮށް، އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް މަޝްވާރާކުރެވޭނެ މުހިންމު ތަނެކެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މުހިންމުކަމާއި މި ސިނާއަތް ކުރިއެރުވުމުގައި ހުރި ގޮތްތައް ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ހިއްސާކުރުމަށް ލިބިދޭ ފަހި ފުރުސަތެއްކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިކަމާއި ގުޅިގެން މިފްކޯގެ ސީއީއޯ ޝަމާހު ވިދާޅުވީ، މަސްވެރިންނަށް ދެވޭ ޙިދުމަތްތައް މިހާރަށް ވުރެން ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ބެލުމަށްފަހު އައު ގޮތްތައް ހޯދުމަކީ މުހިންމު ބޭނުމެއް ކަމަށެވެ.
”މިފްކޯގެ މަސައްކަތްތައް ހަރުދަނާ ކުރެވޭނީ މަސްވެރިންނާއެކު ގާތުން މަސައްކަތް ކޮށްގެން.. އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރުކޮށް މަސްވެރިންނަށް ދިމާވެފައިވާ ތަކުލީފުތައް ނިމުމަކަށް ގެނައުން.“ ޝަމާހު ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ މާކެޓަށް މިފްކޯއިން އުފައްދާ މަހުގެ ބާއްވަތްތައް އިސްތިހާރުކޮށް އައު ކަސްޓަމަރުން ހޯދުމަށް މި ފެއަރ މެދުވެރިކޮށް މުހިންމު މަސައްކަތް ތަކެއް ކުރެވިގެން ދާނެެ ކަމަށް ޝަމާހު ވަނީ ފާހަގަކޮށްފައެވެ. “ އިންފޯ ފިޝް ޓޫނާ ކޮންފަރެންސް “ އަކީ ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީގައި، މަހުގެ ބާވަތްތައް ޕްރޮސެސްކޮށް، މާކެޓްކޮށް ވިއްކާ ވިޔަފާރިކުރާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ބޭއްވިގެންދާ އެންމެ ބޮޑު ކޮންފަރެސް ކަމަށް އެ ކުންފުނިން ވަނީ ހާމާކޮށްފައެވެ.

