މަރު ކޮމިޝަންގެ ރިޕޯޓުތައް ލިބުމުން ހާމަކުރާނެ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
”ސަންގު ޓީވީ“ އިން ސުވާލު ކުރުމުން ހީނާ ވިދާޅުވީ މަރު ކޮމިޝަންގެ ރިޕޯޓްތައް ލިބުމުން ސަރުކާރުން އެކަން ހާމަކުރައްވާނެ ކަމަށެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް ތަހުގީގުތައް އަދިވެސް ކުރިއަށް ދާތީ އާއިލާތަކުގެ އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރު ކޮމިޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް ދަންމާލައްވައިފައެވެ.
މަރު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ނިންމާފައިވާ ރަސްމީ ރިޕޯޓްތައް ހޯދުމަށް އަހުމަދު ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ އާއިލާއިން ބޭނުންވާކަން ކޮމިޝަނަށް އެނގޭ ކަމަށެވެ. އެ ރިޕޯޓްތަކުގައި ހިމެނޭ ގިނަ މައުލޫމާތުތަކަކީ ހައްސާސީ އަދި ސިއްރު މައުލޫމާތުތަކެއް ކަމަށްވާތީ ކޮމިޝަނުން ގަސްތުކުރަނީ 31 މެއި 2024ގެ ކުރިން އުނިކުރަން ޖެހޭ ބައިތައް އަދި ރިޕޯޓްތައް ދިނުމަށް ކަމުގައި މަރު ކޮމިޝަނުން ބުނެއެވެ.
ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ ހުރިހާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންޖެހޭނެ ކަމަށާއި އެގޮތަށް އަމަލުކުރުން ކޮމިޝަނަށް ގާނޫނީ ގޮތުން ލާޒިމު ކަމަށެވެ. ނަމަވެސް އުނިކުރަންޖެހޭ ބައިތައް އުނިކޮށްފައިވާ ރިޕޯޓްތައް ނިންމާނީ އާއިލާތަކަށް މައްސަލަތަކާ ބެހޭ މުހިންމު މައުލޫމާތު ލިބޭނެ ގޮތަށް ކަމަށާއި މައުލޫމާތު އުނިކޮށްފައިވާ ރިޕޯޓްތައް އާންމު ކުރުމަށް ކޮމިޝަނުން ރައީސަށް ލަފާދެއްވާނެ ކަމަށް ވެސް މަރު ކޮމިޝަނުން ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކޮމިޝަން އުފެއްދީ ބައެއް މަރުތަކުގެ މައްސަލަ އެކަށީގެންވާ ގޮތެއްގެ މަތިން ތަހުގީގުކުރެވިފައިނުވާތީއާއި މުއައްސަސާތައް ފެއިލްވުމުގެ ސަބަބުން އިންސާފު ގާއިމުކުރެވިފައިނުވުމާއި ގުޅިގެންކަމަށް ގަބޫލުކުރާކަމަށްވެސް ބަޔާނުގައިވެއެވެ. އެހެންކަމުން ޓްރަންސްޕެރެންސީގެ އުސޫލުތައް ނެގެހެއްޓުމުގެ ގޮތުން އެ ކޮމިޝަނާއިއެކު މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިން ފަރާތްތަކުގެ ދައުރު ފާހަގަކުރާކަމަށްވެސް ބުނެފައިވެއެވެ.

