ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަންގެ ފަސް އަހަރު؛ ދެއްކީ އެއްވާހަކައެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވިއްކި އިންސާފު ހޯދައިދިނުމުގެ ސިޔާސަތުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ”ރިޔާސީ ކޮމިޝަންތަކުގެ ބިލު“ ތަސްދީގު ކުރެއްވީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭރު ގެނައި ބިލުގެ މަގްސަދަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ކޮމިޝަންތަކުގެ މަސްއޫލިއްޔަތުތައް އެކަށައެޅޭ ގޮތާއި، އެކޮމިޝަންތަކުގެ ބާރުތަކާއި، މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

ރާއްޖޭގައި ތަހުގީގު ކުރުމުގެ އިދާރާތަކާއި މުވައްސަސާތަކަށް ލިބިގެންވާ ބާރުތަކާއިއެކު، ނުވަތަ ވަކީން ލިޔެވި ބަޔާން ކުރި ހާއްސަ ގާނޫނީ ބާރުތަކެއް ލިބިދިން އެ ކޮމިޝަންތަކުގެ ބާރުތަކުގެ ތެރޭގައި ފުލުހުން މެދުވެރިކޮށް މީހުން ހައްޔަރު ކުރުމާއި ބަލާފާސް ކުރުމާއި، ތަހުގީގަށް މީހުން ހާޒިރު ކުރުން ހިމެނޭއިރު ދައުވާއަށް ފޮނުވުމުގެ ބާރުވެސް ލިބިފައިވެއެވެ.

ރިޔާސީ އެހެން ކޮމިޝަންތަކުގެ މާޒީއާއި އަޅާބަލައި، ގާނޫނީ ހައިސިއްުޔަތެއް މި ކޮމިޝަންތަކެއް ދީފައި އޮތުމުގެ ސަބަބުން ތަހުގީގުތައް ރަނގަޅަށް ކުރިޔަށް ދާނެކަމަށް ބެލެވުނު ނަމަވެސް އަހަރެއް ނުވަނީސް ރިޔާސީ ކޮމިޝަންތަކުގެ އޮފްކަން ކެނޑެން ފެށި އެވެ. ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވަކި މުވައްސަސާއެއް އޮތް އިރު ބޮޑެތި ބާރުތަކެއްދީ މިހާރު ވުޖޫދުގައި ވެސް ނެތް އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދި އެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައިނުވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތްކަމަށް ބުނެއެވެ.

ރިޔާސީ ކޮމިޝަން ތަކަށް ކުރަމުން ދިޔަ ބޭކާރު ހަރަދުތަކުގެ ވާހަކައަކީ އޭރު އެންމެ ހޫނު ބަހުހެއްގެ ގޮތުގައި ސިޔާސީ އެކި ޖަލްސާތަކުގައި ދެކެވުނު އެއްވާހަކައެވެ. 15 މިލިއަނުން ފެށިގެން މިހާރު 20 މިލިއަނަށްވުރެ ބޮޑަށް ހަރަދުތައް އެތަނަށް ހިނގާފައިވާއިރު ކޮމިޝަންތަކުން ނެރުނު ނަތީޖާއަކީ ލޯ ލާރިއެއްވެސް ހަރަދުކުރަން ހެޔޮވާރުގެ ނަތީޖާއެއްނޫނެވެ. އޭރު އެކިގޮތްގޮތަށް މަރުވެފައިވާ މީހުންނަށް އިންސާފު ހޯދައިދޭނެކަމަށް ބުނެ ރައީސް ސޯލިހު އުފެއްދި މަރު ކޮމިޝަނުންވެސް ދައުރު ނިމުނު އިރު ނެރެވުނީ އެންމެ ރިޕޯޓެކެވެ.

ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި، ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި، އިލްމުވެރިޔާ އަފްރާޝީމްގެ މަރާއި އަދިވެސް އެތައް ބައެއްގެ މަރަށް އިންސާފު ނުލިބި އޮތުމަކީ މިއަދު އެ ކޮމިޝަން ފެއިލްވެފައިވާ ކަމުގެ އެއްހެއްކެވެ. ނޫސްވެރިން ތަކުރާރުކޮށް މަރު ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބޮޑެތި ބާރުތަކާއި އެ ކޮމިޝަނުުން އާންމު ކުރި މައުލޫމާތުގެ އަލީގައި ފިޔަވަޅު ނާޅަނީ ކޮން ސަބަބަކާއި ލައިގެންތޯ ސުވާލު ކުރުމުން އޭރު ރައީސް އޮފީހުގެ ތަރުޖާނު ދެއްވި ޖަވާބަކީ ކޮމިޝަނުން ތައްޔާރުކޮށްފައި ހުރީ ޑްރާފްޓްތަކެއް ކަމަށެވެ. މުޅިއެކު ނިމިފައި ވަނީ އެންމެ ރިޕޯޓެއް ކަމަށާއި ބާކީ ހުރި ޑްރާފްޓް ތަކުގެ މައްޗަށް ފިޔަވަޅު ނޭޅޭނެ ކަމަށް ވިދާޅުވީ އެއް ޑްރާފްޓަ އަނެއް ޑްރާފްޓަށް ބަދަލުވާއިރު އޭގަައި ބޮޑެތި ތަަފާތުތަކެއް ހުންނާނެ ކަމަށް ބުނެއެވެ.

މި ދެންނެވި ކޮމިޝަނުން މަރުގެ މައްސަލަތަކެއް ބަލައި، އެކުލަވާލި ރިޕޯޓެއް ނިންމައި އެކަން އިއުލާނު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އޭގައި ހުރި އެތައް ސިއްރު މައުލޫމާތުތަކެއް އާންމުވި އެވެ. ކޯޓުގައި އޭރު ހިނގަމުން ދިޔަ ޝަރީއަތާއި، ފުލުހުންގެ ތަހުގީގު އެއްކޮށް ހުއްޓިގެން ދިޔައީ ސިއްރު ހެކިންނާއި އެ މީހުންނާއި ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް އާންމުވުންނެވެ.

ނަތީޖާއަކަށްވީ ޝަރީއަތަށް ހެކި ބަސް ދިނުމަށް ގިނަ މީހުން އުޒުރުވެރިވުމާއި، ހެކިބަސް އަނބުރާ ގެންދިއުމެވެ. އަދި ކޯޓު މަރުހަލާގައި ބޭރު ނުވެ ހުރި އެތައް ޒާތީ މައުލޫމާތުތަކެއް ވެސް އެ ރިޕޯޓާއި އެކު ލީކުވި ވެ.

2022 ވަނަ އަހަރު މަރު ކޮމިޝަނުގައި މިހާރު ތިއްބެވި ދެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަކި ދެކެވުނު އައު ވާހަކައެއް ނެތެވެ. ”ބުންޏޭ، ބުންޏޭ“ އެއްގެ މައްޗަށް އެ ވާހަކަތައް ދެއްކެވި އިރު މަރު ކޮމިޝަނުގެ އެ ރިޕޯޓަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތްކަން އެބޭފުޅުންގެ ވާހަކައިގެން އެނގެން އޮވެއެވެ.

އެއްވެސް ނަތީޖާއެއް ނުނެރެވި އޮތް މަރު ކޮމިޝަން އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިހިނގާ މޭ މަސް ނިމުމުގެ ކުރިންނެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ރާއްޖެ އާއި ބޭރުގެ 10 ވަރަކަށް ޖަމިއްޔާ ގުޅިގެން ނޫސްބަޔާންނެރެ ކޮމިޝަން އުވާލުމުގެ ކުރިން އެ ކޮމިޝަންގެ ހޯދުންތައް އާންމުކުރުމަށް ގޮވާލައިފައިވެއެވެ.

މި ޖަމިއްޔާތަކުގެ ތެރޭގައި ބޭރު ބޮޑެތި ޖަމިއްޔާތައް ހިމެނޭއިރު އޭގެތެރޭގައި ހިއުމަން ރައިޓްސް ވޮޗް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް އަދި ރިޕޯޓާސް ވިތައުޓް ބޯޑާސް ހިމެނެއެވެ. މި ސަރުކާރުން ވަނީ ރައީސް އޮފީހަށް އެ ރިޕޯޓުތައް ހުށައެޅުމުން އެކަން އާންމު ކުރައްވާނެ ކަމަށް ބުނެފައެވެ.

މަރު ކޮމިޝަނުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޭރުގެ ގައުމުތަކަށް ވެސް ދަތުރުކޮށް، ހެކި އެއްކުރުމަށް މަސައްކަތް ކުރި އެވެ. އަދި ފަހަރުގައި ފުލުހުންގެ ތަހުގީގުތަކުން، އެނގިފައި އޮތް އެކަމަކު ފޮރުވިފައި ހުރި އެހެން ހޯދުންތަކެއް ހުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމަށްވާނަމަ، އެ އެނގުނު މައުލޫމާތެއް ތަހުގީގެއް އާއިލާތަކާއި ރައްޔިތުންނަށް އެނގުން މުހިންމެވެ.

އުފެދޭ ސުވާލަކީ 5 އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު ކުރި މަސައްކަތް ފިޔަވާ އިތުރުއެއްވެސް އާކަމެއް އޮންނާނެތޯއެ؟ އޭރު ހެދި ޑްރާފްޓްތަކާއި އާންމުކުރި މައުލޫމާތުގެ އިތުރުން އަލަށް އެ ކޮމިޝަނުން ހުށައަޅާނީ ކޮން އިތުރު ކަމެއްތޯއެ؟ ބޮޑެތި ގާނޫނީ ބާރުތަކެއް ކިބި ފަސް އަހަރުގެ މުއްދަތެއް ނިމިގެން ގޮސް އެތައް ބޭކާރު ހަރަދެއް އެ ކޮމިޝަނަށް ކޮށް އެދެވޭ ނަތީޖާއެއް ނުނިކުމެ އަދި ހޯދަން ބުނި އިންސާފުު މަޑުޖެހުމަކަށް ދިއުމަކީ މިއަދު އެ މަރުތަކަށް އިންސާފު ލިބޭނެ ކަމެއްތޯއެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ. އެތައް މަރެއްހިނގައި އެމަރުތަކުގެ އިންސާފު ނުލިބުނުތާ އުފެދި ކޮމިޝަންތަކަށް ހަރަދުކުރި ފައިސާވެސް ވީ ބޭކާރެއެވެ. ޔޫކޭގެ ކުރީގެ ޕްރައިމް މިިނިސްޓަރ ބުނެފައިވާ މޮޅު ބަސްކޮޅެއް އޮވެއެވެ. ”ޖަސްޓިސް ޑިލެއިޑް އިޒް ޖަސްޓިސް ޑިނައިޑް“.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: