މޫސުން ގޯސްކަމަށްވުމުން ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ރައްކައުތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޑީސީއިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީއިން ނެރެފައިވާ ބަޔާނެއްގައި އެ ކައުންފުނިންވަނީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫސުން ގޯސްކަމަށް އަލިއަޅުވައި ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހުޅުމާލެގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތަައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެ ކުންފުނިންވަނީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ޖަހާފައިވާ ސޭފްޓީ ނެޓު އަދި ޓިނުފަދަ ތަކެތި ރަނގަޅަށް ބަނދެ ހައްޔަރުކުރެވިފައިވާކަން ކަށަވަރުކުރުމަށް އިރުޝާދު ދީފައިކަމަށްވާއިރު ގޭގޭ ބެލްކަނިތަކާއި ޓެރަސްތަކުގައި ބެހެއްޓިފައިވާ އާންމުންނަށް ގެއްލުންވެދާނެ ފަދަ ތަކެތިވެސް ނަގާލުމަށް އެޗްޑީސީއިންވަނީ އެދިފައެވެ. އަދި ބޭރަށް ހުޅުވާފައި ހުންނަ ފެން ލައިޓުތަކުންނާއި ކުޑަދޮރު ފަދަ ތަންތަނުން ގެއަށް ފެން ނުވަންނާނެ ގޮތަށް ފިޔަވަޅު އެޅުމަށްވެސް އެ ކުންފުނިން އިރުޝާދު ދީފައިވެއެވެ.
އެޗްޑީސީއިންވަނީ އެންމެހާ ފަރާތްތަކުންވެސް ރައްކައުތެރިކަމަށްޓަކައި ފިޔަވަޅުތައް އަޅައި މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށާްވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

