ދަރަންޏަށް ލުއި ހޯދުމުގެ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާ އާއިއެކު ޑީލެއް ހަދާފައިވާކަމަށް ބެލެވޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށް ފަހު ޕްރްގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާޙިމްވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ.
އޭނާ ވިދާޅުވީ، އިގްތިސާދު ރަނގަޅުވެ ބަޖެޓަށް ފައިސާ ލިބިފައިވާ ވާހަކަ ދައްކާ އަޑުއިވޭކަމަށެވެ. އަދި ލޯނުގެ ގޮތުގައި އެތައް ސަތޭކަ މިލިއަނެއް ލިބިފައިވާކަމުގެ ވާހަކަވެސް އެގޮތުގެ މަތިން ދައްކަމުންދާކަމަށާއި އެހެންނަމަވެސް އެއީ އަނބުރާ ދައްކަން ޖެހޭ އެއްޗެއްކަމަށް އިޝާރާތްކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ އެ ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ދަރަނިކަމަށާއި މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅުކަމަށް ބުނަމުންދާކަމަށް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުންވަނީ ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑަށް 50 ވަރަކަށް މިލިއަން ޖަމާކޮށްފައިކަމަށާއި އިންޑިއާއަށް ދައްކަންޖެހޭ ދަރަނީގެ ބައެއްވެސް ދެއްކިކަމަށް ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް އިގްތިސާދާއި މާލީ ކަންކަން ސަލާމަތްނުވުމުން ސިފައިން ބޭލުމުގެ މަގުސަދުގައި އައި ސަރުކާރަށް ބޭލުނީ ސިފައިންގެ ޔުނިފޯރމުތައް ކަމަށާއި އަސްކަރިއްޔާގެ ވަސީލަތްތައް ހުރިތާނގައި ހުރިކަމަށް ފާހަގަކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ ޔުނިފޯރމުތައް ބޭލުމަކީވެސް ރަނގަޅުކަމެއްކަމަށާއި ރައްޔިތުންނަށް ނޭނގުނު ނަމަވެސް އެއީ އަސްކަރިއްޔާގެ މީހުންކަން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެނގޭކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ސިފައިން ޔުނިފޯރމު އަޅައިގެން ނޫޅޭކަމަށާއި ދަރަނިތަކަށް ލުއި ހޯދުމުގެ ގޮތުން އިންޑިއާގެ ސަރުކާރާއި އެކު ޑީލެއް ހެދިފައިވާކަމަށް ބެލެވޭކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުންނެއް އިންޑިއާ އައުޓަކަށް ނުގޮވާކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި ހިންގެވި ހަރަކާތެއްކަމަށެވެ. އެހެންކަމުން މި ސަރުކާރުން ތިބޭނީ އިންޑިއާ އާއިއެކު ކަމަށާއި އަދި ފެނިގެންދަނީ އެފަދަ މަންޒަރެއްކަމަށް ވިދާޅުވިއެވެ.

