މަސްދޯނިތަކަަށް ލައިސެންސް ދިނުމުގެ ކުރިން ދަފްތަރުގައި ރެޖިސްޓްރީކުރަންޖެހޭ ގޮތަށް ކަނޑައެޅިގެންދިއުން އެކަށީގެންވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމްވަނީ މަސްވެރިންގެ ދައުރު މިފްކޯ ފަދަ ތަންތަނުގައި އިތުރުކުރުމުގެ ގޮތުން ކޯޕަރޭޓިވް ސޮސައިޓީއެއް ގާއިމުވެގެންދިއުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ އިތުރުން ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ މަސްވެރިންގެ ދަފްތަރު ފުރިހަމަ ކުރުމުގެ މަސައްކަތްތައްވެސް ކުރަންޖެހޭކަމަށް ހިއްސާކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ، އެކަމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދެއްކަމަށާއި އެމަނިކުފާނުވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަސްވެރިންގެ ދަފްތަރު ލޯންޗުކޮށްފައިކަމަށެވެ. އެހެންނަމަވެސް އެ ދަފްތަރުގައި ޖެހެނު މީހުންގެ އަދަދު އުންމީދު ކުރި މިންވަރަށްވުރެ ދަށްކަމަށްވެސް ހިއްސާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ރެޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދުތައް ދަށްނަމަވެސް އެ ދަފްތަރަކީ ރައީސް މުއިއްޒު ދިވެހި މަސްވެރިންގެ ހައްގުގައި ނިންމެވި ނިންމެވުމެއްކަމަށެވެ.
މަސްވެރިންގެ ދަފްތަރެއް އެކުލަވާލީ މުހިންމު ސަބަބުތަކެއް ހުރެގެންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މައިގަނޑު ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުންކަމަށާއި ސްކީމްތަކަށް ވަނުން ފަދަ ކަންކަން ކުރެވިގެން އަންނާނީ އެ ދަފްތަރުގެ ދަށުންކަމަށެވެ. އަދި ބޭނުމަކީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ މީހުންނަށްވެސް ލިބެމުންދާ ފަދަ ލުއިތަކެއް މަސްވެރިންނަށްވެސް ލިއްބައިދިނުންކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ މަސައްކަތްތައް ސަރުކާރުން ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަނީ އެ ކަމުގެ ސަބަބުން މަސްވެރިންނަަކީ ދައުލަތް ބަލައިގަންނާނެ ބަޔަކަށް ވެގެންދާނެތީކަމަށެވެ. އަދި މި މަސައްކަތްތައް ފުރިހަމަކުރުމުގެ ގޮތުން މަސްވެރި އުޅަނދު ފަހަރަށް ލައިސެންސް ދޭއިރު ދަފްތަރުގައި ޖެހިފައި އޮތުން ލާޒިމުކުރަންޖެހިދާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މަސްވެރިން ދަފްތަރު ވެގެން ތިބުމަކީ އެހާވެސް މުހިންމު ކަމެއްކަމަށާއި އޮޑިވެރިންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ދަފްތަރުވެގެން ތިއްބެވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ. އަދި ދަފްތަރު ފުރިހަމަކުރުމަށްޓަކައި ފަށާ މަސައްކަތްތަކާއި އެކު ކޯޕަރޭޓިވް ސޮސައިޓީއެއްގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

