2022 ވަނަ އަހަރަށްވުރެ 2023 ވަނަ އަހަރު ހިންގުމުގެ ފައިދާ 7 އިންސައްތަ އިތުރުވެފައިކާމަށް ބެންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ބެންކްއިންވަނީ 2023 ވަނަ އަހަރުގެ ތެރޭގައި އެކުންފުނީގެ މާލީ ހާލަތާއި ގުޅޭ ބައެއް ތަފްސީލުތައް މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެ އަހަރަކީ އއިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ އަސަރުތައް ފޯރި އަހަރެއްކަމަށާއި އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދަށް ވަނީ 6.5 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެކަމުގެ އަސަރުތައް ބެންކުގެ ވިޔަފާރިންވެސް ފެނިގެންދިޔަކަމަށާއި ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވިކަންވެސް ހާމަކުރިއެވެ.
ބީއެމްއެލްއިން ބުނެފައިގޮތުން ޖުމުލަ އެސެޓްތައްވެސް ވަނީ 45 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިކަމަށާއި 2023ގެ ހިންގުމުގެ ފައިދާ ހުރީ އޭގެ ކުރީ އަހަރަށްވުރެ 7 އިންސައްތައް އިތުރުވެފައިކަމަށްވެސް ބުނެފައިވެއވެެ. ބެންކްއިން ބުނެފައިވާގޮތުން ހިންގުމުގެ ފައިދާ ހުރީ 2.7 ބިލިއަން ރުފިޔާގައިކަމަށާއި 2.07 ބިލިއަން ސާފު ފައިދާގެ ގޮތުގައި ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ އެ ކުންފުނިންވަނީ ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި ދުކޮށްފައިކަމަށާއި އަދަދުގެ ތެރެއިން އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ ދޫކުރިކަމަށް މައުލޫމާތު ދިންއިރު އެއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި ފަހަރުކަމަށްވެސް ބުނެފައިވެއެވެ.
އިތުރު އެތައް ކަމެއްވެސް ބެންކްއިން މިދިޔަ އަހަރުތެރޭގައި ކާމިޔާބުކަމާއިއެކު ނިންމާލާފައިވާކަމަށް މައުލޫމާތު ދީފައިވާއިރު، އެ އަހަރުގެ ތެރޭގައި 23000 އަށްވުރެ ގިނަ ކަސްޓަމަރުން ބެންކާއި އަލަށް ގުޅިފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އެހެންކަމުން މިހާރު ޖުމުލަ އަދަދުވަނީ 345،000 އަރާފައިކަމަށާއި 66000 އެކައުންޓު ހުޅުވާފައިވާކަމަށް މައުލޫމާތު ދީފައިވާއިރު އެ އަދަދުން 5600 އަކީ ވިޔަފާރި އެކައުންޓުތައްކަމަށްވެސް ބުނެފައިވެއެވެ.

