2023 ވަނަ އަހަރަކީ އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ފޯރި އަހަރެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ މި ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖޭގެ އިގްތިސާދަށް %6.5 ގެ ކުރިއެރުމެއްވަނީ ލިބިފައިވާކަމަށެވެ. އިގްތިސާދީ ކުރިއެރުމުގެ ހެޔޮ އަސަރު ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރިއަށްވެސް ކުރިކަމަށާއި މިގޮތުން ބޭންކުގެ ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެ ޖުމްލަ އެސެޓް ވަނީ 45 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފަ ކަމަށް ވަނީ ބުނެފައެވެ. އަދި ހިންގުމުގެ ފައިދާ ހުރީ ކުރީ އަހަރަށް ވުރެ %7 އިތުރުވެ، 2.7 ބިލިއަން ރުފިޔާގައެވެ. އަދި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.07 ބިލިއަން ރުފިޔާވަނީ ލިބިފައި ވާކަމަށް ބީއެމްއެލް އިން ބުނެފައުވެއެވެ.
މިދިޔަ އަހަރު ބޭންކުން ހޯދި ނަތީޖާއާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ
“ ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ދޫކުރިން. މިއަދަދުގެ ތެރެއިން އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ އަޅުގަނޑުމެން ދޫކުރިން. މިއާއެކު މިދިޔަ އަހަރުވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރަށް.“
މިދިޔަ އަހަރު ބޭންކުން ވަނީ ޕާރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާއި ހިދުމަތްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
“ ތައުލީމަކީ އަޅުގަނޑުމެން އިސްކަމެއްދޭ އެއް ދާއިރާއަކަށްވެފައި، ދިވެހި އިގްތިސާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިގްތިސާދަކަށް ހެދުމުގެ މަގްސަދުގައި ކިޔަވާ ލޯނުގެ ރޭޓް 9% އިން %5 އަށް އަޅުގަނޑުމެން ދަށް ކުރިން. އަދި ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕަރޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކުރިން. މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރުވެސް ކުރިން. މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް.“
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުން އެހީ ލިބުނު 3 ވިޔަފާރިއެއް މިދިޔަ އަހަރުތެރޭ ކާމިޔާބުކަމާއެކު ގާއިމްވެ ހިނގައިގަތް ތަން ފެނުނު ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި 2023 ވަނަ އަހަރު މި ހިލޭ އެހީގެ ދަށުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ބޭންކުން ވަނީ އެހީތެރިވެދީފައި ވާކަމަށް ވެސް ވަނީ ބުނެފައެވެ.
”ވިޔަފާރިތަކަށް ބޭނުންވާ އެކިއެކި ބޭންކިންގ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްވުމަކީވެސް ވިޔަފާރިވެރިތަކަށް ވަރަށް މުހިންމުކަމެއް. މި ބޭނުމުގައި ވިޔަފާރިތަކުގެ އެންމެހާ ޚިދުމަތްތައް މާލޭ ބިޒްނަސް ސެންޓަރގައި، އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުތެރޭ ނިންމާލެވުނު. ބިޒްނަސް ސެންޓަރުން މިހާރު އެކައުންޓް ހުޅުވުމުގެ އިތުރުން، ލޯން އަދި ޑިޖިޓަލް ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ. އަދި މާރޗަންޓުން ބޭނުންވާ އެކި އެކި އެހީތެރިކަންވެސް ފޯރުކޮށްދެވޭ. މި ބަދަލާއެކު ވިޔަފާރިތަކުން ހޯދަމުންދާ ހިދުމަތުން ލިބޭ ތަޖުރިބާ ރަނގަޅުވެ ބޭންކާ އޮންނަ ގުޅުންވަނީ ހަރުދަނާ ވެފަ.“
2023 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއާ އަލަށް ގުޅުނު 23,000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ޖުމްލަ ގުޅުނުއިރު މިހާރު ބޭންކުގެ ކަސްޓަމަރުންގެ އަދަދުވަނީ 345,000 އަށް އަރާފައެވެ. މިދިޔަ އަހަރު 66،000 އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި 5,600 ބިޒްނަސް އެކައުންޓް ހިމެނެއެވެ.

