ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހި މަސްވެރިނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭނީ ޑިމޮކްރެޓްސްއިން ހުށައަޅާފައިވާ ސިޔާސަތުތައް ބަލައިގަނެ ތަންފީޒުކޮށްގެންކަމަށް އެ ޕާޓީއިން ބުނެފިއެވެ.
80 މިލިއަނާއި ގާތްކުރާ އަދަދަކަށް ފައިސާ ނުލިބި ހުރުމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވުމާއިއެކު ދާދި ފަހުން މަސްވެރިންވަނީ އިހުތިޖާޖުކޮށްފައެވެ. މި މައްސަލައަށް އަލިއަޅުވައި ދަ ޑިމޮކްރެޓްސްއިންވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރިފައެވެ.
ބަޔާނުގައިވާގޮތުން ބާނާ މަހަށް އެކަށޭނަ އަގެއް ނުލިބުމާއި އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ލިބެމުން ނުދިއުމަކީ ދިވެހި މަސްވެރިންގެ ޒަމާންވީ ޝަކުވާއެކެވެ. އެހެންނަމަވެސް މައްސަލައަށް މި މައްސަލައަށް ދެމެހެއްޓެނެވި ދާއިމީ ހައްލެއް ހޯދައި ދެވިފައިނުވާއިރު ކިރުވާ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި މިއަދު މަސްވެރިން މަސައްކަތްތައް ހުއްޓާލައި އިހުތިޖާޖުކުރަންޖެހުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް ބުނެފައިވެއެވެ.
އެ ޕާޓީއިން ބުނެފައިވާގޮތުން ނިދިޔަ ސަރުކާރުުގެ މަސައްކަތްތައް ހުރީ ހައްލާއި އިދިކޮޅަށެވެ. އެގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގައި ބާނާ ހުރިހާ މަހަކަށް އެކަށޭނަ އަގު ހޯދައިދިނުމާއި އަދި ގަވާއިދުން މަސްވެރިންނަށް ފައިސާ ލިބުމުގައި މެދުވެރިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ސަރުކާރުން މަސް ގަނެ ޕްރޮސެސްކުރުމުގެ މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުން އިތުރަށް ފުޅާކުރަން ކުރި މަސައްކަތްތަކާއި ދެކޮޅަށް އަބަދުވެސް ވަކާލާތުކޮށްފައިވާނެކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައަކީ އޭރުގެ ވެރިކަން ގާއިމުކުރުމަށް ހުށައެޅި ސިޔާސަތުތަކަށް ރުޖޫއަވުމަށް ގޮވާލަމުންދިޔަކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޑިމޮކްރެޓްސްއިން ބުނެފައިވާގޮތުން ، މަސްވެރިން ކިރުވާ މަހުގެ ބޮޑު އިންސަތައެއް ގަނޑުކުރި ރޯމަހުގެ (ރޯމެޓީރިއަލްގެ) ގޮތުގައި އެކްސްޕޯޓު ކުރާހާ ހިނދަކު މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބެންޖެހޭ ފުރިހަމަ ނަފައެއް ނުލިބޭނެއެވެ. އަދި މިހާރު ރާއްޖޭގައި މަސް ޕްރޮސެސްކުރުމަށް ބޭނުންކުރާ މޮޑެލް ބަދަލުކޮށް، ސަރުކާރުން އެކީ މި މަސައްކަތުގެ ތެރެއިން ވީއްލި، މިހާރު ހުރި ސަރުކާރުގެ މަސް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖްތައް ޕްރައިވެޓައިޒް ކުރުން ނުހަނު ބޭނުންތެރިކަމަށް ދެކޭކަމަށްވެސް ބުނެފައިވެއެވެ.
ވޭތުވެދިޔަ ސާޅީހަކަށް އަހަރު ހިންގޭތޯ މަސައްކަތްކުރި ސަރުކާރުގެ މަސް ފެކްޓްރީއަށް މަސް ގަނެވިއްކުމުގެ މޮޑެލް އިން މަހަށް އެކަށޭނަ އަގެއް ނުދެވޭކަމަށްވެސް ބުނެފައިވެއެވެ. އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ދޫނުކުރެވޭކަމީ ފެންނަން އޮތް ހަގީގަތެއްކަމަށް ބުނެފައިވާއިރު މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކުގައި ވެސް އެކަށައަޅާފައިވާ ފަދައިން، ސަރުކާރުން މަސްވެރިކަމުގެ ވިޔަފާރިން ނިކުމެ، އަމިއްލަ މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކާއި އަދި ކައުންސިލުތައް މި މަސައްކަތުގެ ތެރެއަށް ވައްދާ ރާއްޖޭ އެކި ސަރަހައްދުތަކުގައި އެތަކެއް ލައިޓް އިންޑަސްޓްރިއަލް މެނުފެކްޗަރިން ޕްލާންޓްތަކެއްގެ ގޮތުގައި ގޭދަށު މަސް ފެކްޓްރީތައް ގާއިމުކޮށް އެތަންތަނަށް މަސްވެރިން ބާނާ މަސް ގަނެ، ޖުމްލަކޮށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބޮޑު ބަޔަކީ ކޮންމެވެސް އެއްގޮތަކަށް ޕްރޮސެސްކުރެވި ވެލިއުއެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ އެއްޗެއްކަމަށް ހެދުމުން މައްސަލަ ހައްލުވެގެންދާނެކަމަށާއި އެ ނޫންގޮތަކަށް މަސްވެރިންނަށާއި ގައުމަށްވެސް ފުރިހަމަ މަންފާ ހާސިލުނުކޮށްދެވޭނެކަމަށް ބުނެފައިވެއެވެ.
ޑިމޮކްރެޓްއިން ބުނެފައިވާގޮތުން ބާނާ މަހަށް އެކަށޭނަ އަގު ދިނުމާއި، މަހުގެ އަގު އުފުލުމާއި، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ އިތުރުން ޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އިއުލާނު ކުރައްވާފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަހުގެ ކޯޓާ އަހަރުން އަހަރަށް ހަމަކުރުމަށްވެސް އޮތީ އެއް މަގެކެވެ. އަދި އެމަގަކީ މަސްވެރިކަމާއި ގުޅޭގޮތުން އެ ޕާޓީއިން ހުށަހަޅާފައިވާ ސިޔާސަތުތަކަށް ރާއްޖެ އެނބުރުންކަމަށްވެސް ޑިމޮކްރެޓްއިން ބުނެފައިވެއެވެ.

