ގާނޫނުއަސާސީ ތަސައްވުރުކުރި ބޮޑެތި ބަދަލުތައް މިހާރު ފޮރޮޅިގެން ގޮސްފައިވާ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
2004 ވަނަ އަހަރުގެ އޯގަސްޓް 12 އަދި 13 ގެ ހާދިސާގެ ހަނދާން އައުކޮށް ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ދުުވަހަކީ ޖަލުގައި އަނިޔާކުރުމާއި ސިޔާސީ ގޮތުން މީހުން ހައްޔަރުކުރުމާއި އެންމެ އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ހުދުމުހުތާރު ވެރިކަމުގެ ވައްޓަފާޅިއާ ދެކޮޅަށް ފުރަތަމަ ފަހަރަށް ފާޅުގައި ރައްޔިތުން އެއްތަނަކަށް އެއްވުމުން، ވެރިކަމުގެ ބާރުތައް ބޭނުންކޮށްގެން އަނެއްކާ ވެސް އަނިޔާގެ މައްޗަށް އަނިޔާވެރިކަން އިންތިހާއަށް އިސްކުރި ހާދިސާ ހަނދާނަށް ގެނެސްދޭ ދުވަހެވެ.
އަނިޔާއާއި ބިރުވެރިކަމުގެ ތެރެއިން އޭރު ރައްޔިތުން ކުރި މިންނަތް މަސައްކަތުން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ޑިމޮކްރެޓިކް ޤާނޫނުއަސާސީ އެއް ހާސިލުކުރެވި، ޑިމޮކްރެޓިކް ވެރިކަމެއް ފުރަތަމަ ފަހަރަށް 2008 ގައި ގާއިމުކުރެވުމަކީ ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ޖަލުގައި ގައިދީންނަށް އަނިޔާކުރުމުގެ ސަގާފަތް ހުއްޓުވިފައިވުމީ ލިބުނު ކުރިއެރުމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ބަދަލުތަކާ އެކު ދެންވެސް ރައްޔިތުން އުއްމީދުކުރި، އަދި ގާނޫނުއަސާސީ ތަސައްވުރުކުރި ބޮޑެތި ބަދަލުތައް މިހާރު ފޮރޮޅިގެން ގޮސްފައިވާ ނުކިއްސަރު މަގާމެދު ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވާ ކަމަށް ވަނީ ބުނެފައެވެ.
ރައްޔިތުންގެ ހައްގުތަކާއި ބާރުގެ މައްޗަށް ނާޖާއިޒުގޮތުގައި ވެރިކަމުގެ ބާރު އިސްކުރަމުން ގެންދަނީ އެކިއިރު އެކިގޮތަށް ކަމަށާއި ތަންފީޒީ ބާރުތައް ނޫނަސް، ދައުލަތުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ މާލީ ބާރުވެރިކަމާއި އެއާއި ގުޅޭ ވަޒީފާތަކާއި މަސައްކަތްތަކާއި ހިދުމަތްތައްފަދަ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން އޮބެހެއްޓުމާއި ހަންމަތަކުރުމުގެ ސަގާފަތް ދަނީ ފުޅާވަމުން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. އަދި އެ އަނިޔާއާއި ނާއިންސާފު ނެތިކޮށްލުމަކީ ރައްޔިތުން ކުރި އުއްމީދެއް ކަމަށް ވެސް ދަ ޑޮމޮކްރެޓްސްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ދަ ޑިމޮކްރެޓްސް ދެމި އޮންނާނީ އަނިޔާވެރިކަމާއި ދެކޮޅު އަދި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް ކުރިއެރުވުމުގެ ވިސްނުމާއި ފިކުރުގެ ބިންގާ މަތީގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

