މިއަދު މީޑިއާތައް ހުޅުވާލުމުން، ފެންނަނީ ”ކުށްކުރާ ކުޑަކުދިން – ޙައްލަކީ ޢުމުރު ދަށްކުރުމެއް ނޫން، މާޙައުލު ބަދަލުކުރުން“ މި މައުޟޫއުގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ލިއުމެއްގެ ހަބަރުތަކެވެ.
މި ލިއުމުގައި ވާ ގޮތުން ސީދާ ކުށެއް ކުރުމުގެ ނިޔަތުގައި ނުވަތަ އެ ވިސްނުމުގައި އެއްވެސް ކުއްޖަކު އެފަދަ އަމަލެއް ހިންގާނެކަމަށް ނުބެލެވެ އެވެ. ކުށް ކުރާ ކުދިންނާ ގުޅޭ ރަނގަޅު ދިރާސާއެއް ރާއްޖޭގައި ނެތް އިރު، ޝަމީމް ވިދާޅުވީ ކުށް ކުރުމާ ގާތަށް ދެވިދާނެކަމަށް ސަރުކާރުން ދެކޭ ނުވަތަ އަންދާޒާ ކުރާ އަދަދުތައް އެއީ ރަނގަޅު އަދަދަކަށް ވެސް ނުވެ ހިނގައިދާނެ އެވެ. އެކަމަކު ރާއްޖޭގައި ކުށް ކުރާ މީހުންގެ އާބާދީއަކީ 2000 ކަަމަށް ބަލައި ހިސާބު ޖެހި ނަމަވެސް، ސަރުކާރުން އެ ބުނާ 200 ކުދިން ހިނގާ މަގު ބަދަލު ނުކުރެވުމަކީ ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.
9 އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ޤަބޫލުކޮށްފާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ހެދިފައެއް ނެތެވެ. ސަރުކާރުގެ އިދާރާތަކުން ދެކޭ ގޮތުގައި، ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅެއެވެ. ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1500 އާއި 2000 އާ ދެމެދުކަމަށް ބަލައިގެން ހިސާބު ޖަހައިފިނަމަ، މިދެންނެވި 200 ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ޤައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސުވާލަކީ، މިމައްސަލަ ޙައްލުކުރާނެ ގޮތާބެހޭ ސުވާލެކެވެ.
މިއީ ގައުމީ ބޮޑު މައްސަލައެއްކަމަށް ވުމުން، ހައްލު ކުރެވެން އޮތް ގޮތަކީ ކުށުގެ ޒިންމާ އުފުލާ އުމުރު 15 އަހަރުން، 12 ނުވަތަ 10 އަށް ހަގު ކުރުންކަމަށް ސަރުކާރުން ދެކެ އެވެ. އަދި އެއަށް ފަހު ޖިނާއީ ދައުވާ ކުރެވޭ ގޮތަށް، ގާނޫނުން މަގުފަހި ކުރަން ޖެހޭކަމަށް ވިދާޅުވެފައި ވާތީ، ޝަމީމް ލިޔުއްވި ގޮތުގައި ޖިނާއީ ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި އަދި ޖަލުގައި ބަންދު ކުރުން އެއީ އޭގެ ޒާތުގައި އިޖްތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫނެވެ. އަދި ޖަލުގެ އާބާދީގެ 70 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލައިގައި ހުކުމް އިއްވާފައި ތިބި ބައެކެވެ. އޭގެ މާނައަކީ، ޝަމީމްގެ ނަޒަރުގައި ޖިނާއީ ދައުވާކޮށް ޖަލަށް ލައިގެން ބައެއް ނުވަތަ ކަމެއް ހައްލު ކުރެވޭނަމަ މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖެއިން ނައްތާލެވުމެވެ.
ކުށަކަށް އިއްވާ ޖަލު ހުކުމަކަށް، ރާއްޖޭގައި ދެވޭ ރަނގަޅު ރިހިބިލިޓޭޝަން ފަރުވާއެއް ނެތްކަމަށް ވިދާޅުވެ ޝަމީމް ދެއްކެވީ ދުނިޔޭގެ ގައުމުތަކުގެ ޑޮކްޓަރީ ފަރުވާ އެވެ. މިސާލެއްގެ ގޮތުގައި ޑޮކްޓަރީ ފަރުވާ ހޯދުމުގެ ތެރޭގައި ގަޔަށް އަރާ، ތަފާތު ބަލިތަކަށް ކިޔާ ހެލްތުކެއަރ އެސޯސިއޭޓަޑް އިންފެކްޝަން (އެޗްއޭއައި) ފާހަގަކޮށް ވިދާޅުވީ އެމެރިކާގައި، ޑޮކްޓަރީ ފަރުވާ ހޯދަން ހޮސްޕިޓަލަކަށްދާ ކޮންމެ 100 އަކުން 31 މީހުންނަށް އެޗްއޭއައި އެއް އަރާކަމަށެވ. އަދި އެކަމުގެ އިގްސިދާ އަގު، އަހަރަކު 28.4 ބިލިއަން ޑޮލަރަށް އަރާކަމަށް، އެމެރިކާގެ ރަސްމީ އިދާރާތަކުން މަޢުލޫމާތުތަކުން ފެންނަން އެބައޮތްކަމަށް ޝަމީމްގެ ލިއުމުގައި ވެއެވެ.
އެންމެ އަވައްޓެރި އިންޑިއާގައި އެ ޢަދަދު ހުރީ 100 އަކުން 64.6 ގައެވެ. އަދި އިނގިރޭސި ވިލާތުގައި، އަހަރަކު 300،000 މީހުންނަށް އެޗް.އޭ.އައި ޖެހި، 1 ބިލިއަން ޕައުންޑުގެ ގެއްލުންވާކަމަށް، އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައިވާކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާކުރަނީ، ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުން ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ޚިދުމަތެއް އަދި ދިވެހިރާއްޖެއަކު ނުދެވޭކަމަށެވެ. ހޮސްޕިޓަލަށް މީހުން ދަނީ ފަރުވާ ހޯދުމަށްކަމަށްވާއިރު، ބަލިން ރައްކާތެރިވާން ކުރަންޖެހޭ ކަންކަން ކުރުމަކީ ހޮސްޕިޓަލެއް ހޮސްޕިޓަލަކަށްވާ އެއް ސަބަބެވެ. ނަމަވެސް، އެތަނުންވެސް އިތުރު ބަލި ޖެހޭކަން ތަފާސް ހިސާބުން ފެންނަން އޮތީ މާ ސާފުކޮށެވެ. ވީމާ، އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއް ކަމަކަށް ޝަމީމް ދެކިވަޑައިނުގްނަވަ އެވެ.
ގާނޫނު އޮތް ގޮތުން، ކުށް ކުރާ ކުދިންނާއި ކުށަށް ހުށަހެޅިފައިވާ ކުދިންނަށް ފިޔަވަޅު އަޅައި ފަރުވާ ދެވޭނެ ނިޒާމުތައް ވެއެވެ. ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ލާޒިމުކުރެވޭނެ ގޮތަކާއި، އިދާރާތަކުގެ ދައުރު މިހާރަށްވުރެ ސާފުވާނޭ ގޮތެއް ގެނައުން، ގާނޫނުތައް ބަދަލު ކުރުމަށް ވުރެ މުހިންމެވެ.
ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަމެއް ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ އަސާސީ ހައްގެއްކަމަށް ބަޔާން ކުރެ އެވެ. މި ހައްގުތައް ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ދެ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވެއެވެ. އެއީ، ޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެވެ.
ރާއްޖޭގެ ކުށުގެ މާހައުލަށް ނަޒަރު ހިންގާއިރު، ހުރީ އެ ކުދިންނަށް ކުށް ކުރުމަށް ހިތްވަރު ލިބޭ ފަދަ ކަންތަކެވެ. ޝަމީމް ވެސް ވިދާޅުވި ގޮތަށް ކުށަށް ހިތްވަރުލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ.
ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުމެވެ.

