މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ގޮނޑިއާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ.
ޖުލައި 20 ގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އަދި ހުޅުމާލެ ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާ އެވެ. މި ދައިރާގެ ގޮނޑިތައް ހުސްވެފައި ވަނީ، އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވާދަކޮށް އިންތިހާބުވުމުންނެވެ. ހުޅުމާލެ ދާއިރާގެ ގޮނޑި ހުސްވީ، ބާރަށު ދާއިރާގެ މަޖިލިސް މެމްބަރުކަމަށް އިބްރާހިމް ޝުޖާއު އިންތިހާބުވުމުންނެވެ.
އީސީގެ އިއުލާނުގައި ވާގޮތުން، ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައި އިބްރާހިމް އަހުމަދު އަދި އެމްޑީޕީގެ ޓިކެޓުގައި ޝަމްޒޫން މުހައްމަދު ނައީމެވެ.
ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންނަކީ، ޕީއެންސީގެ ޓިކެޓުގައި ފާތިމަތު އިޝާން އަލީ އަދި އެމްޑީޕީގެ ޓިކެޓުގައި ހައްވާ ޝިފާނާ އެވެ. އަދި މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި މުހައްމަދު އަލީ ޖިނާދު އާއި، ޕީއެންސީގެ ޓިކެޓުގައި ފާތިމަތު ޝައުފާ ސަލީމެވެ.
މީގެއިތުރުން ހުޅުމާލެ ދާއިރާއަށް ވާދަކުރަނީ، ޕީއެންސީގެ ޓިކެޓުގައި އަލީ އައިމަންއާއި، އެމްޑީޕީގެ ޓިކެޓުގައި އަހުމަދު ރަޝީދެވެ.

