ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖު މެއިންޓެންންސް ނުކުރުމުގެ ސަބަބުން އެތައް މައްސަލަތަކެއް!

ބުރިޖު މަތީގައި ހުރި ބައެއް މައްސަލަތަކުގެ ފޮޓޯ: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު ހުންނަ ސަރަހައްދު މަރާމާތު ނުކޮށް ގިނަ ދުވަސްވެފައިވާކަން ހާމަވެފައިވާއިރު، އެ ސަރަހައްދުގެ މަގުތަކުގައި އަޅާފައިވާ ތާރަގަނޑު ހަލާކުވަމުންދާކަން ފާހަގަކުރެވިއްޖެއެވެ.

ބުރިޖު މެއިންޓެނެންސް މަސައްކަތްތައް ނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ގެއްލުންތައް ލިބި، އައު ސަރުކާރުން ހަލާކުވެފައިވާ ތަންތަން ޗައިނާ ސަރުކާރުގެ އެހީގައި މަރާމާތުކުރަމުންދާއިރު، ސަންގުއިންވަނީ ބުރިޖަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ ގޮތުން އެ ސަރަހައްދަށް ގޮސް ކަންކަން ހުރި ހަލާތު ބަލާފައެވެ.

މާލެއިން ބުރިޖަށް އަރާ ސަރަހައްދުގައި ބޮޑެތި މަރާމާތުތަކެއް ކުރެވެމުންދާކަން އެންމެނަށްވެސް ފެނިގެންދާއިރު، ބުރިޖުގެ އަރިމަތީ ކާނުތަކުން ގަސް ހެދި ބޭރަށް ނުކުމެ ބުރިޖުމަތިން ދުއްވާފައި ދާއިރު ފެންނަ މިންގަނޑަށް ގަސްތައް ވަނީ ބޮޑެތިވެފައެވެ. ބައެއް ސަރަހައްދުތަކުގައި ރެއިލިންގް ހަރުކޮށް އުސްކޮށްފައިވާ ކޮންކްރީޓްގަނޑުންނާއި ބުރިޖުމަތީގައި އަޅާފައިވާ ތާރަ ފަށަލައިންވެސް ކުދި ގަސް ފަޅާފައި އެބަ ހުއްޓެވެ. މިއިން ކޮންމެ ގަހެއްވެސް ހެދެމުންދާތާ އެތައް ހަފްތާއެއް ވެފައިވާނެކަމަށްވުމުން ބުރިޖުމަތީގައި ހަފްތާތެރޭގައި މެއިންޓެނެންސް ގޮތުގައި ސާފުކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން މިފަހުން ކުރެވިފައިނުވާކަމަށް ފެނިގެންދެއެވެ. އަދި މަތިން ގަސް ފަޅާފައިހުރުމުން އަޑިއަށް މޫލައިގެން ލިބިފައިވާ ގެއްލުންތަކާއިމެދުވެސް ސުވާލު އުފެދެއެވެ.

ތާރަގަނޑުގައިވެސް މައްސަލަތައް ފާހަގަކުރެވެއެވެ. އެގޮތުން ބުރިޖުގެ ގޮތުގައި ކިޔޭ ސެކްޝަންގައިވެސް ތާރަގަނޑުގެ މަތީގައި ކޮންސްޓްރަކްޝަން ދާއިރާގެ ތެރޭގައި “ވީލް ޕާތް ބްލީޑިންގް” ގޮތުގައި ފާހަގަކުރެވިފައިވާ މައްސަލަ ފެންނަން އެބަ ހުރިއެވެ. މި މައްސަލަ ހުންނަ ތާރަގަނޑުތަކުގައި ހުންނާނީ އޮފުވެފައި ހުންނަ ގޮތަކަށް ކުލަވެސް ކޮންމެވެސް ވަރަކަށް ތަފާތުކޮށެވެ. މައްސަލަ ގޯސްވާ ވަރަކަށް ކުލައިން ފާހަގަކުރަން ފަސޭހަވެއެވެ. މިކަންވަނީ ތާރަގަނޑު އެޅުމުގެ ކުރިން މިކްސްކުރުމުގެ ތެރޭގައި މައްސަލަތައް ހުރުމުންކަމަށް މާހިރުން ބުނެއެވެ.

ވީލް ޕާތް ބްލީޑިންގް ގެ މިސާލެއް: ފޮޓޯ/ ސޯޝަލްމީޑިއާ

ބައެއް ސެކްޝަންތަކުގައި ކުދި ރާޅު ރާޅު ނަގަން ފަށާފައިވާކަމަށް ނުވަތަ އޮމާންކަން ގެއްލިފައިވާކަމަށްވެސް ފާހަގަކުރެވޭނެއެވެ. އެގޮތުން އެއް ސެކްޝަނަކީ ހުޅުމާލެއިން ގޮސް ބުރިޖަށް އެރުމުގެ ކުރިން އެއަރޕޯޓު ކައިރިން ހަނިމަގަށް ވަނުމުގެ ކުރިން އިންނަ ސެކްޝަނެވެ. ބަލާ ކޮންމެ މީހަކަށްވެސް އެތަނުގައި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވޭނެއެވެ. މިއީ އާންމުކޮށް އުޅަނދުތަކުން ބުރެކި ޖެއްސުމާއި ސްޕީޑު އަލުން ބާރުކުރުމާއި ހުއްޓުން ފަދަ ކަންކަން ކުރާ ތާރަ އަޅާފައި ހުންނަ ތަންތަނުގައި ފެންމަތިވާ މައްސަލައެކެވެ.  އެހެންނަމަވެސް “ހޮޓް މިކްސް އެސްފަލްޓް” އަކީ އެގްރިގޭޓާއި އެސްފަލްޓު ބައިންޑަރުން އެކުލެވޭ އެއްޗެއްކަމަށްވާއިރު، ބޭނުންކުރަންވީ އެގްރިގޭޓާއި މިންވަރު އަދި ބޭނުންކުރަންވީ އެސްފަލްޓު ބައިންޑަރުގެ ބާވަތާއި މިންވަރު ކަނޑައެޅާ ގޮތަކުންވެސް މިކަން ދިމާވާކަމަށް ދާއިރާގެ އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުގައިވެއެވެ.

ކޮރުގޭޝަން އެންޑް ޝަވިންގް ގެ މިސާލެއް: ފޮޓޯ/ ސޯޝަލްމީޑިއާ

މިހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ފާހަގަކުރެވުނީ ބުރިޖުން ފައިބައިގެން ގޮސް އެއަރޕޯޓަށް އަޅާ މަގު ފަހަނާ އަޅާ ހިސާބުން ތާރަގަނޑު މެދުގައި ވަޅުގަނޑެއް ހެދެމުންދާ މައްސަލައެވެ. ދާއިރާގައި މިކަމަށް ކިޔަނީ “އެސްފަލްޓް ޑިޕްރެޝަން” އެވެ. މާލެ އަދި ހުޅުމާލޭގެ މަގުތަކުގައިވެސް މިފަދަ ބޮޑެތި ވަޅުގަނޑުތައް ހުންނައިރު، ބުރިޖާއި އިންތިހާއަށް ގާތުން އެއް މަސައްކަތްތަކެއްގެ ތެރެއިން އެޅިފައިވާ ތާރަ ސެކްޝަނެއްގައި މިވަރުގެ މައްސަލައެއް ހުރުމުން މުޅި މަޝްރޫޢުގެ ތެރޭގައި ހުރި މިފަދަ ހުރިހާ މަސައްކަތްތަކާއިމެދު ސުވާލު އުފެއްދުމަށް ޖާގަ އެބައޮތެވެ. މި ބުރިޖަކީ 100 އަހަރަށް ދެމި އޮންނާނެކަމަށް ސަރުކާރުން ގެރެންޓީ ކުރާ ބުރިޖެކެވެ. އެހެންކަމުން މިހާރު އަދި 10 އަހަރު ހަމަނުވާކަމަށްވާއިރު މިފަދަ މައްސަލަތައް ފެންމަތިވެފައިވުމުން ބުރިޖު އެ މުއްދަތަށް ދެމި އޮންނާނެކަމާއިމެދުވެސް ސުވާލު އުފެއްދިދާނެއެވެ. މައުލޫމާތު ދީފައިވާ ފަރާތްތަކުން ބުނާގޮތުން މިކަން ކުރިމަތިވެގެން އަންނަނީ ސަބްގްރޭޑް ނުވަތަ މަގުގެ އެންމެ އަޑީގައި އޮންނަ ފަށަލަ މާ މަޑުވުމުންނެވެ. މިކަން ހައްލުކުރަންޏާ ޖެހޭނީ އެ ސަރަހައްދުން ތާރަގަނޑު ކަނޑާ ނަގާލުމަށްފަހު ބޭސް ލޭޔަރު ކޮނެ ނެގުމަށްފަހު އަލުން ތާރަ އަޅަންށެވެ.

ޑިޕްރެޝަންގެ މިސާލެއް: ފޮޓޯ/ ސޯޝަލްމީޑިއާ

އިތުރު މައްސަލަތައްވެސް ފާހަގަކުރެވުނެވެ. ހުޅުމާލެއާއި ގާތުން ބުރިޖަށް އެރުމަށްޓަކައި ދަތުރުފަށާ ހިސާބުން މުޅި ސަރަހައްދުގައިވެސް އަރިމަތީގައި ޖަހާފައިތިބި ދަނޑު ރެއިލިންގްތައް ތިބީ ދަބަރަށްވެ ހުސްވެފައެވެ. އެ ސަރަހައްދުގައި ޖަހާފައިތިބި ސޯލާޕެނަލްތައް ހަރުކޮށްފައިތިބި ފްރޭމްތައްވެސް ދަބަރަށްވެ ނިމެނީއެވެ. މިކަން ކުރީ ލޮނުގެ ސަބަބުން ލިބޭނެ ގެއްލުންތަކަށް ނުވިސްނާތޯ ސުވާލު އުފެދޭއިރު، ލޮނުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި މިކަމުގެ ސަބަބުން މާލިއްޔާތަށްވާނެ ބުރައިން ސަލާމަތްކޮށްދިނުމަށް އެތަނުގައި ތެޔޮކޮޅެއް ލާނެ އަތެއްވެސް ނުވީތޯއެވެ.؟

މީގެ ކުރިން ބުރިޖު މަތީގައި ސްޕީޑް ބްރޭކަރުތަކެއް ހަރުކޮށްފައިހުރި އިރު، އެކަން ކުރުމަށްޓަކައި ތޮރުފާފައި ހުންނާނެއެވެ. އަދިވެސް އެ ވަޅުގަނޑުތައް އެބަ ހުއްޓެވެ. ކުރަންޖެހުމުން ތޮރުފި ނަމަވެސް އައު މަގެއް އެޅުމަށްފަހު އެތަނުގައި ބާގަނޑުތަކެއް ތޮރުފުމަކީ އެންމެ އެދެވޭ ކަމެއް ނޫންކަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވެސް ދެކޮޅެއް ނުހަދާނެއެވެ. މައްސަލައަކީ މިއަދު އެތަންތަނުން ބައެއް ލޯވަޅުތައް ފަޅައިގެންގޮސް ބޮޑުވާން ފަށާފައިވުމެވެ. ހުޅުމާލެއިން މާލެއަށް ދާ ފަޅީގައި މިފަދަ އެއް ލޯވަޅު މިހާރު ބޮޑުވެ ކުޑަ ބާގަނޑެއްގެ ސިފަ ޖެހެން ފަށައިފިއެވެ. ކިތަންމެ ކުޑަ ނަމަވެސް މިއީ ޔަގީނުންވެސް ހައްލުކުރަންޖެހޭ މައްސަލަތަކެއްކަން ޔަގީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: