ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މަސްވެރިންނަށް ފައިސާ ދޭން ކުއްލި މައްސަލަ ހުށަހެޅުމަށް ފަހު، ދީދީ ހާޒިރުވެ ނެތުމުން މައްސަލަ ކުރިޔަށް ނުގެންދެވުނު!

މަރަދޫ ދާއިރާގެ މެމްބަރު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ފިޝަރީސް ކޮމްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރައާއި ގުޅުވައި، ހައްގުތައް ކަށަވަރުކޮށް ދިނުމަށް ގޮވާލައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް ފަހު ޖަލްސާއަށް ހާޒިރުވެ ނެތުމުން މައްސަލަ ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް ދީ، ބާނާ މަހަށް ހަމަ އަގު ދިނުމަށް ގޮވާލައި އިއްޔެ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އައްޑޫގައި މަސްވެރިން ކުރާ މުޒާހަރާ އަދިވެސް ހުއްޓާލާފައި ނުވާއިރު، އެ މީހުން ގޮވާލަމުން ދަނީ ފައިސާ ދެވޭނެ ތާރީހެއް ސަރުކާރުން އިއުލާނު ކުރުމަށެވެ. އަދި ފައިސާ ނުދެވި ދިގުލައިގެން ދިއުމުގެ ސަބަބުން، ކުރަން ޖެހޭ ބައެއް އަސާސީ ހަރަދުތަކާއި އާއިލާ ބެލެހެއްޓުމުގައި ކުރަން ޖެހޭ ހޭދަތައް މަޑުޖެހި ގޮތްހުސްވެފައިވާ ކަމަށެވެ.

މަސްވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން އެއްވެސް ރަސްމީ ޖަވާބެއް ނުދޭކަމަށް ބުނެ، އެމްޑީޕީން މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ޕާލިމަންޓު ގުރޫޕު މެމްބަރުންގެ އަދަދު މަދު ނަމަވެސް މަޖިލިސް ތެރެއިން ކުރެވެން ހުރި މަސައްކަތައް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އީދު ބަންދަށް ފަހު މިއަދު އޮތް މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި، އެޖެންޑާ ވިދާޅުވެދެއްވުމަށް ފަހު މަރަދޫ ދާއިރާގެ މެމްބަރުގެ ކުއްލި މައްސަލައެއް ލިބިފައިވާތީ އެ ހުށަހެޅުމަށް ފުރުސަތު ދެއްވިކަން ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިއުލާނު ކުރެއްވި އެވެ. އެހެން ނަމަވެސް ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ފަހު، ދީދީ ޖަލްސާއަށް ހާޒިރުވެ ނެތުމުން މައްސަލައިގެން ކުރިޔަށް ދެވެން ނެތުމުން ދެން ކުރިޔަށް ގެންދިޔައީ އެޖެންޑާގައިވާ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވި ގޮތުގައި، ވިސްނުމުގައި ހުރީ ކުއްލި މައްސަލައެއް ހުށަހެޅުމަށް ފަހު ގަރާރެއް ވެސް ހުށަހެޅުމަށެވެ. އަދި ބޭނުން ވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވައި ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމާއި ސުވާލުކޮށް މިފްކޯގެ ހާލަތު ވެސް ދެނެގަތުމަށް ކަމަށެވެ. މި މަސައްކަތް އެ ޕާޓީން ކުރިޔަށް ގެންދާއިރު، މަސްވެރިން ހައްގުތައް ހޯދުމަށް އަޑުއުފުލައި މުޒާހަރާ ކުރިޔަށް ގެންދިއުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ.

ޕްރެސްގައި ދީދީ ވިދާޅުވީ، އިގްތިސާދުގެ ބޮޑު އިންސައްތައެއް މަސްވެރިން ހިފަހައްޓާއިރު، ކުރާ މަސައްކަތަށް އަގު ނުދެވެން ވީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ، ނުލިބުމަކީ އިގްތިސާދު މަޑުޖެހޭނެ ސަބަބަކަށްކަމަށް ދީދީ ވިދާޅުވި އެވެ. އޭނާ ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ، އެއްވެސް ބަހަނާއެއް ނެތި ދޭން ވެސް ގޮވާލާފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: