ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފްގައި ހުނަން ޖެހެނީ 20 މިލިއަން، އިތުރު ކޮން 32 މިލިއަންނެއް؟: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ/ ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޑީއެފްއަށް ފައިސާ ވައްދާ ”އެއަރޕޯޓް ޓެކްސް ސާވިސް“ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 20 މިލިއަންކަމަށާއި އެހެންކަމުން ރައީސް ޑރ މުހައްމަދު މުއިއްޒު އެ ފަންޑުގައި 54 މިލިއަން ޑޮލަރު ހުރިކަމަށް ވިދާޅުވާކަމަށްވުމުން އިތުރުވަނީ ކޮން 32 މިލިއަން ޑޮލަރެއްތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސުވާލު ކުރައްވައިފިއެވެ.

ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީންވަނީ ދިވެހިރާއްޖޭގެ މާލީ މަަސައްކަތްތައް ކުރެެވެމުންދާގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެސްއޯއީތަކާއި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ފައިސާ ދޫކޮށްފައިވަނީ ފެބްރުއަރީ މަހާއި މާޗު މަހުގެ ތެރޭގައިކަމަށެވެ. އަދި އޭގެ ފަހުން ފައިސާ ދޫކޮށްފައިނުވާކަމަށާއި ދިން އެއްޗެއް ދީފައިވަނީ އެއްކޮށް ކަމަށްވެސް ހިއްސާކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ހުރީ އެ ކުންފުންޏަކަށް އެވަގުތު ބޭނުންވާ ފައިސާ ދިނުމަށްފަހު މި އަހަރުގެ އެހެން ހިސާބަކުން ބާކީ ދޭން ނިންމާފައިވާކަމަށެވެ. އެމަނިކުފާނުވަނީ އެގޮތަށް އަމަލުކުރެއްވި ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ. އަދި އެގޮތުގެ މަތިން އަމަލުކޮށްފައިވަނީ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ކަމަށް ތުހުމަތުކުރެއްވިއިރު، މިއީ ވަޒީފާތަކަށް މީހުން ނެގުމުގެ ބޭނުމުގައި ހިންގި އަމަލެއްކަމަށް އަލިއެޅުވއްިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ސަރުކާރުން ދަނީ ވޯލްޑް ބެންކް ފަދަ ތަންތަނުގެ ގޮވާލުންތަކާއި އެއްގޮތަށް ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށާއި އެހެންކަމުން ސަރުކާރު ކުންފުނިތަކަށް ދިން ފައިސާ އަކީ އިސްވެ ދެންނެވި މަގުސަދުގައި ދޫކޮށްފައިވާ ފައިސާކަމަށް ތަކުރާރުކުރެއްވިއެވެ. އަދި ދޫކޮށްފައިވަނީ ވެސް އިންތިހާބާއި ދިމާކޮށްކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުވަނީ ރައީސް ޑރ މުއިއްޒު ވިދާޅުވާ އަދަދުތަކާއި އެކި ތަފާސް ހިސާބުތަކުން ދައްކާ އަދަދުތަކާއި ފުށުއެރުންތަކެއް ހުރިކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. އެގޮތުން އެމަނިިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނު އިރު އެސްޑީއެފް ގައި 100 މިލިއަން ޑޮލަރު ހުރިކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި އެ ހުރިހާ ފައިސާއެއް އެއްކޮށް ބޭނުންކުރުމަށްފަހު ބާކީ މި ދައުރު ފެށުނު އިރު ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާކަމަށާއި ރައީސް މުއިއްޒުވަނީ އެންމެ ފަހުން ކުރިއަށް ގެންދިޔަ ޖަލްސާގައި އެ ފަންޑުގެ ސަައިޒު 54 މިލިއަން ޑޮލަރަށް ބޮޑުވެފައިވާކަން ހާމަކުރައްވާފައިކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން އެ ފަންޑަށް 52 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ވާހަކަކަމަށާއި މި އަހަރުގެ ނިޔަލަށް މުއައްސަސާތަކުންވެސްވަނީ 100 މިލިއަން ވަންނާނެކަމަށް އަންދާޒާކޮށްފައި ނަމަވެސް މިހާރު އަންދާޒާކުރުމަށް ބޭނުންކުރި ހުރިހާ އަސާސްތައް ނުބައި ވެފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިކަމުން ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ އާމްދަނީވަނީ ދަށްވެފައިކަމަށާއި އެހެންކަމުން އިގްތިސާދުގެ އަންދާޒާތަކަށް އިސްލާހު ގެންނަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މި އަހަރުގެ ނިޔަލަށް 100 މިލިއަން ޑޮލަރެއް ނުވަންނާނެކަމަށާއި މިހާރުގެ ނިޔަލަށް 54 މިލިއަން ހުރިކަމަށް ރައީސް ވިދާޅުވެފައިވަނީ މި އަހަރުގެ ނިޔަލަށް ވަންނާނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ރިއާޔަތްކޮށް ކަމަށާއި މިހެން ދަންނަވަނީ އެ ވިދާޅުވާ 54 މިލިއަން ޑޮލަރު އެސްޑީއެފްގައި ނެތުމުންކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެސްޑީއެފްއަށް ފައިސާ ވަންނަނީ އެއަރޕޯޓު ޓެކްސްއިންނާއި ގްރީން ފަންޑުންކަމަށެވެ. އަދި އެސްޑީއެފްއަށް ފައިސާ ވަންނަނީ ދެ ކޮމްޕޯނެންޓުންކަމަށްވާއިރު، މޯލްޑިވްްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކަށް ބެލުމުން މި މަހުގެ ނިޔަލަށް ދެ ފަންޑުން ޖުމުލަކޮށް ލިބިފައިވަނީ 20 މިލިއަން ޑޮލަރުކަން ފެނިގެންދާކަމަށްވުމުން ބާކީ 32 މިލިއަން ހޯދީ ކޮންތަނަކުންތޯ ބެލުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، އެހެންކަމުން ސަރުކާރުގެ ހިސާބުތައް ދިމާނުވާކަން ފެނިގެންދާކަމަށާއި އެ ވިދާޅުވާ އަދަދަށް ފަންޑުގައި ފައިސާއެއް ނެތްކަމަށާއި ހުންނަންވާނީ 22 މިލިއަން ޑޮލަރުކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންވަނީ ރުފިޔާ ޗާޕު ނުކުރާކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިކަމަށްވެސް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް ޖޫން މަހުގެ ނިޔަލަށް ވަދެފައިވަނީ 12 ބިލިއަންކަމަށާއި އޭގެ ތެރެއިން 13.7 ހަރަދުކޮށް ނިންމާފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ. އެމެނިކުފާނު ވިދާޅުވީ، އާމްދަނީއަށްވުރެ އިތުރަށް ހަރަދުކޮށްފައިވާ 1.7 ބިލިއަން ހޯދި ގޮތެއް އަދި ސާފު ނުވާކަމަށެވެ. އަދި އިސްވެ ދެންނެވި ފަންޑުތަކަށްވެސް ސަރުކާރުންދަނީ ފައިސާ ޖަމާކުރަމުންކަމަށް ފެނިގެންދާކަމަށާއި ސަރުކާރު ކުންފުނިތަކުގެ ބިލުތައް ދެއްކުމުގެ އިތުރުން މުސާރަ ދިނުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށް ވިދާޅުވިއިރު، މި ހުރިހާ ކަމެއް ކުރުމަށްޓަކައި ސަރުކާރުގެ އަތުގައި ފައިސާ ހުންނަކަމަށް އިޝާރާތްކުރެއްވިއެވެ.

ފައިސާ ޗާޕު ނުކުރާކަމަށް ބުނާ ވާހަކައާއިމެދު އިތުރު ތަފްސީލު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެޑްވާންސަސް ޓު ގަވަރމެންޓުގެ ގޮތުގައި ސަރުކާރަށް ދޫކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ސަރުކާރުން އެދިގެން އެމްއެމްއޭއިން ހޯދާ ފައިސާކަމަށެވެ. އަދި މިއަދުގެ ހިސާބުތަކަށް ބަލާއިރު، މި އަދަދުތައް ހުރީ 14.7 ބިލިއަން ރުފިޔާގައިކަމަށާއި އެހެންކަމުން 13 ބިލިއަންގެ ތަފާތެއް އައިސްފައިވާކަމަށް އަލިއެޅުއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްއެމްއޭއިން އެގޮތަށް ފައިސާ ނެގުމަކީ ޗާޕުކުރުންކަމަށާއި ދެގޮތަކަށް ފައިސާ ޗާޕުކުރާކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އެގޮތުން އެއް ގޮތަކީ ޕްރިންޓުކުރާ މެޝިނަކުން ޗާޕުކޮށްގެން ގެނައުން ކަމަށާއި އަނެއް ގޮތަކީ އެމްއެމްއޭ އަތުގައި ޗާޕުކޮށްފައި ހުރި ދައުރުނުކުރާ ނޫޓުތަކެއް ނަގައިގެން ދައުރުކުރުންކަމަށެވެ. އަދި އެގޮތަށް ނެގުމަކީވެސް ޗާޕުކުރުންކަމަށާއި އެކަމުން ނުކުންނާނީ އެއް ނަތީޖާއެއްކަމަށް ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފައިސާ ޗާޕުނުކުރާކަމަށް ވިދާޅުވުމަށްފަހު ދައުލަތް ހިންގަމުންދަނީ އެގޮތަށްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އެމްއެމްއޭއިން މިގޮތަށް ލޯނު ނަގައިގެން ސަރުކާރު ނުހިންގޭނެކަމަށެވެ. އަދި ސަރުކާރުން ހަދަމުންދަނީ ގޯހެއްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޭނުންކުރަމުންދަނީ ޗާޕުކޮށްގެން ގެނެސް އެމްއެމްއޭގައި ބަހައްޓާފައި ހުރި ނޫޓުތަކެއް ކަމަށާއި އެއީ ބެންކުތަކުން އެމްއެމްއޭގެ ރިޒާވުގައި ބަހައްޓާފައިވާ ޑިޕޮސިޓް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 56%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: