ސަރުކާރުން ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މާލީ ހާލަތު ގޯސްވެ ގިނަ އަދަދެއްގެ ކުންފުނިތައް ބަނގުރޫޓުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދުވަނީ ސަރުކާރުގެ މާލީ މަސައްކަތްތައް ހުރި ގޮތުގެ ސަބަބުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރަމުންދާ ކުންފުނިތަކަށް އިންތިހާ ދަތިކަން ކުރިމަތިވެފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. ޝަމްހީދު ވިދާޅުވީ، ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންނަށް ދެމުންދާ ގިނަ ހިދުމަތްތަކެއް ލިމިޓުކުރުމަށް ހިމަނާފައިވާކަމަށެވެ. އެހެންކަމުން ގައުމުގެ ހާލަތު ހުރިހާ ރައްޔިތުންނަށް ސާފުވާންޖެހޭކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ހަރަދު ކުޑަކޮށްފައިވާ ވާހަކަ ދައްކަމުންދާއިރު ގިނަ އަދަދެއްގެ ބިލުތަކަށް ފައިސާ ނުދެވި ހުރި ހުރުންކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަންޖެހޭ ކުއްލި ނުދައްކާ ބެހެއްޓުމަކީ ހަރަދުކުޑަކުރެވުންކަމަށް ގަބޫލުނުކުރައްވާކަމަށާއި އޭނާ އަށް ފެނިވަޑައިގަންނަވަނީ ސަރުކާރުން ވޭތުވެދިޔަ މަސް ތަކުގެ ތެރޭގައި އެފަދަ ގޮތަކަށް ހަރަދުކުޑަކުރިތަން ކަމަށް ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ފެންނަނީ ގިނަ އަދަދެއްގެ ބިލުތަކަށް ފައިސާ ނުދީ ހުރި މަންޒަރުކަމަށާއި އެހެންކަމުން ހަގީގަތުގައި ހަރަދު ކުޑަކުރެވުނުކަމަށް ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަން ޖެހިފައި ހުރި ފައިސާ ނުދައްކާ ހުރިކަމަށެވެ. ޝަމްހީދު ވިދާޅުވީ، ނިމިދިޔަ ދައުރުގައި އެފަދަ ބިލުތައް 14 ދުވަހުގެ ތެރޭގައި ކްލިއަރ ކުރާކަމަށްވާއިރު މިހާރު ބިލުތައް ކްލިއަރ ކުރަމުންދަނީ ކިހާ މުއްދަތެއްގެ ތެރޭގައިކަން ސާފުނުވާކަމަށެވެ.
އޭނާ ވިދާޅުވީ، 60 ދުވަސް އަދި 90 ދުވަސް ފައިސާ ދައްކަން ޖެހޭ މުއްދަތަށްވުރެ އިތުރުވެފައި އޮތީ ކިތައް ބިލުކަންވެސް އެނގިވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން ސަރުކާރުން ހަރަދު ކުޑަކޮށްފައިވާކަމަށް މާނަކުރަމުންދާ ގޮތާއިމެދު އޮޅުންތަކެއް އަރާކަމަށާއި އެކަން ސާފުކޮށްދިނުން މުހިންމުކަމަށް ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ވަރަށް ގިނަ އަދަދެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައްވަނީ ހަލާކުވެފައިކަމަށާއި ހާއްސަ ގޮތެއްގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ނޭދެވޭ އަސަރުތައް ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބިލުތައް ނުދެއްކުމާއި މިރާއަށް ޓެކްސް ނުދެއްކި ދިއުމުގެ އިތުރުން އެކައުންޓު ފްރީޒްކުރުން ފަދަ ދަތިތަކާއިވެސް ކުރިމަތިލާންޖެހިފައިވާކަމަށްވުމުން ގިނަ އަދަދެއްގެ ކުންފުނިތައް ބަނގުރޫޓުވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ދުރު ރާސްތާގައި ކުރާ އަސަރުތަކާއި އާއިލާތަކަށް ކުރިމަތިވެގެންދާ ގޮންޖެހުންތައްވެސް ހުރިކަމަށެވެ. އަދި ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު ޝަފީގުއަށްވެސް ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތް އެނގިވަޑައިގަންނަވާނެކަމަށް ފާހަގަކުރައްވާ އޭނާވަނީ ހަރަދު ކުޑަކުރުން މާނަކުރައްވަނީ އޭނާ އިސްވެ ދެންނެވި އުސޫލުންތޯ ސުވާލު އުފައްދަވާފައެވެ.

