ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ޒިޔާރަތް ނުކުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ބުނީ، ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވަމުން ދާ ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލުގައި މިހާރު ތިބި ބަލި މީހުންނާ، ހޮސްޕިޓަލުގެ މުވައްޒަފުން އަދި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗް އަށް ޒިޔާރަށް ނުކުރުމަށް އިލްތިމާސްކުރުމާ، ޒިޔާރަތް ކުރާނަމަ މާސްކު އެޅުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ. ޚާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެކަމަށް ސަމާލުވެ މާސްކު އެޅުމާއެކު ހޮސްޕިޓަލުގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ކޮންމެ އަހަރެއްގެ ހައްޖު މޫސުން ނިމި ޙައްޖާޖީން މާލެ އަންނަ ދުވަސްވަރަކީ އެކިކަހަލަ ބަލި މަޑުކަމާ ކުރިމަތިވާ ދުވަސްވަރެކެވެ. މި ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި ހައްޖުގެ އަޅުކަމުން އަންނަ މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ.
މި ފިޔަވަޅުތައް އަޅާފައިވާއިރު ހައްޖާޖީންގެ ތެރެއިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ވެސް ފެނިފައިވެއެވެ.

