ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވާ ފެސިލިޓީ ގާއިމްކުރުމަށް ހުޅުމާލޭ ސަހަރާ ކައިރިން ބިމެއް އައިޖީއެމްއެޗްއަށް ހަމަޖައްސައިދީފިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޕޯސްޓްމޯޓަމް ފެސިލިޓީ ގާއިމްކުރުމަށް އައިޖީއެމްއެޗްއަށް ބިން ހަމަޖެއްސާފައިވަނީ ހުޅުމާލޭ ސަހަރާ ކައިރިން ކަމަށެވެ.
މިހާރު ކުރިއަށް ދަނީ އެ ފެސިލިޓީ ގާއިމްކުރުމަށް ބޭނުންވާ ޑިޒައިންގެ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ހަ ބާވަތްތެއްގެ މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބޭގޮތަށް، މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު އާންމުކޮށް، ގެޒެޓުކުރީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ގަވައިދުގެ ދަށުން ކޯޓު އަމުރެއް ނެތި، އަދި މަރުވި ފަރާތުގެ އާއިލާގެ ހުއްދައެއް ނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ދީފައިވެއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ގާނޫނީ ހުރަހެއް ނެތް ނަމަވެސް، ވަސީލަތްތައް ނެތުމުން، އެފަހުން ވެސް ފުލުހުން ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑުތައް ފޮނުވަނީ ރާއްޖެއިން ބޭރަށެވެ. މިދިޔަ 10 އަހަރު ޕޯސްމޯޓަމް ހަދަން 23 މީހެއްގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، ކޮންމެ މީހަކަށް 55،000ރ. ހޭދަކުރަން ޖެހުނު ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
މިދިޔަ ޖުލައި މަހު ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެފައިވަނީ، ޕޯސްޓްމޯޓަމް ހެދުމަށް ލެވެލް 2 ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށާއި އެކަމަށް ބިން ހަމަޖެހިފައިވާ ކަމަށެވެ.
ޔުނިޓް ގާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކްގެ ހިދުމަތާއި މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ހިދުމަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެގޮތުން، ފެސިލިޓީ ގާއިމްކުރުމުން ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ އިތުރުން، ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމާއި، ޝަރުއީ އިންޝުއަރެންސްގެ ބޭނުމަށް މީހަކަށް ލިބޭ އަނިޔާގެ މިންވަރު ވަޒަން ކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލުކުުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

