ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމަށްޓަކައި ދިރާސާތަކެއް ކުރުން މުހިންމުކަމަށް މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައެޅުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ސައުދާ ވިދާޅުވީ، އެކަމާއި ގުޅޭގޮތުން އެކި މަޝްވަރާތައް ލިބެމުންދާކަމަށާއި ދުޔޭގެ އެހެން ތަންތަނުގައި މިކަން ކުރަމުންދާ ގޮތް ބެލުމަށްވެސް ބައެއް މެމްބަރުން ހިޔާލު ހުށައަޅާފައިވާކަމަށް ވިދާޅުވިއެވެ. ސައުދާ ވިދާޅުވީ، މި ހުށައެޅުމަކީ މުހިންމު ހުށައެޅުމެއްކަމަށް ދެކިވައިގަންނަވާކަމަށެވެ. އެހެންނަމަވެސް އެ ފޯމިއުލާތަކަކީ ރާއްޖޭގައި ބޭނުންކުރެވިދާނެ ފޯމިއުލާތަކެއްތޯ ބެލުން އެއަށްވުރެވެސް މުހިންމުކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ރަނގަޅު އިލްމީ ދިރާސާއެއް ކުރުން މުހިންމުކަމަށާއި މިކަމުގެ ތެރޭގައި ފަންނީ ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުންގެ ހިޔާލުވެސް ހިމެނުން ވަރަށް މުހިންމުކަމަށް ފާޙަގަކުރެއްވިއެވެ. ސައުދާ ވިދާޅުވީ، އެފަދަ ދިރާސާއަކަށް ރިއާޔަތްކޮށްގެން މެމްބަރުންގެ އަދަދު ކަނޑައެޅުން ފަދަ މަސައްކަތްތައް ކުރުން މުހިންމުކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެނައުމަށްޓަކައި ދިރާސާތަކެއް ކުރަމުންދާކަމަށް އަލިއަޅުއްވައި ސައުދާ ވިދާޅުވީ، މަޖިލީހަށްވެސް ހަމަ އެގޮތަށް ރާއްޖޭގެ ޔުނިވާރސިޓީއާއި ބޭރުގެ ކަމާއި ގުޅޭ މީހުންގެ ލަފާ ހޯދައިގެން ނަމަވެސް އިލްމީ ދިރާސާތަކެއް ކުރެވިގެން އައުން މުހިންމުކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެމެހެއްޓިނިވި އުސޫލެއްގެ މަތިން ކަންކަން ކަނޑައެޅި ކުރިމަތިވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ އޭރުންކަމަށާއި ދައުލަތާއި ރައްޔިތުންނަށް އެކަމުން ފައިދާއެއް ލިބޭނީ އެގޮތަށް އަމަލުކޮށްގެންކަމަށްވެސް ސައުދާ ވިދާޅުވިއެވެ.

