މަޖިލީހުގައި އަމިއްލަ މަސްލަހަތަށް ވާހަކަ ދައްކައި، މެމްބަރުންގެ ހުރި ޝުއޫރުތައް ފާޅުކުރުމުގެ ބަދަލުގައި ގަރާރަށް ބަހުސްކޮށް ވާހަކަ ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާއި މެދު މެމްބަރުން ދެކޭ ގޮތުގެ ހިޔާލު ހޯދުން ނަމަވެސް ގިނަ ބޭފުޅުން ބަހުސް ކުރެއްވީ ގަރާރުން ބޭރުންނެވެ. އެގޮތުން އިގްތިސާދު ހަމަމަގަށް އެޅުވުމަށްޓަކައި އަޅަން ފެންނަ އިތުރު ފިޔަވަޅުތައް މެމްބަރުން ފާހަގަކުރެއްވި އިރު، ވާހަކަ ދެއްކެވި އެހެން ބޭފުޅުން ދެއްކެވީ މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓު ކުރުމާއި އެކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތެކެވެ.
މީގެއިތުރުން މެމްބަރުންގެ މުސާރައާއި އިނާޔަތްތަކާއި މެދު ބަހުސް ކުރުމާއި، ސަރުކާރު މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ ޕީޖީ ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރި އެވެ.
މެމްބަރުން މައުޟޫއުގެ ބޭރުން ވާހަކަ ދައްކަވަމުން ގެންދަވާތީ، ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ މެމްބަރުން ގަރާރަށް ބަހުސް ކުރެއްވުމަށް އެދޭކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް ގަރާރުގެ ތަފްސީލު އެނގިވަޑައިގަންނަވާއިރު މިއީ އެބޭފުޅުންގެ ޝުއޫރުފާޅު ކުރުމަށް ލިބޭ ފުރުސަތަކަށް ނުހެއްދެވުމަށް އެދޭކަމަށެވެ.
އެ ބިލް ކުރިމަތީގައި ބާއްވައިގެން އެއްވެސް ވަރަކަށް އެ ބިލްގެ ނަންވެސް ބޭނުން ނުކޮށް އެބޭފުޅެއްގެ ހިތްޕުޅުގައި ހުރި ޝުއޫރުތައް ނުވަތަ އުފެދިފައިވާ ޝުއޫރުތައް ހާމަ ކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ނެހެއްދެވުން އެދެން
އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީހަކީ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ތަނަކަށް ހެއްދެވުމަށް އެދޭކަމަށެވެ.
މި ހަފްތާގެ އާދީއްތަ، ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ ޖަލްސާގައި ވެސް މެމްބަރުން ބަހުސް ކުރެއްވީ އިގްތިސާދީ ހާލަތު މެނޭޖު ނުކުރެވުމުގެ ޒިންމާ ނަގަން ޖެހޭނެ ސަރުކާރަކާ މެދު އެވެ.

