މާލީ ހާލަތު ގޯސް ދުވަސްވަރެއްގައި ބޮޑު އަގުދީ ތުރުކީ ވިލާތުން ގެނައި ޑްރޯންތަކުން ގައުމަށް ލިބޭ އެއްވެސް ފައިދާއެއް ނެތްކަމަށް މިހާތަނަށް ފެންނަން ނެތްކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި ބިލުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މެމްބަރުން ދަނީ މިފަދަ މަސައްކަތަކާއި ހަމައަށް މަޖިލީހުން ދާ ސަބަބުގެ ޒިންމާ ނަގަން ޖެހޭނެ ބަޔަކާ މެދު ބަހުސް ކުރަމުންނެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ކުރިޔަށް ދިޔަ، ދަރަނި މެނޭޖު ކުރުމާއި ބެހޭ ބިލުގެ ބަހުސްގައި ނާޒިލް ވިދާޅުވީ ބަޔަކު ގައުމުގެ ފައިސާއަށް ހިޔާނާތްވެއްޖެކަމަށް ބުނެ އެންމެ ގަދައަށް އަޑުއުފުލީ މި ސަރުކާރުގެ މެމްބަރުން އިދިކޮޅުގައި އޮވެކަމަށެވެ. އެކަމަކު ވެރިކަމަށް އާދެވި، ބާރާއި ފައިސާތައް ފެނުމުން ތިޖޫރީއަށް ހިޔާނާތްވުން ނޫންކަމެއް ނުކުރެވޭކަމަށް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މި ސަރުކާރުން ގައުމުގެ ތިޖޫރީން ހިތުހުރި ގޮތަކަށް ފައިސާ ހޭދަ ކުރަމުން ދަނީ، އިގްތިސާދީ ގޮންޖެހުންތަކެއް ހުރިހެން ހީވާ ގޮތަކަށް ނޫނެވެ. ތިޖޫރީ ލިބުމުން އެއަށް ހިޔާނާތްވެ، ހިތު ހުރި ގޮތަކަށް ބޭނުންކުރާ މަންޒަރު މިހާރު މި ސަރުކާރުން ފެންނަން ފަށާފައިވާކަމަށް ނާޒިލް ވިދާޅުވި އެވެ.
އިގްތިސާދުގައި ފައިސާއެއް ނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާއިރު ވެރިކަމުގެ ހުވާ ކުރެއްވީ ވެސް 23 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ހާއްސަކޮށްފައިވާ ގެކޮޅަށް މިލިއަނުން ފައިސާ ހަރަދު ކުރުމަށް ފަހު، އަމިއްލަ ކަންކަމަށް މުލިއާގެއަށް ގެނައި ބަދަލުތަކަށް ވެސް ކުރި ހޭދަތައް މިލިއަނުން ފައިސާ ހޭދަވިކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ދައުލަތުގެ ރިޒާވް ދަށްވިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން ތަކުރާރުކޮށް ވިދާޅުވާއިރު އެ ފައިސާގެ ދެބައިކުޅަ އެއްބައި ބޭނުން ކުރީ ހަމައެކަނި ޑްރޯން ގަތުމަށް ކަމަށެވެ. އަދި ބޭކާރު އެހެން ހަރަދުތައް ވެސް ކުރަމުން ދަނީ، ހަމަ އެ އުސޫލުންކަމަށް ޏާޒިލް ވިދާޅުވި އެވެ.
މިއުޅެނީ ތިޖޫރީ ލިބިގެން.. ތިޖޫރީ ލިބިއްޖެ… ތިޖޫރީ ލިބިގެން… ލިބުނީމަ ދެން އޮންނާނީ ހިތުހުރި ގޮތަކަށް ނޫންތޯ.. އެ ފެށުނީ، ޖެހިގެން އައި ހަފްތާގަ.. މީ އަދި ދެ ހަފްތާ މިވީ، 500 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ގަތީ ދެ ޑްރޯން… ނީލަމުގަ ވިއްކާލިޔަސް 50 މިލިއަން ވެސް މިހާރު ނުލިބޭނެ..
ނާޒިލް ވިދާޅުވީ ޑްރޯންތައް ގެނައި، ކަނޑުމަތީގެ ހާދިސާތަކަށް ބޭނުން ކުރެވޭނެކަމަށް ބުނެކަމަށާއި އެކަމަކު ބޭނުންވާ އެންމެ ކުއްލި ހާލަތުގައި ވައިބާރުވުމުގެ ސަބަބުން އެ ބޭނުން ނުކުރެވޭކަމަށެވެ. އެހެންކަމުން އޭގެ އަސްލު ބޭނުމާ މެދު ސުވާލު އުފެދޭކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މިއަދު ކުރީ ސަރުކާރުގެ ނަން ގެނައުމުގެ ބޭނުމެއް ނެތްކަމަށާއި، ދައުލަތުގެ ތިޖޫރީ އޮތީ ޕީޕީއެމް/ޕީއެންސީގެ އަތުގައި ކަމަށެވެ. އަދި މުސާރައާއި އިނާޔަތްތައް ދޭން ޖެހޭ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވުމުން ހަރަދު ކުޑަކުރާނެ ގޮތަކާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.

