ދައުލަތުގެ ކުންފުނިތަކާ މުއައްސަސާތަކުގެ ވެރިން މިއަދު ރައްޔިތުންގެ މަޖިލިސްދެކެ ބިރުގަންނަން ޖެހޭނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ޚަރަދު ކުޑަކުރާއިރު މުސާރައަށް ބަދަލު ގެންނަން ޖެހޭ ހަމައެކަނި ބަޔަކީ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރަ ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ. ދައުލަތުގެ ޚަރަދު ކުޑަކުރާއިރު ރައްޔިތުން ޝާމިލުވާގޮތަށް ހެދިފައިވާ އެންމެހާ ކުންފުނިތަކާ މިނިވަން މުއައްސަސާތަކާ ކައުންސިލްތަކާ މިނިސްޓްރީތައް ހިމެނޭ ކަމަށް އައްބާސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތައް އުފެއްދީ ވަރަށް މާތް މަތިވެރި މަގްސަދެއްގައި ކަމަށެވެ. ނަމަވެސް ކައުންސިލްތަކުން ރަށްރަށަށް އައި ކުރިއެރުމެއް ނުވަތަ ފައިދާއެއްް ވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގަ ކައުންސިލްތައް އުފެއްދީ ވަރަށް މާތް މަގްސަދެއްގަ. ރަށްރަށުގަ ބިމުކުލީގެ އިތުރަށް، ދައުލަތުގެ ބަޖެޓުން ވެސް ބޮޑު އިންސައްތައެއް އެބަދޭ ރަށު ކައުންސިލްތަކަށް. އެހެން ނަމަވެސް އެ ކައުންސިލްތައް އައިސްގެން، އެ އިއްޒަތްތެރި ކައުންސިލް މެންބަރުން ތިއްބަވައިގެން ރަށްރަކަށް އައި ހަމަ އެއްވެސް އުމްރާނީ ތަރައްގީއެއް ނެތް. ރަށްރަށުގެ ކައުންސިލްތަކުގެ ރައީސާ ނައިބު ރައީސް އިންތިޚާބުކުރައްވާ ދެން ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން ހިމެނޭގޮތަށް ސިޓިން ކައުންސިލެއް އެކުލަވާލެވިގެން ކުރިއަށް ދިޔުން އެއީ ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލުއިވެގެންދާނެ ކަމެއް،
މެންބަރު ވިދާޅުވީ ކުންފުނިތަކާ މުއައްސަސާތަކުގެ ވެރިން މިއަދު މަޖިލިސްދެކެ ޖެހިލުންވާން ޖެހޭނެ ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ވެރިން ގާނޫނާ ޚިލާފުވެއްޖެނަމަ ނުވަތަ ދައުލަތު މުދަލާ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވެއްޖެނަމަ އެ ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް އެ ބޭފުޅުން ޖަވާބުދާރީ ކުރުވާނީ މަޖިލީހުން ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އަދި އެފަދަ އަމަލެއް ކުރި ވެރިއަކު ވަގުތުން ވަގުތަށް ވަކި ކުރަން މަޖިލީހުން ރައީސަށް ލަފާއަރުވަން ވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

