މި ސަރުކާރުން އެެއްވެސް ދާއިރާއަކުން ބޮޑު ޓެކްސްއެއް ނަގަން ނުޖެހޭނެކަމަށާއި އެމްޑީޕީގެ ސަރުކާރުންވާނީ ރާއްޖޭގެ ވެރިކަމާއި ދެން ހަވާލުވާ ސަރުކާރަކަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މިންވަރަށް ޓެކްސް ބޮޑުކޮށްދީފައިކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއިން މާ ބޮޑަށް ބަންގްލަދޭޝް ރައްޔިތުން އިތުރުވެފައިވާކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރިސޯޓުތަކަށާއި ގެސްޓްހައުސްތަކަށް ނުދާކަމަށާއި އަންނަމުންދަނީ ހުއްދަ ދޭ ފަރާތަކަށް ބޮލަކަށް 4000 ދީގެންކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިން ފުރާކަމަށްވެސް ނުވާކަމަށާއި އައި މީހުންގެ އަދަދުތައް މިހާރު އެއް މިލިއަނަށްވުރެވެސް އިތުރުވެފައިވާކަން ސަރުކާރުން އިއުލާނުކޮށްފައިވާކަމަށް އިޝާރާތްކުރެއްވިއެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ މީހުންދަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަންނަ މީހުންގެ އަދަދުތައް ދަށްކަމުގެ ޝަކުވާ ކުރަމުންކަމަށްވުމުން ރައްޔިތުން މިކަމުގެ ހަގީގަތް ދެނެގަތުން މުހިންމުކަމަށް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، މަސްވެރިންނާއި އާންމު ރައްޔިތުން ފެލާލައިގެން ރައީސް މުއިއްޒުގެ ލެގަސީ ހިފެހެއްޓުމަށްޓަކައި މަޝްރޫޢުތަކެއް ހިންގަން ޖެހޭކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ހަގީގަތުގައިވެސް ސަރުކާރުން އުޅެނީ ލާރި ނެތިގެން ނޫންކަމަށެވެ. އޭނާ ވިދާޅުވި، އިންތިހާއަށް ފައިސާ އިސްރާފުކުރަމުންދާއިރު ސަރުކާރުގެ ވިސްނުން ހުރީ އޭގެ ބޭރުން ރައީސް މުއިއްޒު އަމިއްލަ ނަފްސު ޕްރޮމޯޓްކުރެވުމުގެ ގޮތުން ބިނާތަކެއް އެޅުއްވުން ފަދަ މަސައްކަތްތައް ކުރުމަށްކަމަށެވެ. ޝަހީމް ވިދާޅުވީ އެ މަސަައްކަތްތައް ކުރުމަށްޓަކައި ރައްޔިތުން ފެލައިގެން ފައިސާ ހޯދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަމަށެވެ.
ޝަހީމް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސިނާއަތަކުން އިންތިހާއަށް ބޮޑު ޓެކްސްއެއް ނަގަން ނުޖެހޭނެކަމަށެެވެ. އަދި އެމްޑީޕީގެ ސަރުކާރުން އޮންނާނީ ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ދަތި ހާލަތުގެ ތެރެއިން އަރައިގަތުމަށާއި ކުރިއަށް އޮތް ތާނގައި ވެރިކަމާއި ހަވާލުވާނެ ސަރުކާރަކަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ޓެކްސް ބޮޑުކުރަންޖޭހޭނެ ވަރަށް ބޮޑުކޮށްފައިކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް ބޭނުން ޖެހޭނެ މިންގަނޑުން އެމްޑީޕީއިންވާނީ އެކަން ކޮށްދީފައިކަމަށެވެ.

