އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި ފަތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރު ކުރީ ހަމަ ހަގީގަތުގައި ވެސް ސިހުރުގެ މައްސަލައެއްގަތޯ ނުވަތަ އެހެން އިތުރު މަގްސަދެއް ހާސިލުކުރުމަށްތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ޝަމްނާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވަރަށް އަރިހުން ސިޓީ ކައުންސިލުގައި މަސައްކަތް ކުރެއްވި ފަރާތެއް ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ވަނީ އޭނާ ހައްޔަރު ކުރީ ސިޓީ ކައުންސިލުގެ ކޮރަޕްޝަންގެ މައްސަލަ ހިމެނޭ ޕެންޑްރައިވެއް އޮތުމުން އޭތި ހޯދުމަށްޓަކައި އެ ގެ ރެއިޑުކުރޮށް ޝަމްނާޒް ހައްޔަރު ކުރީ ކަމަށް ވެދާނެ ކަމަށް ވިދާޅުވެ، އޭނާ ހައްޔަރުކުރި މަގްސަދާ މެދު ސުވާލުއުފައްދަވާފައެވެ.
އަޅުގަނޑު ހިތަށްއަރަނީ ޝަމްނާޒް މިއުޅެނީ ހައްޔަރު ކޮށްގެން. ޝަމްނާޒް ހުންނެވި ސިޓީ ކައުންސިލުގަ ކައުންސިލަރަކަށް. މުއިއްޒު އެއީ މޭޔަރު. މުއިއްޒާ ވަރަށް އަރިހުން މަސައްކަތް ކުރީ. އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ ސިޓީ ކައުންސިލްގެ ކޮރަޕްޝަނުގެ ވާހަކަ. މީގެ ބައެއް މައްސަލަތައް އެބަހުރި މިހާރުވެސް އޭސީސީއަށް ހުށަހެޅިފަ. އެހެންވީމަ ފަހަރުގަ ވެދާނެތޯ ޝަމްނާޒް އެހާ ކައިރިން މަސައްކަތް ކުރީމަ އޭރު ހިނގާފަހުރި ހުރިހާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ޕެންޑްރައިވެއް މީނަ އަތުގަ އޮތީމަ އޭނާގެ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީކަމަށް. އެހެންވީމަ މި ސިހުރުހާހޫރައިގެ ވާހަކަތޯ މިއުޅެނީ އެހެން ނޫނިއްޔާ އެހެން ކޮންމެސް އެއްޗެއް ހޯދާފަ އެ ކޮންމެސް އެހެން ގޮތަކަށް ބަދަލުވެގެންތޯ މިއުޅެނީ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ގަބޫލުކުރައްވަން ފަސޭހައޭ އެގޮތް ކަމަށެވެ. އެއީ ބައެއް މީހުންނަކީ މަސައްކަތުގެ މާހައުލުގައި އުޅޭއިރު ކޮރަޕްޝަނުގެ މައްސަލަތަކާ އަދި އެ ނޫން ވެސް އެފަދަ ކަންކަމުގެ މައުލޫމާތު ރައްކާކޮށްގެން އުޅޭ މީހުން ކަމަށް ވުން ކަމަށާ އެފަދަ ފަރާތްތައް އެ މައުލޫމާތުތައް ހޯދަނީ ’ވާރޭ ވެހޭ ދުވަހަކު‘ ބޭނުން ކުރަން ނުވަތަ އަމިއްލަ ރައްކަލަކަށް ކަމަށް ވުމުން ކަމަށެވެ.
ޝަމްނާޒްގެ މައްސަލަ ބަލަން ހުށަހެޅީ މުލިޔާގެއިން ނޫން ކަމަށް ބުނުމަކީ އެކަން ގަބޫލު ނުކުރެވޭ އަނެއް ސަބަބުން ކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ސަބަބަކީ އެ މައްސަލައިގައި ރައީސް މުއިއްޒުގެ ނަން އައުމާ، ފުލުހުންނަކީ އަމިއްލައަށް އިސްނަގައިގެން މައްސަލައެއް ބަލާނެ ބައެއް ނޫންކަން އެނގޭތީ ކަމަށެވެ.
މިހާރު މިއޮތް ފުލުހުންނަކީ އަމިއްލަ އިސްނެގުމުގަ މައްސަލަ ނަގައިގެން ބަލާނެ ބައެއް ނޫން. އެ ހަކަތައެއް އެމީހުންގެ ނެތް. އެމީހުން ދައްކައިދީފި އެ ހަކަތަ ނެތް ކަން. އެއީ އިބްރާހިމް މުހައްމަދު ސާލިހު އެމީހުން ޑޮމެސްޓިކޭޓްކުރި ވަރުން ދިވެހި ފުލުހުންނަކީ އެމީހުންގެ ގާނޫނީ ޒިންމާ އިސްވެ، ގާނޫނުގަ ބުނާ ގޮތަކަށް އުފުލަން ކެރޭވަރު ބަޔަކަށް ނުވޭ.
ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތު ޝަމްނާޒްގެ މައްޗަށް ކުރެވޭކަމަށް ސޯޝަލް މީޑީއާގައި ވަނީ އަޑު ފެތުރިފައެވެ.
މީގެ ކުރީގައި ޝަމްނާޒް ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ވަނީ އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.

