ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ ކުށްތަކުގައި ޖޫރިމަނާ ނުދައްކާ މީހުންނަށް ޖަލު އަދަބެއް!

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ކުށްތަކުގައި ކުށް ސާބިތުވެ، ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން އެ ފައިސާ ނުދައްކާނަމަ، އެމީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް އެދެން ފަށާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަމަށެވެ. ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެއް ކަމަށާއި އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އެމީހަކު އެ ކުރި ކުށަށް އަދަބު ނުލިބުން ކަމަށެވެ.

މި މައްސަލަ ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަނީ ކުރިމަތިވަމުންދާ ކަމަށް ވަނީ ބުނެފައެވެ. ޤާނޫނުލްޢުޤޫބާތުން ދިން މި ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށާއި އެގޮތުން ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކާ ކަމަަށް ޕީޖީ އޮފީހުނ ވަނީ ބުނެފައެވެ. 

”ރިހާކުރު ފުޅި ވަގަށް ނެގި މީހާ 06 އަހަރަށް ޖަލަށް“ މިއީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ފާޑުކިޔުމުގެ ގޮތުން ބޭނުންކުރާ ހެޑްލައިނެކެވެ. ރިހާކުރު ފުޅި ވަގަށްނެގި މީހާއަށް ވީގޮތަކީ، ރިހާކުރު ފުޅި ވަގަށްނެގި މައްސަލައަކީ އޭނާގެ މައްޗަށް ސާބިތުވި 6 ވަނަ ވައްކަމުގެ މައްސަލައެވެ. ކުރި ކޮންމެ ވައްކަމަކަށް 1 އަހަރެވެ. މިއީ ކުރިން ޢަމަލުކުރަމުންދިޔަ ޤާނޫނުނުލްޢުޤޫބާތުގައި ވައްކަމުގެ ކުށަށް އަދަބު ކަނޑައަޅަންއޮތް ގޮތެވެ. ޙަޤީޤަތުގައި ރިހާކުރު ފުޅިއެއް ވަގަށްނެގި މީހަކަށް، އެއީ ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، 6 އަހަރުގެ އަދަބެއް ކަނޑައެޅުމަކީ ޢާންމުން ބަލައިގަތް ކަމަކަށް ނުވިއެވެ“

ޕީޖީ އޮފީހުން ބުނެފައި ވަނީ ކުރިން ޢަމަލު ކުރަމުންދިޔަ ޤާނޫނުލްޢުޤޫބާތުގައި ހުރި ކުށާއި އަދަބު ކަނޑައެޅުމުގެ އުޞޫލުތަކަކީ ހަރުކަށި، ކުށްކުރާ މީހުންނަށް ބުރަ އުޞޫލުތަކެއްކަން ދެނެގަނެވޭ ކަމަށެވެ. ކުރީގެ ޤާނޫނުލްޢުޤޫބާތުގައި ހުރި އެފަދަ ހަމަނުޖެހޭ ކަންކަން އިސްލާޙްކޮށް، އައު ޤާނޫނުލް ޢުޤޫބާތެއް 2014 ވަނަ އަހަރު ވުޖޫދުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އައު ޤާނޫނުލްޢުޤޫބާތުގައި ނިސްބަތުން ކުދި ކުށް ކުރާ މީހުން ޖަލަށް ލުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ޚިދުމަތްކުރުން ފަދަ ލުއި އަދަބެއް ކަނޑައެޅުމުގެ ފުރުޞަތު އޮންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ގެ 30 ވަނަ މާއްދާއާއި 38 ވަނަ މާއްދާއަށް ބަލާއިރު، ޖިނާއީ ކުށަކާ ގުޅިގެން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެއޮފީހަށް އަންގާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަބު ކުށުގެ އަސްލީ އަދަބަށް ބަދަލުކުރުމަށް އެދި ހުށަހެޅިދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި އުޞޫލާ ޙަވާލާދީ، ޖޫރިމަނާ ފައިސާ ނުދައްކާކަމަށް މީރާއިން އެއޮފީހަށްދޭ މަޢުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް އެއޮފީހުން ގެންދަނީ ދަށުކޯޓަށް ހުށަހަޅަމުން ކަމަށް ވެސް ވަނީ ބުނެފައެވެ. 

މީގެ އިތުރަށް ޕީޖީ އޮފީހުގެ އެ ލިޔުމުގައި ވަނީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 30 ވަނަ މާއްދާއާއި 38 ވަނަ މާއްދާގައި މުއްދަތު ގުނާނެ ގޮތުގެ ފުށޫއެރުންތަކެއް ހުރުމުން، އަދަބު އަސްލީ އަދަބަށް ބަދަލުކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/06 ޤަޟިއްޔާއިން ވަނީ ހައްލުކޮށްދެއްވާފައިވާ ކަމަށް ބުނެފައިވެއެވެ. ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ބަޔާންކޮށްފައިވަނީ އުޞޫލުގެ އިސްވެ ދެންނެވުނު 2 މާއްދާ ސުލްޙަކުރަންވާނީ ޤާނޫނުލްޢުޤޫބާތުގެ މައިގަނޑު ސިޔާސަތު ޙާސިލުކުރެވޭނެ ގޮތަކަށް އަދި ކުށްވެރިޔާގެ މައްޗަށް ކޮށްފައިވާ އސްލު ޙުކުމް ތަންފީޛްކުރެވޭނެ ގޮތަށްކަމަށެވެ.

އެ އޮފީހުން ޢަމަލުކުރަމުން އައި ގޮތަށް ޖުރިމަނާ އަދަބުގެ ފައިސާ ނުދައްކާ މީހުންގެ މައްސަލަތަކުގެ މަޢުލޫމާތު މީރާއިން އެއޮފީހަށް ހުށަހެޅުމުން އަދަބު މުރާޖަަޢާކޮށް ދިނުމަށް އެދި ހުށަހެޅޭނެކަމަށާާއި އެހެންކަމުން، މީގެ ފަހުން ޖޫރިމަނާ ފައިސާ ނުދައްކާނަމަ، ކުށުގެ އަދަބު ޖަލު އަދަބަށް ބަދަލުކުރެވޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. ޖޫރިމަނާ އަދަބެއް ކޯޓުން ކަނޑައަޅަނީ ޖޫރިމަނާ ފައިސާ ދެއްކޭނެ ވަޞީލަތް ހުރިކަން ކޯޓުން ކަށަވަރުކުރުމަށްފަހުއެވެ. އެހެންކަމުން ޖިނާއީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާ ނުދެއްކުމަށް ދެއްކޭނެ ޙުއްޖަތެއް ނޯންނާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: