ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ހަރ އެކްސަލަންސީ މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް މިއަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން މި ދަތުރުގެ މައިގަނޑު މަގްސަދަކީ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން މިދަތުރުގެ ބައެއްގެ ގޮތުގައި ޗައިނާ (ސިޝުއާން) – މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްއެއް 6 އޯގަސްޓްގައި ބާއްވާނެކަމަށާއި 5 ދާއިރާއަކުން ވިޔަފާރިތައް މި ކޮންފަރަންސްގައި ބައިވެރިވުމަށް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މިނިސްޓްރީއިން ބުނެފައިވާގޮތުން ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަން، މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް، ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރިތަކުގެ އިތުރުން ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރިއާއި ފަތުރުވެރިކަމާއި ބެހޭ ދާއިރާކަމަށެވެ.
ކޮންފަރެންސްގައި މި ދާއިރާތަކުގެ ސިޝުއާންގެ ވިޔަފާރިތަކާ ބައްދަލުކޮށް ނެޓްވާރކް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއެވެ. އެހެންކަމުން މި ދާއިރާތަކުން ޒިޔާރަތްކުރާ ކުންފުނިތަކާ އަދި ސިޝުއާން ޕްރޮވިންސް ގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުގުވެރިކަން ހުރި ދިވެހި ވިޔަފާރިތަކުން 18 ޖުލައި 2024 ގެ 14.00 ގެ ކުރިން، އެކަން ބަޔާންކޮށް އެކަމަށް ޚާއްސަ ކުރެވިފައިވާ އޮންލައިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް އެދޭކަމަށާއި ކޮންފަރަންސްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު އޮންލައިންކޮށް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.
މި ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާން އިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދެވޭނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

