ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ހާރިޖީ ގުޅުން އެހެން ގައުމުތަކާއި ތަފާތު!

ރައީސް ޑރ. މުއިއްޒާއި ޗައިނާގެ ސަފީރު ވާންގް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށް މަސައްކަތްތައް ކުރަމުންދާ ގައުމުތަކުގެ ތެރެއިން އެންމެ ތަފާތު އެކުވެރިކަމެއް ފެނިގެންދަނީ ޗައިނާއިންނެވެ.

އެހެނިހެން ގައުމުތަކުންވެސް ދިވެހިންނަށް އެތައް ތަރައްގީތަކެއް ގެނެސްދިނުމުގައި ބައިވެރިވެފައިވާއިރު، ދިވެހިން އެންމެ އެދޭ ގޮތުގެ މަތިން ތަރައްގީ ގެނައުމުގެ ބަދަލުގައި އެ ބަޔަކު އެންމެ އެދޭ ގޮތަކަށް ކަންކަން ކުރާ މަންޒަރު ފެނެއެވެ. ދިވެހިން ކަމަކާއި ދެކޮޅަށް އަޑުއުފުލިޔަސް އެ ޝުއޫރުތައް ނީވޭ ފަދައެވެ. ތަރައްގީ ގެނެސްދޭ ނަމަވެސް ރާއްޖޭގައި އަމިއްލައަށް އެކަންކަން ކުރެވޭނެފަދަ ގާބިލުކަމެއް އަށަގަންނެވުމަށް މަސައްކަތްކުރާ މަންޒަރެއް ނުފެނެއެވެ.

ޗައިނާއާއި ރާއްޖޭއާއި ދެމެދު މުޅިން އައު ރޫޓަކުން ދަތުރުތައް ފެށިގެންދިއުމާއިއެކު، އެ ގައުމުން ބޭނުންވީ މީހުން ދައްކާ ވާހަކަތައް އެހުމުގެ ބަދަލުގައި ދިވެހިންނަށް އަމިއްލައަށް އެ ގައުމުގެ ކަންކަން ތަޖުރިބާކޮށްލުމަށް ފުރުސަތު ފަހިކުރާށެވެ. މި މަގުސަދުގައި ދިވެހިރާއްޖެއިން ނޫސްވެރިންގެ ވަފުދެއް ޗައިނާގެ ފޫޖިއަން ޕްރޮވިންސް ސަރަހައްދަށް ގެންގޮސްފައިވާއިރު، މި ދަތުރުގެ މަތިން އެ ގައުމުގެ އޮފިޝަލުންނާއި ސަރަހައްދުގެ ރައްޔިތުންވެސް ގުޅިގެން އެކި މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.

އާންމުކޮށް ތަރައްގީތައް ހާސިލުކުރި ގޮތް ގައުމުތަކުން ސިއްރުގެ ގޮތުގައި ހިފަހައްޓާއިރު، ޗައިނާއިން ރާއްޖެއާއި މެދު އަމަލުކުރަނީ ހަގީގަތުގައިވެސް އަވައްޓެރިއެއްގެ ގޮތުގައެވެ. ދިވެހިންނަކީ ކަނޑު ފަޅާއި ގުޅިލާމެހިފައިވާ ގައުމެއްކަމަށްވުމުން، އެ ގައުމުން ވަނީ މެރިޓައިމް މަސައްކަތްތަކުގެ ތެރެއިން މިއަދު ހާސިލުކޮށްފައިވާ ވަރުގަދަ ލަނޑުދަނޑިތަކާއި ހިސާބަށް ވާސިލުވެވުނު ގޮތުގެ ތާރީހާއި، ކުރެވުނު މަސައްކަތްތައް އަދި ގެންގުޅުން ވިސްނުންތައްވެސް ހިއްސާކޮށްފައެވެ. ސިއްރުކޮށް ހިފެހެއްޓުމުގެ ބަދަލުގައި ކުރިއަށް އޮތް މަސައްކަތްތައްވެސް ހިއްސާކޮށްފައިވާއިރު މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ހާލަތުން ރާއްޖެއަށްވެސް އަރައިގަނެވޭނެކަމުގެ އުންމީދު އާލާކޮށްދިނެވެ.

ޗައިނާއިން ގެންގުޅެނީ ”ޝެއަރޑް ޕްރޮސްޕެރިޓީ“ ނުވަތަ ”ޕްރޮސްޕެރިޓީ ފޯ އޯލް“ މި ވިސްނުމެވެ. މާނައަކީ އެކަކަށް ލިބިގެންދާ ކާމިޔާބީގެ ފޮނިމީރުކަން އަނެކާއަށްވެސް ލިބިގެންދިއުމެވެ.

ފޫޖިއަން ސަރަހައްދު ޗެންޒައު ސިޓީއަކީ މީގެ 20 ވަރަކަށް އަހަރު ކުރިން މުއްސަނދި ސަަރަހައްދެއް ނޫންކަން ތާރީހު އަންގައިދޭ މަންޒަރުތަކުން ސާފުކޮށް ފެނިގެންދާއިރު، މިއަދު އެ ސަރަހައްދަށް ބަލާލުމުން އެފަދަ ތާރީހެއް އޮތްކަމަށް ހީވެސް ނުވާނެއެވެ. ތަރައްގީތައް ގެނައީ ޗައިނާގެ މާލީ ގޮތުން ތަނަވަސް އާންމު ރައްޔިތުން ސަރުކާރަށާއި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީގެންކަމަށްވާއިރު، އެ ހިދުމަތްތަކާއި މާލީ އެހީތެރިކަމުގެ ބަދަލުގައި އެ މީހުންނަށްވެސް ގައުމުން ފައިދާތައް ކުރެއެވެ. އެންމެނަށްވެސް ފައިދާ ކުރެއެވެ. އެ ސަރަހައްދުގެ މާލީ ބާރުވެރިކަމުގެ ފަހަތުގައިވަނި ޕްރައިވެޓް ސެކްޓާރއެވެ. 80 އިންސައްތައް އާމްދަނީ އަކީ ޕްރައިވެޓް ސެކްޓާރގެ އާމްދަނީކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވާއިރު އެތައް ބިލިއަނެއް ކޮންމެ އަހަރަކުވެސް ވައްދައެވެ. އަދި އެ ފައިސާއިން ބޮޑެތި އަަދަދުތައް އާންމު ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށްޓަކައި ހޭދަކުރާއިރު، މި ދެކެވެނީ ޕްރައިވެޓް ސެކްޓާރގެ ވާހަކަކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. ވިޔަފާރިވެރިންދަނީ މުޖުތަމައިން ލިބޭ ފައިދާގެ ބަދަލު ދެމުންނެވެ.

އެހެން ބަލާއިރު، އެ ސަރަހައްދުގެ މަގުތައް މަތިން ފެނިގެންދާ ތަރައްގީގެ ކުލަވަރުތަކާއި ސާފުތާހިރުކަން ފާހަގަކުރެވޭއިރު ކައިރި ކައިރީގައި އެތައް ވަރުގަދަ ބްރޭންޑުތަކުން ފިހާރަތައް ގާއިމުކޮށްފައިވެއެވެ. މިއަދު ޗެންޒައު ސަރަހައްދަކީ ވޯލްޑް ހެރިޓޭޖްގެ ގޮތުގައި ކަނޑައެޅިފައިވާ ވިއްސަށަްވުރެ ގިނަ ސައިޓުވެސް ފާހަގަކުރެވިފައިވާ ތަނެކެވެ. އެންމެ ރައްޔިތަކުވެސް އާންމު އުސޫލުން ބޭރުން ހަރަކާތްތެރިވާ މަންޒަރުވެސް ނުފެންނައިރު، މަގުތައް ފުރައި އެކި ހަރަކާތްތަކުގައި އަމާންކަމާއިއެކު އަހުލުވެރިވެ އުޅޭކަން ފާހަގަވިއެވެ. އެތައް ފަތުރުވެރިންނެއް މި ސަރަހައްދަށް ޗައިނާގެ އެހެނިހެން ސަރަހައްދުތަކުން ޒިޔާރަތްކޮށް ވޭތުވެދިޔަ 800 އަހަރުގެ ތެރޭގައިވެސް ބަލަހައްޓަމުން އައިސްފައިވާ އާސާރީ ތަންތަން ތަޖުރިބާކޮށް ހަދާއިރު، މިކްސްޑް ކަލްޗާއެއް އޮންނަ މި ސަރަހައްދުގައި އިސްލާމީ ކުލަވަރުތައްވެސް ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެންދާކަން އަދި އެ ހުރުމަތަށް ރައްޔިތުން އިހުތިރާމް ކުރާކަންވެސް ސާފެވެ.

ޗައިނާއިން ތަރައްގީގެ މަސައްކަތްތައް ކުރުމުގައި ގެންގުޅެނީ ކާމިޔާބު އެހެންނަމަވެސް ވަރަށް އާދައިގެ ދިވެހިންނަށްވެސް އެއްވެސް ދަތިކަމެއް ނެތި ބަލައިގަނެ އަމަލުކުރެވޭނެ އުސޫލެކެވެ. އެއް ސިޓީއިން އަލަަށް ފަށާ މަސައްކަތްތައް ކާމިޔާބުކުރެވުމުން އެ މައުލޫމާތުގެ އަލީގައި އެހެނިހެން ސަރަހައްދުތަކުގައިވެސް އެ ހިދުމަތްތަކާއި ކުރިއެރުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސަނީއެވެ. މިގޮތަށް އަމަލުކުރުމުން ފެއިލް ވެއްޖެ ހާލަތެއްގައިވެސް އިތުރު އެއްވެސް މައްސަލައެއް ނުނުކުންނާނެއެވެ. އަދި އެފަދަ ހާލަތެއްގައި އެހެނިހެން ސަރަހައްދުތަކުން އެ ދަތިކަމުން އަރައިގަތުމަށްވެސް އެހީތެރިވާނެއެެވެ. އެހެންނަމަވެސް ކާމިޔާބު ވެއްޖެ ހާލަތެއްގައި އެންމެނަށްވެސް އެ ފޮނިކަން އިހުސާސްކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން ހުރިހާ ސަރަހައްދަކުންވެސް މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދެއެވެ.

ޗެންޒައު ސަރަހައްދަކީ މިއަދު މެނުފެކްޗަރިންގެ އިސް ސަރަހައްދެކެވެ. ބޫޓާއި، އަންނައުނު ހިމެނޭހެން ކުޅިވަރު ސާމާނުތައްވެސް އުފައްދައެވެ. ބްރޭންޑް އެމްބެސިޑަރުންގެ ގޮތުގައި ކަނޑައެޅިފައިވާ ކުޅުންތެރިން ފެނުމުން ބްރޭންޑުތަކުގެ ކޮލިޓީ އެނގިގެންދެއެވެ. ކައިރީ އާރވިން ފަދަ މަޝްހޫރު ބާސްކެޓު ކުޅުންތެރިން އަންޓާ ބްރޭންޑުގެ ބޫޓު ބޭނުންކުރާއިރު، އެކި މޮޑެލްތައް އެ މީހުންނަށް ހާއްސަ ކޮށް ބިނާކޮށްފައިވެއެވެ. މިއަދު އަންޓާއަކީ ޒަމާންވީ ބްރޭންޑުތައް ކަމަށްވާ ނައިކީ ފަދަ ބްރޭންޑުތައް ފަހަތައް ޖައްސައި ކުރިއަރާނެކަމަށް އިގްތިސާދީ މާހިރުން ލަފާކުރާ ބްރޭންޑެކެވެ. މި ހުރިހާކަމެއްވެސް ހާސިލުކުރީ ވޭތުވެދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގެ މިހާރުގެ ރައީސް ޝީ ޖިންޕިންގ ގެ ބެއްލެވުމުގެ ދަށުންނެވެ.

މި ސަރަހައްދަކީ މިއަދު މުޅި ދުނިޔެއަށް ފައިދާތައް ކުރަމުންދާ ބެލްޓް އެންޑް ރޯޑް އިނިޝިއަޓިވްގެ ފެށުންކަމަށްވެސް ތައުލީމީ ފަރާތްތަކުން ގަބޫލުކުރެއެވެ. މީގެ އަހަރުތަކެއް ކުރިން އިރު ދެކުނުގައި އޮންނަ ޗެންޒައުއަކީ އެންމެ މުހިންމު އެއް ބަނދަރެވެ. މިތަނަށް އެެތައް މަޝްހޫރު ދަތުރުވެރިންނެއް ޒިޔާރަތްކޮށްފައިވާއިރު، މެރިޓައިމް ސިލްކް ރޯޑް ދުވަސްވަރު މިތަނަށް ކިޔަނީ ޒައިތޫން އެވެ. އެއީ އަރަބިން މިތަނަށް ދީފައިވާ ނަންކަމަށްވާއިރު، ޗައިނާގެ މެޕުތަކުގައި އެ ނަމުން ފާހަގަކޮށްފައިވުމުން އިސްލާމީ ގައުމުތަކާއި ދެމެދު ޒަމާންވީ ގާތް ގުޅުމެއް އޮތްކަން ގަބޫލުކުރާކަން ފެނިގެންދެއެވެ. އެކި ނަސްލުތަކުން މީހުން ޖަމާވެ ބިނާވެގޮސްފައިވާ މި ސަރަހައްދުގައި މިއަދު އޮންނަ މުޖުތަމައުގެ އާންމުންގެ ފަރާތުންވެސް ކޮންމެ ބަޔަކާވެސް ގުޅިގެން މަސައްކުރާނެކަން އަދި އިހުތިރާމްކުރާނެކަން އެނގިގެންދެއެވެ. ޝެއަރޑް ޕްރޮސްޕެރިޓީގެ ވިސްނުމުގެ ދަށުން މި ސަރަހައްދަށް އަންނަ ކޮންމެ މީހަކީވެސް ޗައިނާއަށް މުހިންމު ބައިވެރިއެކެވެ. ރާއްޖޭގެ ވިޔަފާރިތަކަށް މި މުއާމަލާތްތައް އިންތިހާއަށް ފަސޭހަވާނެވާނެކަމަށް ފޮރިން އެފެއަރޒް އޮފިޝަލުން ކުލަކޮށްދިނެވެ.

ޗެންޒައު މެރިޓައިމް މިއުޒިއަމްއަށް ދާ ކޮންމެ މީހަކަށްވެސް ޗައިނާއަށް އިސްލާމީ ދުނިޔެއާއި އޮންނަ ގުޅުން މުހިންމުވަރު އެނގިގެންދާނެއެވެ. އެންމެ ބޮޑުކޮށް ފެންނަ އެކައްޗަކީ އިބްނި ބަތޫތާގެ ސްކަލްޕްޗާއެއްކަމަށްވާއިރު، މުޅި އާސާރުގައިވެސް ގާތްގަނޑަކަށް ހުރީ ސަރަހައްދާއި މުސްލިމުންނާއި އޮތް ގުޅުން ދައްކުވައިދޭ އެކި އާސާރީ ތަކެއްޗެކެވެ.

1000 އަހަރުވީ މިސްކިތެއްވެސް އަދިވެސް އެ ރީތިކަންމަތީގައި ދަމަހައްޓަމުންދާކަމަށްވުމުން ޗައިނާއިން އެ ގުޅުން އަގުކުރާކަން ޔަގީންވެއެވެ. އެތަން މިއަދުވެސް ނަމާދުކުރުމަށާއި މީހުންނަށް ޒިޔާރަތްކުރެވޭނެ ތަނެއްގެ ގޮތުގައިވެސް ބޭނުންކުރެއެވެ. އެހެންނަމަވެސް އިހުތިރާމް ކުޑަވާ ފަދަ އަމަލެއް ފެނިގެން ނުދެއެވެ. ތޫފާންތަކާއި ބިންހެލުންތަކުން ލިބުނު ގެއްލުންތަކަށްފަހުވެސް ތަކުރާރުކޮށް މަރާމާތުކޮށްފައިވާއިރު، ބޮޑެތި ހަރަދުތައް ކޮށްގެން އަސްލާއި އެއްގޮތް ވާގޮތަށް ދަމަހައްޓަން އިސްކަން ދީފައިވެއެވެ. އޮޅުވާލުމެއްވެސް ނެތެވެ. މިއަދު ޗައިނާއިން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފޮނުވާ ބައެއް މުދާތައް އެންމެ ފުރަތަމަ ގެނައީ މުސްލިމުންކަން އާސާރުގެ ލިޔެކިއުންތަކުން ފެނިގެންދެއެވެ. ޗައިނާ އަދި އިނގިރޭސިންވެސް ބަޔާންކޮށްފައިވެއެވެ. ޗައިނާއިން ކުރި މަސައްކަތަކީ އެ މީހުންނަށް އެއްބާރުލުން ދީ ފުޅާކުރުންކަމަށް ތާރީހީ އިލްމުވެރިއެއް މައުޅޫމާތު ދެއްވިއެވެ.

އޮފިޝަލުންވެސް އިގްތިސާދާއި އެހެނިހެން ކަންކަމާއިމެދު ހިޔާލުތައް ހިއްސާކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް މިވަގުތު އެންމެ ބޮޑު ފައިދާއެއް ނެގެން އޮތީ ފަތުރުވެރިކަމުުންކަން އިޝާރާތްކޮށް، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޗައިނާއަށް އެހީތެރިކަން ދެވިދާނެ މިންގަނޑުވެސް ސިފަކުރިއެވެ. ޝާމެން އާއި ދެމެދު ޑައިރެކްޓު ފްލައިޓް ރޫޓެއް ގާއިމުކޮށްފައިވާއިރު އެ ސަަރަހައްދުގައި އެކަނިވެސް 5 މިލިއަނަށްވުރެ އިތުރަށް މީހުން ދިރިއުޅެއެވެ. އެންމެ ސިޓީއަކުން އެކަނިވެސް ފަތުރުވެރިކަން ނަގާ ކޮޅަށް ޖެހިދާނެއެވެ. އެހެންކަމުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ ޗައިނާކަމަށްވާއިރު، މިހާރަށްވުރެވެސް ދެ ގައުމުގެ ދެމެެދު ފަތުރުވެރިކަން ފުޅާކޮށްގެން ބޮޑު މަންފާއެއް ހާސިލުވާނެކަން ފާހަގަކުރިއެވެ.

މިހުރިހާކަމަކަށްވުރެވެސް ބޮޑަށް އަޅައިގަތީ ދިން މައުލޫމާތުތަކެވެ. ރާއްޖެއަށްވެސް މެނުފެކްޗަރިން އަދި އިންޑަސްޓްރިއަލައިޒޭޝަންގެ މަގު އޮތީ އެއްކޮށް ހުޅުވާލެވިފައެވެ. އެކަން ރާއްޖެއަށް ގުދުރަތީ ރީތިކަން ކޮމްޕްރަމައިޒް ނުކޮށްވެސް ކުރެވިދާނެއެވެ. ޗައިނާ ރާއްޖެ ދެމެދު ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމުކޮށް އަމަލުކުރުމާއި ގާތަށް ގޮސްފައިވާއިރު، މެނުފެކްޗަރިންގެ އެންމެ އިސް ސަފުގައި އޮތް ގައުމު ޗައިނާގެ ކަމާއި ބެހޭ އޮފިޝަލުންވަނީ ރާއްޖޭގެ ވިޔަފާރިތަކަށް ސާމްޕަލް ފޮނުވައިގެން ޕްރޮޑަކްޓުތައް އުފައްދައި އެ ގައުމުގެ އެތެރޭގައިވެސް ވިއްކުމަށް ފުރުސަތު އޮތްކަން ހާމަކޮށްފައެވެ. އަދި ދެ ގައުމުގެ ސަރުކާރުންވެސް އެތައް ޒަމާނެއްގެ މަތިން ގުޅުން ބަދަހިކުރަމުން އައިސްފައިވުމުންނާއި ޗައިނާގެ ވެރިކަން ކުރާ ޕާޓީއިން ދުނިޔޭގެ ގައުމުތަކާއިއެކު އިތުރަށް ހުޅުވާލައިގެން ވިޔަފާރިއާއި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްަވުމުން އައު ފަރާތްތަކަށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެ ގައުމާއިއެކު ފަހި ފުރުސަތުތަކެއް އޮތްކަން އޮފިޝަލުން ދިން މައުލޫމާތުތަކުން އެނގެއެވެ،

މި މައުލޫމާތުތައް ހިއްސާކޮށް ދެއްކި މަންޒަރުތަކެއް ދެއްކީ އެންމެ މަގުސަދެއްގައެވެ. އެ ގައުމުން ގެންގުޅޭ ޝެއަރޑް ޕްރޮސްޕެރިޓީގެ އުސޫލުން އެއް ސިޓީއިން އަނެއް ސިޓީއަށް އެހީތެރިވެ ކުރިއަރުވާ ގޮތަށް ރާއްޖެއާއިމެދުވެސް ކަންކުރާނެކަމުގެ ޔަގީންކަން ދިނުމަށެވެ. އަދި ރާއްޖެއަށްވެސް އެގޮތުގެ މަތިން އަމަލުކޮށްގެން އަމިއްލަ ގައުމުގެ ކަންކަން ހައްލުކުރުމުގެ ހިޔާލުވެސް ދިނުމަށެވެ. ލޯނުތަކެއް ދީގެން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަތްގާތް ކުރުމުގެ ބަދަލުގައި ޗައިނާއިން މަސައްކަތްކުރަމުންދަނީ ދިވެހިންނަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިއެރުންތައް ހާސިލުކުރުމުގެ ގޮތުން އެހީތެރިވެ އަނބުރާ ދައްކަން ނުޖެހޭނެ ގޮތަށް މާލީ ބާރުވެރިކަމާއި ހިސާބަށް ވާސިލުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: