ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މަރުގެ އަދަބު އުވާލުން އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާއި ހިލާފު: އިހުސާން

މިނިސްޓަރުއަލީ އިހުސާންއާއި އަހުމަދު އުޝާމް ކެބިނެޓު ބައްދަލުވުމަށް ފަހު ނުކުންނަނަވީ. -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަރުގެ އަދަބު އުވާލުން އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާއި ހިލާފުކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި އިންސާނީ ހައްގުތަކއި ބެހޭ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި އިހުސާން ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު އުވާލުން އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާއި ހިލާފުކަމަށެވެ. ރާއްޖޭގައި މަރުގެ އަދަބު އުވާނުލެވޭނެކަން ހާމަކުރައްވައި، އިހުސާން ވިދާޅުވީ ރާއްޖޭގައި އެކަން ކުރަނީ ގާނޫނުގެ ދަށުންކަމަށްވީ ނަމަވެސް ގައުމުގައި އަމަލު ކުރަމުންދާ ގާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމީޝަރީއަތް ކަމަށެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު އިއްވޭނީ ވަރަށް މަދު ހާލަތެއްގައިކަމަށާއި، އެ ހުކުމް އެ މީހެއްގެ މައްޗަށް އިއްވަނީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމުން ކަމަށެވެ. އަދި ތިން މަރުހަލާ ނިންމައި، އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކުރުމުންކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި 1954 ގެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާއިރު، މިހާތަނަށް 14 މީހެއްގެ މައްޗަށް މަރުގެ އަދަބުގެ ހުކުމް އިއްވާފައިވާކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކު ތިބީ، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައިކަން ހާމަކުރެއްވި އެވެ.

ރާއްޖޭގެ ފަރާތުން، ހިއްސާ ކުރި އިތުރު މައުލޫމާތުތަކުގައި ބުނެފައި ވަނީ މަރުގެ އަދަބު ދޭން ޖެހޭ މީހެއް ނަމަވެސް އޭނާގެ ނަފްސާނީ ހާލަތާއި މެދު ސުވާލު އުފެދޭ ހާލަތެއްގައި މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުން 18 އަހަރު ނުވަނީސް، ކުރާ އެފަދަ ކުށަކަށް އުމުރު ހަމަވުމަށް ފަހު ވެސް އަދަބު ނުދެވޭކަމަށް ބުންޏެވެ.

ރާއްޖޭގެ ވަފުދުގެ ފަރާތުން ހުށަހެޅި ރިޕޯޓަށް، ކޮމިޓީގެ ފަރާތުން ގިނަ ސުވާލުތައް ކުރި އެވެ. އެގޮތުން ހުމާމްގެ މައްސަލައާއި، މަރުގެ އިތުރު މައްސަލައެއްގެ ޓައިމްލައިނާއި ގުޅޭ ސުވާލު ކުރި އެވެ.

ރާއްޖޭގެ ވަފުދުން ޖަވާބުގައި ބުނީ، މަރުގެ ހުކުމް އިއްވާނީ އެ މީހަކަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން ކަމަށެވެ. އަދި ކުޑަކުދިންނަށް މަރުގެ އަދަބު ނުވެދޭއިރު، މިހާތަނަށް އެ އަދަބު ދޭންޖެހޭ ފަދަ ކުށެއް ސާބިތުވީ އެކަކުގެ މައްޗަށްކަމަށް ބުންޏެވެ. ރާއްޖެއިން ބުނީ، 18 އަހަރު ނުވަނީސް ކުރި އެ ކުށަށް އޭނާއަށް އިއްވާފައި ވަނީ 16 އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ.

އެއަށްފަހު ދެން ކޮމިޓީން ސުވާލު ކުރީ، އައު ހެއްކެއް ލިބޭ ހާލަތެއްގައި ނުވަތަ އެ ނޫން ހާލަތެއްގައި ވެސް މަރުގެ އަދަބު ކަނޑައަޅާފައިވާ މީހަކަށް ހުކުމް ރިވިއު ކުރުމަށް ގާނޫނު ތަންދޭތޯ އެވެ. އަދި މަރުގެ އަދަބު ދޭން ނުޖެހޭ މީހަކަށް، އެ ހުކުމް އިންސާފުން ބޭރުން އިއްވައިފި ނަމަ އެކަމަށް ބަދަލު ދޭނެތޯ ވެސް ސުވާލު ކުރި އެވެ.

މީގެއިތުރުން މަރުގެ އަދަބު ކަނޑައެޅުމުގައި، އާއިލާގެ ބަސް ހޯދާތޯ ވެސް ވަނީ ސުވާލުކޮށްފަ އެވެ.

ހުމާމްގެ ކޭސްއާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، ރާއްޖެއިން ބުނެފައި ވަނީ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުކުމް ރިވިއުކޮށްދޭން އެދި ހުށަހެޅި ކަމަށެވެ. އެކަމަކު އިސްތިއުނާފު ބޭރުކޮށްލީ، އިދާރީ މައްސަލަތަކެއްގެ ސަބަބުންކަމަށް ވާތީ، އަދި ވެސް ހަނި ފުރުސަތެއްގެ ތެރެއިން ހުމާމަށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިދާނެކަމަށް ރާއްޖޭގެ ވަފުދުން ބުންޏެވެ.

ރާއްޖޭގެ ފަރާތުން ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. އަދި ކޮމިޓީގެ ސުވާލުތަކުގެ ޖަވާބު ދެއްވާފައި ވަނީ އުޝާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: