ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުދޯގުދޯ، ތުއްދޮންބެގެ ފޮޓޯގެ ވެރިކަމާ، މިތުރުން ހަތުރުންނަށްވި އަދި ހުސް ގޮނޑީގެ ވެރިކަން

ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުން
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 19 އަހަރު ކުރިއެވެ. 2005 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނެވެ. ދިވެހި ގައުމަށް އައި އަންނަމުން މިދާ ހަލުވި ބަދަލުގެ ތެރެއިން ފާހަގަކޮށްލެވުނު އެންމެ ބޮޑު ސިޔާސީ އެއް ބަދަލަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި ޙަރަކާތްތެރިވާން ފެށުން ކަމަށް ބެލިދާނެއެވެ. އެމްޑީޕީ އުފެދުމަށްފަހު އިތުރު ޕާޓީތައް އުފެދި ޕާޓީތަކުގެ މެދުގައި ވާދަވެރިކަން އުފެދިގެން ދިޔައެވެ. އެ ވާދަވެރިކަމާއެކު ވެރިކަމަށް އޮތް ޝައުގު ވެސް ދިޔައީ އިތުރުވަމުންނެވެ. ބާރުތައް މަސްހުނިކޮށްގެން 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވުމަށް ފަހު، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުވީ އިރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އެމްޑީޕީގެ ޓިކެޓުގައި މުހައްމަދު ނަޝީދާއި، ޑީ.އާރު.ޕީގެ ޓިކެޓުގައި ރައީސް މައުމޫން އަދި ޖުމްހޫރީ ޕާޓގެ ޓިކެޓުގައި ގާސިމް އިބްރާހީމާއި، ސޯޝަލް ލިބެރަލް ޕާޓީގެ ޓިކެޓުގައި އިބްރާހިމް އިސްމާއިލް (އިބްރާ) ގެ އިތުރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި އުމަރު ނަސީރު ވާދަކުރި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ރީނދޫ ލަޝްކަރެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވި ގޮތުންނަމަ ”ޚުދުމުޚުތާރު ވެރިކަމަކުން، ހުޅުވިފައިވާ ޑިމޮކްރަސީއެއް ގައުމާ ހަވާލުކުރެއްވުމަށްފަހު“ ރައީސް މައުމޫން ވެރިކަމުން ފޭބިއެވެ. އެއަށްފަހު ދެން ފެނިގެން ދިޔައީ ޑިމޮކްރަސީގެ ބައްޕަ ކަމަށް ބުނެ އައި ވެރިޔާގެ ވެރިކަމެވެ. ނުވަތަ ފްލެޓް ދޮންބެގެ ވެރިކަމެވެ. އެ ވެރިކަމުގައި ސިޔާސީ މަޝްރަހު ހަލަބޮލިވެގެން ދިޔަ ގޮތް އެއްވެސް ރައްޔިތަކަށް ނޯޅޭނެއެވެ.

ރައީސް ނަޝީދުގެ ވެރިކަމަކީ އެކްޓިވިސްޓުންގެ ބާރުގަދަ ގާނޫނުގެ ބާރުދެރަ ވެރިކަމެކެވެ. މަގުމަތީ ބަހުރުވަ ގިނަ އަހުލާގު ދެރަ ވެރިކަމެކެވެ. އަޅުގަނޑުމެންގެ ބާރުނެތް އިލާހީ ކަންކަމުގައިވެސް ގަދަބަސްބުނި ވެރިކަމެކެވެ. ޕާޓީގެ ވަކިވަކި ފަރުދުންތަކެއްގެ އަތުގައި މުޅި ކޮންޓްރޯލް އޮވެ، މަރުކަޒީ ވިސްނުން އެއްގޮތްވާ ހަމައެކަނި ކަމަކީ އަޑުގަދަކުރުމާއި ރުޅިވެރިކަން އިތުރުކުރުންކަމުގައި ހެދި ރައީސްގެ ބާރު ދެރަ ވެރިކަމެކެވެ. އެންމެ ފަހުން އެ ވެރިކަން ވެސް ނިމުމަކަށްއައެވެ. ރައްޔިތުން އަނެއްކާ ވެސް ތައްޔާރުވީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށެވެ.

2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ޖުމުލަ ވޯޓުގެ 45 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ޔާމީނަށް ލިބިވަޑައިގަތީ އެންމެ 25 ޕަސެންޓެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ފަދަ ބޭފުޅުން ހިމެނޭ ގޮތަށް ވަރުގަދަ ޓީމަކުން ނުހަނު ބުރަކޮށް މަސައްކަތް ކޮށްގެން ލިބުނު އަދަދެކެވެ. ޕީޕީއެމްގެ ޓިކެޓުގައި ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އެ ޕާޓީ އުފެއްދެވި އަދި އޭރު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މައުމޫންގެ ތާއީދާ އެކުއެވެ. އޭރު ނިކަން އަޑަށް ބާރުލާފައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ހިންގުމުގައި އަބަދުވެސް ރައީސް މައުމޫންގެ އަޑު އައްސަވާނެ ކަމަށާއި، ތުއްދޮންބެގެ ތަޖުރިބާގެ ބޭނުން ވަރަށް ފުރިހަމައަށް ލިބޭނެ ކަމަށެވެ. 

މަންޒަރު ބަދަލުވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއްކަލަ ތުއްދޮންބެގެ އަޑުއައްސަވާނެ ކަމަށް ވިދާޅުވި ވިދާޅުވުން މަތިން ހަނދުމަ ނައްތަވާލެއްވުމަށްފަހު ރައީސް ޔާމީން އިސްވެ ހުންނަވައި، ޕާޓީ ނުހިންގެވޭ ކަމަށް ތުހުމަތުކޮށް، ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިގެން ޕާޓީގެ ރައީސްކަމުން މައުމޫން ވަކިކޮށް، ޕާޓީގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރެއްވިއެވެ.

ޑީއާރުޕީ ދޫކުރައްވައި މައުމޫން އުފެއްދެވި ޕާޓީ ވެސް އެމަނިކުފާނަށް ގެއްލި ދަރިކަލުން ފާރިސް މައުމޫންގެ ނަމުގައި ރަޖިސްޓްރީ ކުރި ޕާޓީގެ ކޮންޓްރޯލް އޭރު ރައީސަކަށް ހުންނެވި ޔާމީން ނަންގަވައި ފާރިސް ޖަލަށް ލެވުނެވެ. ރާއްޖޭގެ އެތައް ހާސް ބައެއްގެ އިހްތިރާމާއި ގަދަރުލިބިވަޑައިގެން ހުންނެވި ރައީސް މައުމޫނަކީ، ރައީސް ޔާމީންއަށް ވެރިކަމަށް ދޮރުހުޅުވައިދިން ބޭފުޅާއެވެ. އަދި ބުރަދަންހުރި ސިޔާސީ ފަރާތްތަކުގެ ތެރެއިން އެންމެ ފަހު މީހާގެ ގޮތުގައި ސަރުކާރަށް ތާއިދުކޮށްގެންވެސް ހުންނެވި ސިޔާސީ ބޭފުޅާއެވެ. އެންމެ ފަހުން މައުމޫން ވެސް ޖެހުނީ ޖަލަށް ވަޑައިގަންނަވާށެވެ. އެއްކަލަ ތުއްދޮންބެގެ ފޮޓޯ ހިފައިގެން ވެރިކަމަށް އާދެވުނު ކޮއްކޯފުޅު ކަންތައް ކުރެއްވި ގޮތުން ރައީސް މައުމޫން ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައިވާކަން ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ.

އަނެއްކާވެސް ބަދަލެއް ބޭނުންވި ރައްޔިތުންނަށް ފެނުނީ ހަމަ ދާދި އެއް މަންޒަރެކެވެ. އަނެއްކާވެސް ރައްޔިތުން ބޭނުންވީ އެމްޑީޕީން ވެރިކަންކުރާށެވެ. އޭރު ރިޔާސީ އިންތިހާބަށް އިއުލާނުކުރެވުނު އިރު ރައީސް ނަޝީދަށް އަމިއްލަފުޅަށް ކުރިމަތިލެވެން ނެތުމުން އެ ފުރުސަތު ލިބިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށެވެ. އެއީ ޅަ ދުވަހުގެ މިތުރުންނެވެ. ކާމިޔާބަސް، ނާކާމިޔާބަސް ތަހުގީގަކަސް ޝަރީއަތަކަސް ޖަލަކަސް ގޭބަންދަކަސް އަބަދުވެސް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި އެންމެ އަރިހުގައި ހުންނަވާ އެކަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ނަމަވެސް ރައީސް މައުމޫނާއި، ރައީސް ޔާމީނަށް ދިމާވި ހާލަތު އަނެއްކާ ވެސް ތަކުރާރުވީއެވެ. މިފަހަރު އަސަރުކުރީ ތުއްތޮންބެއާ ކޮއްކޯފުޅުގެ ގުޅުމަކަށް ނޫނެވެ. މިފަހަރު ދެ މިތުރުން ހަތުރުންނަށް ވީއެވެ. އެންމެ ފަހުން ރައީސް މައުމޫނާ ރައީސް ޔާމީން ހެއްދެވި ގޮތަށް އެއް ޕާޓީ ދެޕާޓީއަށް ބަދަލުވީއެވެ.

އެ ވެރިކަން ވެސް ނިމިއްޖެއެވެ. މިހާރުގެ ވެރިކަމަށް ނަޒަރު ހިންގާލަމާތޯއެވެ. ފެންނަނީ ދާދި އެއް މަންޒަރެކެވެ. މިިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތްވުުމުން ޕީއެންސީން ކަނޑައެޅި ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒަށް ތާއީދުކުރައްވަން އެމަނިކުފާނު ނިންމެވިއެވެ. އަދި ރައީސް މުޢިއްޒު ފިޔަވާ އެހެން ބޭފުޅަކަށް ތާއީދު ނުކުރައްވާ ކަމަށާއި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއިން މަސައްކަތް ކުރީ މުޢިއްޒު އިންތިޚާބު ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ. މިފަހަރު ރައީސް ޔާމީނު ކެމްޕެއިންގައި ޝާމިލުކުރުމަށް ބޭނުންކުރީ ފޮޓޯއެއް ނޫނެވެ. ނުވަތަ ފްލެޓާ އާސަންދައެއް ވެސް ނޫނެވެ. ހުސް ގޮނޑިއެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޔާމީންއަށް ހާއްސަކޮށް ބެހެއްޓީ ހުސް ގޮނޑިއެކެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކަކަށް ފަހު ރައީސް ޔާމީން އެ ޕާޓީ ދޫކުރައްވާ އައު ޕާޓީއެއް އުފެއްދެވިއެވެ. އެހާ ހިސާބުން އެއްކަލަ ގޮނޑި ވެސް ގެއްލުނީއެވެ.

މިއީ މި ތިން ދައުރުގައި ވެސް ކަން ހިނގައި ދިއަ ގޮތުގެ ވާހަކައެވެ. ގާތް ދެބޭފުޅަކު އެކުގައި ނިކުމެ ވެރިކަން ހޯދުމަށްފަހު ވެރިކަން ލިބުމުން ދެން ހުންނަވާ ބޭފުޅާ ޕާޓީ ދުކޮށް އައު ޕާޓީއެއް އުފައްދަނީއެވެ. އެއަށްފަހު ގޮވަނީއެވެ. ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް އައީ ތިމަންނާގެ ސަބަބުންނެވެ. ދެން އޮތީ އެއް ޕާޓީ އަނެއް ޕާޓީއަށް އެވާހަކަތައް ދެއްކުމެވެ. އަދުގެ ސަރުކާރުން އެމްޑީޕީ ސަރުކާރަށް ވީހެން ނުވާނެއޭ ބުނެއެވެ. އެމްޑީޕީން އޭރު ބުނީ ރައީސް ޔާމީނާ ރައީސް މައުމޫނަށް ވީގޮތް ނުވާނެ ކަމަށެވެ. މިއީ އަޅެ ގުދޯގުދޯ އެއް ނޫންތޯއެވެ. މިކަން ނިންމާނީ ތިބޭފުޅުންނެވެ. މަންޒަރު ދުރާ ގާތުން ދެކި، އަޑު އެހި ބޭފުޅުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: