ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަނޑުބަަލައިގެން ސަނާ ކިޔާ ”ރައްޔިތުންގެ މަޖިލިސް“ ރައްޔިތުން ބޭނުމެއް ނުވޭ!

20 ވަނަ މަޖިލިސް ހުވާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް 23 ބިލު ހުށަހަޅައިފިއެވެ. އޭގެތެރޭގައި ބޮޑެތި ގާނޫނުތަކަށް ހުށަހަޅާފައިވާ މުހިއްމު އިސްލާހުތަކެއް އެބަހުއްޓެވެ. އެގޮތުން ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާ، ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލުގެ އިތުރުން ގާނޫނުލް އުގޫބާތަށް ހުށަހެޅު އިސްލާހުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅުނު އިސްލާހުތަކަކީ މުހިއްމު އިސްލާހުތަކެކެވެ. އެކަމާ ދެކޮޅެއް ނުހަދަމެވެ. މައްސަލައެއް ވެސް ނުޖައްސަމެވެ. ބިލުތަކުގައި ހުރީ މުހިއްމު ވާހަކަތަކެކެވެ. އިސްލާހު ކުރަން ޖެހޭ ބައެއް ކަންކަން ހުއްޓަސް، ގިނަ ބިލުތަކުގައި ހުށަހަޅާފައިވާ އިސްލާހުތަކަކީ ޖުމްލަކޮށް ބަލާއިރު މުހިއްމު އިސްލާހުތަކެކެވެ.

ދެން އޮތީ މުޅިން އަލަށް ހުށަހަޅާ ބިލުތަކެވެ. އިންޝުއަރެންސް ބިލާ، ބިނާވެށި ޕްލޭން ކުރުމުގެ ބިލާ، އާބަން ޑިވެލޮޕްމަންޓުގެ ބިލުގެ އިތުރުން ފޮރިން އިންވެސްޓްމަންޓްގެ ބިލެވެ. މި ބިލުތަކަކީ މުހިއްމު ބިލުތަކަކެވެ. އިސްލާހުތައް ގެނެވި، ގާނޫނުތަކަށް ވުމުން އޭގެ މަންފާ ކުރާނެ ބިލުތަކެކެވެ. މައްސަލައަކަށް ވެގެން މިއުޅެނީ އެއްގޮތަކަށް ވެސް ހުށަހަޅާ ބިލުތަކެއް ނޫނެވެ، ނަމަވެސް ބަހުސްގެ ވަގުތުގައި ކަން ހިނގާ ގޮތެވެ. ޚާއްސަކޮށް ސަރުކާރަށް ނިސްބަތްވެވަޑައިގަންވާ މެންބަރުންނާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ބަހުސްގެ ވަގުތުގައި ދައްކަވާ ވާހަކައެވެ.

މިއީ ވަކި ބަޔަކު ވަކި ގޮތަކަށް ވާހަކަދައްކާތީ އެކަން ގޯސްވެގެން ދައްކާ ވާހަކައެއް ނޫނެވެ. މިއީ ކަން އޮތް ގޮތެވެ. ކޮންމެ މެންބަރަކުވެސް ތެދުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި މެންބަރަށް ޝުކުރު އަދާކުރައްވައެވެ. އެއަށްފަހު ސަރުކާރަށް ވެސް ފަށުވި އިބާރާތްތަކުން ޝުކުރުއަދާކުރައްވައެވެ. ދެން ރައީސުލްޖުމްހޫރިއްޔާއަށެވެ. މިހެން ގޮސް ފުރަތަމަ ދެ ވަރަކަށް މިނެޓު ހޭދަވެގެން ދަނީ ސަރުކާރަށް ސަނާ ކިޔުމުގައެވެ. އެއަށްފަހު ބަހުސެއް ކުރެއްވުމުގެ ނަމުގައި މެންބަރުން ދައްކަވަނީ އެއް ވާހަކައެކެވެ. އެއް ވާހަކަ ތަކުރާރުކޮށް އެކި އިބާރާތްތަކުން އެކި ގޮތްގޮތަށް ދައްކައެވެ. އެއިން ކޮންމެ ފަހަރަކު އެ ބިލަކީ ’މި ސަރުކާރުން‘ ހުށަހެޅި ބިލެއްކަން ހަނދާންކޮށްދެއްވައެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކޮންމެ ބިލަކީ ވެސް ސަރުކާރުން އެ ހުށަހަޅާ ގޮތަކަށް ފާސްކުރަން ޖެހޭ ބިލުތަކެއް ނޫން ކަމަށެވެ. އެއަށް ބިނާކުރަނިވި ފާޑުކިޔުން ކިޔައި، އިސްލާހު ވެސް ކުރަން ޖެހެއެވެ. ނަމަވެސް ބައެއްފަހަރު ބިލު ހުށަހެޅުމުގެ މާކުރިން އޮންނަނީ އެ ބިލު އެގޮތަށް ފާސްކުރަން އިއްތިފާގުވެފައެވެ. މައިނޯރިޓީން ކިތަންމެ ހިތްހަމަނުޖެހުނަސް އެކަމަށް ބެލުމެއް ނެތި ބައެއް ބިލުތައް ފާސްކުރި މަންޒަރު ފެނިއްޖެއެވެ. އެކަން ހަމަ ގައިމު ވެސް ދޮގެއް ނުކުރެވޭނެއެވެ. މިއީ އިންސާފެއް ނޫނެވެ. މިއީ ރައްޔިތުން ބޭނުންވާ ގޮތެއް ވެސް ނޫނެވެ.

ހުރިހާ ވެސް މައްސަލައަކީ ބަހުސްގެ ވަގުތުގައި ބައެއް މެންބަރުން ބަހުސްކުރައްވަން ހަނދާންނެތުމެވެ. ބައެއް ފަހަރު އެއީ ގަނޑެއްބަލައިގެން ކިޔާލާ ލިޔުންކޮޅެއް ހެން ވެސް ހީވެއެވެ. ދެން އޮތީ އިދިކޮޅުގެ ވާހަކައެވެ. ރައްޔިތުންނާ ގުޅުންހުރި ކުއްލި މައްސަލަތައް ހުށަހެޅުމުން ވެސް ވަގުތު ބޭކާރު ކުރަނީ ކަމަށް ބުނެ ބޭރުކޮށްލީ ކިތައް މައްސަލަތޯއެވެ. އެބޭފުޅުންގެ ނިޔަތެއް އަޅުގަނޑަކަށް ވެސް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ހުށަހެޅު ގިނަ ކުއްލި މައްސަލަތަކަކީ ރައްޔިތުން ޖަވާބު ބޭނުންވެފައި ތިބި މައްސަލަތައް ކަމެވެ. ހައްލު ބޭނުންވެފައިވާ މައްސަލަތައް ކަމެވެ. މައިނޯރިޓީގެ އަޑު އިއްވާނަމޭ ބުނެ އައި މަޖިލީހުން މައިނޯރިޓީގެ އަޑު ކަނޑުވާލަން އުޅޭ ކަމަށް މިއަދު ބަޔަކު ތުހުމަތުކުރަން ފަށައިފިއެވެ. ބުނާތީ އަހަމެވެ. އަޑެއް ކިއްޔާ ރެނދެއް ލާނެއެވެ.

ރަނގަޅު ކަންކަން ވެސް އެބަހުއްޓެވެ. އެކަންކަން ކޮންމެހެން ފަސްއަޅާ ފޮރުވާކަށް ނޫޅެމެވެ. ވަޒީފާގެ ގާނޫނު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރީ ދެފުށްފެންނަ، ރައްޔިތުން ބަލައިގަންނަ ފަދަ ގޮތަކަށެވެ. އެ ބިލަށް ކޮމިޓީން ގެނައި އިސްލާހުތަކަކީ ގިނަ ބަޔަކު ބޭނުންވި އިސްލާހުތަކެކެވެ. އޭގެ އިތުރުން ބައެއް އިދާރާތަކުގެ އޮޑިޓް ރިޕޯޓު ދިރާސާކުރުމާ ސްކޭމްގެ މައްސަލައިގައި ހުށަހެޅުނު ބިލުތަކަށް ބިނާކުރަނިވި ފާޑުކިޔުން ކިޔާ ރަނގަޅު މަޝްވަރާތަކެއް ކުރެވުނެވެ. ޖުމްލަގޮތެއްގައި ކޮމިޓީތަކުގެ މަސައްކަތް ފެންނަނީ ރަނގަޅަށް ކުރިއަށްދާ މަންޒަރެވެ. މިހާރުގެ މަޖިލީހުން ހަމައެކަނި ކުރަން ޖެހޭ ކަމަކީ ކަނޑުބަލައިގެން ސަނާ ކިޔުން ހުއްޓާލުމެވެ. މަޖިލީހަކީ ސަނާ ކިޔަން ޖެހޭ ތަނެއް ނޫނެވެ. އެއީ ގާނޫނުހަދާ މަޖިލީހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: