ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ނޭމް އެންޑް ޝޭމް،“ ކުރަން ރަނގަޅު ކަމެއް!

ދެރުފިޔާގެ ފައިސާފޮތި
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނީގެ ވާހަކައަކީ މިއަދު އެންމެންވެސް ދައްކާ ވާހަކައެކެވެ. ޚާއްސަކޮށް، ސަރުކާރު ދަރަނިވެރިވެފައިވާ ވާހަކައަކީ މިއަދު އެންމެ ހޫނުކޮށް ކޮފީތަކުގައި ވެސް، ހޮޅުއަށިތަކުގައި ވެސް ދައްކާ ވާހަކައަކަށް ވަނީ ވެފައެވެ. ދަރަނި އަނބުރާ ނުދެއްކިގެން އުޅޭ ވާހަކަ ވެސް ދެކެވެނީ މަދަކުން ނޫނެވެ. ދަރަނީގެ ވާހަކަ ދައްކާއިރު ދަރަންޏަކީ ހަގީގަތުގައި ކޮން އެއްޗެއްކަން އެނގެނީ ކިތައް މީހުންނަށްތޯ ވެސް މިހާރު މިވަނީ ސުވާލު އުފައްދަން ޖެހިފައެވެ.

އެހެން ނުވާންވީ ވެސް ވަކި ކީއްވެހެއްޔެވެ. ޓެކުހެއް ނުދައްކައެވެ. ކުއްޔެއް ނުދައްކައެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައެވެ. ބިލެއް ނުދައްކައެވެ. ޖޫރިމަނާއެއް ވެސް ދައްކަނީކީ ނޫނެވެ. ދެން މި ދައްކަނީ އެހެން މީހުން ނުދައްކާ ހުރި ފައިސާގެ ވާހަކައެވެ. އަޅެ ހެއްވާ ކަމެއް ނޫން ހެއްޔެވެ. މިއީ ހަމައެކަނި ދަރަނީގެ ވާހަކައެއް ނޫނެވެ. މިއީ މީހެއްގެ އަތުން ނުބަތަ ބައެއްގެ އަތުން އަގަށް އެއްޗެއް ގަތުމަށްފަހު އަނބުރާ ފައިސާ ނުދައްކާ އެހެން މީހުންގެ ފުށުން ހަމަ އެ މައްސަލަ ދައްކައި، ގުދޯގުދޯ ގޮވާ ވާހަކައެވެ.

2022 ވަނަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ’ނޭމް އެންޑް ޝޭމް’ގެ ނަމުގައި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު، އަމީނީމަގުގައި ހުންނަ މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި ހާމަކުރަން ފެށުމާއެކު އެކަމަށް މަދު ބައެއްގެ ހިތްހަމަނުޖެހުމާ ފާޑުކިޔުން އަމާޒުވިއިރު ގިނަ ބައެއްގެ ފަރާތުން ލިބުނީ އެދެވޭ ތަރުހީބެކެެވެ. ގިނަ ބަޔަކު އެކަމަށް ތަރުހީބު ދީ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނަށް ހަދަންވީ ގޮތަކީ ހަމަ އެއީ ކަމަށް ނިކަން ހަރު އަޑުން ބުންޏެވެ.

އޭގެ ތެރޭގައި 12 ރިސޯޓް އޮޕަރޭޓުން އަދި 13 ރިސޯޓް ހިމެނެއެވެ. މިއީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރަމުން އައީ މީރާގެ ވެބްސައިޓާއި ގެޒެޓު އަދި މީޑިއާތަކުގައެވެ. ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި ޓެކްސް ފައިސާ ނުދައްކާ ނުވަތަ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު އެދުވަހު އާންމުކޮށްފައިވަނީ މަގަށް ފެންނަ ގޮތަށް ބަހައްޓާފައި ހުންނަ ޓީވީ މެދުވެރިކޮށެވެ.

އޭގެ ފަހުން މިއަހަރު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނާއި ޤަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު އެއް ލައްކަ ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތު ހޯމް މިނިސްޓްރީން އިއުލާނު ކުރުމުން ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ލިސްޓުގައިވާ ވިޔަފާރިވެރިންނާ ކުންފުނިތަކުން އެކަމާ މެދު ހިތްހަމަ ނުޖެހުނުއިރު އާންމު ރައްޔިތުން ތިބީ އެކަމާ ވަރަށް ހިތްހަމަ ޖެހިފައެވެ. މިއީ ހުސް ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ ވާހަކައެވެ.

ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1026 ފަރާތެއްގެ ނަމާއި، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ ލިސްޓެއް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމު ކޮށްފައިވާއިރު މީގެ ތެރޭގައި އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.

މި ރިޕޯޓަކީ މިދިޔަ މަހުގެ 23 ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމުން ނަގާފައިވާ ރިޕޯޓެއްކަމަށް މިނިސްޓްރީން ބުންޏެވެ. މި ދުވަހާ ހަމައަށް ކެންސަލްކޮށްފައި ނުވާ ވަރކް ޕަރމިޓްތަކުގެ ވަރކް ޕަރމިޓް ފީ ބަލާފައިވަނީ މި ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ފީގެގޮތުގައި ކަމަށާއި، ވަޒީފާދޭ ފަރާތުން ކެންސަލްކުރަން ބޭނުންވާ އެއްވެސް ވަރކް ޕަރމިޓެއް ކެންސަލްކޮށްފައިނުވާނަމަ އެ ވަރކް ޕަރމިޓްތައް ކެންސަލްކުރުމަށްވެސް ވަނީ އެންގުނެވެ. އެކަމަށް ވެސް ގިނަ ބަޔަކު ސަރުކާރަށް ތައުރީފު ކުރިއެވެ.

ދެން އޮތީ އާންމު ރައްޔިތުންގެ ވާހަކައެވެ. ވިޔަފާރިވެރިންނާ ކުންފުނިތައް ފައިސާ ނުދައްކައިގެން ޝަކުވާ ކުރާ އާންމު ރައްޔިތުމީހާ ގިނަ ފަހަރަށް ވަނީ ދިރިއުޅޭ އެޕާޓްމަންޓަށް ގަވާއިދުން ފައިސާ ނުދައްކާ ނުވަތަ ބިލުތައް ނުދައްކާ އުޅޭ ފަރާތަކަށެވެ. ގަބޫލު ކުރަމެވެ. މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. ގަވާއިދުން ދައްކާ މީހުން އެ ދައްކަން ޖެހޭ އެއްޗެއް މަހުން މަހަށް ދައްކާ ޚަލާސްކުރެއެވެ. ނަމަވެސް އެއީ މަދު އަދަދެކެވެ. މިކަމުގެ ހެއްކަކީ މިދިޔަ އަހަރު ހިޔާ ފްލެޓަށް އެކަނިވެސް ގަވާއިދުން ކުލި ދައްކާ މީހުންގެ އިންސައްްތަ ހިއްސާކުރިއިރު އެ އަދަދު ސާޅީހަށް ވެސް ނޭރުމެވެ.

މިދިޔަ އަހަރު އެޗްޑީސީން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅޭ 6،385 އެޕާޓްމަންޓުގެ ތެރެއިން ބަރާބަރަށް ކުލި ދައްކަނީ 2،273 އެޕާޓްމަންޓަކުންނެވެ. އެއީ ކުލި ދައްކަން ޖެހޭ ޖުމްލަ އާބާދީގެ 35.5 އިންސައްތައެވެ. އެ ކޯޕަރޭޝަނުން ބުނީ، 3،274 އެޕާޓްމަންޓަކުން ބަރާބަރަށް ކުލި ނުދައްކާ ކަމަށެވެ. އެ ފަރާތްތަކަށް މިހާތަނަށް 390 މިލިއަން ރުފިޔާ ބިލް ކޮށްފައިވާއިރު ދައްކާފައި ވަނީ 205 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެޗްޑީސީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެއްގޮތަކަށް ވެސް ކުލި ނުދައްކަނީ 805 އާއިލާއަކުންނެވެ.

މިހާރަށް ބަލާއިރު މި މައްސަލަ ބޮޑުވެ އެންމެ ފަހުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް މަހުން މަހަށް ފައިސާ ނުދައްކާ މީހުންގެ އަތުން ފްލެޓް އަތުލާނެކަމުގެ އިންޒާރު ސަރުކާރުން ދިނީ މީގެ އެއް ދުވަސް ކުރިންނެވެ. ހައުސިންގް މިނިސްޓްރީން ބުނީ  ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މާލެ ސަރަހައްދު އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ 20 ޕަސެންޓް މާފު ކޮށްދީފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓުގެ ވެރިފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް ގިނަ ބަޔަކު އަދިވެސް ފައިސާ ދައްކަމުން ނުދާތީ އެ ފައިސާ ގަވާއިދުން ދެއްކުމަށް މިނިސްޓްރީން އިލްތިމާސް ކުރިއެވެ.

ދެން އޮތީ ބިލުތަކުގެ ވާހަކައެވެ. ކަރަންޓު ބިލުން ފެށިގެން ގޮސް ކުނީގެ ބިލު ނުދައްކައިގެން ވެސް ޖެހުނީ އާދޭސް ކުރާށެވެ. އެންމެ ފަހުން އެ މައްސަލައަށް ހައްލެއް ނުލިބި ވެމްކޯއަށް މަޖުބޫރުވީ އެ ކުނީގެ ބިލު ކަރަންޓު ބިލާ އެއްކޮށްލުމަށެވެ. މިއީ އިއްޔެއަކު މިއަދަކު ހިނގި ކަމެއް ނޫނެވެ. 2019 ވަނަ އަހަރު ގަވާއިދުން ބިލު ނުދައްކާ 13894 ފަރާތެއް ވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ހާމަކޮށްފައެވެ. އަދި އެއްއަހަރަށް ވުރެ ގިނަ ދުވަހު ބިލަށް ފައިސާ ނުދައްކާ 1570 ފަރާތެއްވާއިރު 12 މަސް ބިލަށް ފައިސާ ނުދައްކާ 1700 އަށް ވުރެ ގިނަ ފަރާތެއް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ދެ މަހަށް ވުރެ ގިނަ ދުވަހު ފައިސާ ނުދައްކާ 4492 ފަރާތެއް ހިމެނޭ ކަމަށް ވެސް ހާމަކޮށްފައިވެއެވެ. މިއީ ހަމައެކަނި އެ އަހަރުގެ ހާލަތެއް ނޫނެވެ. ކަރަންޓާ ފެނާ ކުނީގެ ބިލު ނުދައްކައިގެން 2022 ވަނަ އަހަރާ 2023 ވަނަ އަހަރު ވެސް ތަފާސްހިސާބު އާންމުކޮށްފައިވެއެވެ. ނަމަވެސް މައްސަލައަށް ހައްލެއް ލިބޭތަނެއް ނުފެނެއެވެ.

މިއީ ނިމޭނެ ލިސްޓެއް ނޫނެވެ. މި ލިސްޓަށް ނިމުމެއް ގެނެވޭނީ މިކަމުގައި އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. ނުވަތަ ނޭމް އެން ޝޭމް ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްގެނެވެ. ކޮންމެއަކަސް އަޅުގަނޑު މިކަމަށް ވަރަށް ތާއީދެވެ. ނޭމް އެންޑް ޝޭމް ވިޔަސް އަދި އެހެން ނަމެއްގައި ވިޔަސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާނަމަ ހަމަ ނަން ހާމަ ކުރަންވީއެވެ. ނޭމް އެންޑް ޝޭމް ކުރުމުގައި އެންމެން ހަމަހަމަ ކުރަންވީއެވެ. މައްސަލަ ހައްލުވާނީ އޭރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: