ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު ދައްކައިފި، އިސްލާމީ ޝަރީއަތް ތުނޑުންތުނޑަށް ގާއިމު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ގާފު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މުޖުތަމަޢުއަކީވެސް އެތަނެއްގައި ކުށް ކުރާ މީހުން އުޅޭނެ ތަނެކެވެ. އެހެންވެ އެފަދަ ކުށްކުރާ މީހުންގެ ކިބައިން މުޖުތަމަޢުގެ އަފްރާދުން ސަލާމަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ވަނީ އެކަށައަޅިފައެވެ. މިގޮތުން ކުށްވެރިންނަށް އެމީހުން ކުރާކުށުގެ ޙައްޤު އަދަބު ދިނުމަކީ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ. އަދި ޚާއްޞަކޮށް ބޮޑެތި ޖަރީމަތަކަށް ޝަރުޢުގައި އައިސްފާއިވާ އަދަބުތައް ދެވެން އެބަޖެހެއެވެ. ކުށްވެރިންނަށް އަދަބު ދިނުމަކީ މުޖުތަމައުގެ އަމަން އަމާންކަން ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. 

ކުށްކުރާމީހުންނަށް އަދަބުދޭންޖެހެނީ އެކުރިކުށަށް ދެވަނަ ފަހަރަށް އެނބުރި ރުޖޫޢަވުމުން ސަލާމަތްކުރުމަށާއި ކުށުގެ ސަބަބުން މުޖްތަމަޢަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށެވެ.

ކުށްވެރިންނަށް ބައެއް ޤައުމުތަކުގައި ދޭ އަދަބުގެ މިސާލަކީ ސޮލިޓަރީ ކޮންފައިންމެންޓް (އެކަހެރިކޮށް ބަންދުކުރުން)، ޖަލަށްލުން، ޖޫރިމަނާކުރުން، އުމުރަށް ޖަލަށްލުން، މަރުގެ އަދަބު ދިނުން، މުޖްތަމަޢަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުން މަޖުބޫރުކުރުވުން ފަދަ ކަންތައްތަކެވެ.

ކުށްވެރިންނަށް އަދަބު ނުދެވިއްޖެނަމަ ކުށްތައް ކުރުމުގައި ދެމިތިބެ، އެއަށްވުރެ ވެސް ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ތަނަވަސްވެއެވެ. އަދަބު ދިނުމަކީ އެމީހުންގެ ނުބައި ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މިސާލަކަށް މީހަކު ވައްކަންކޮށް އަދަބު ނުދީފިނަމަ އަނެއްކާވެސް ވައްކަން ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ހީވެދާނެއެވެ. އެމީހުންނަށް އަދަބު ދީގެން މުޖުތަމައުން ހާމަކޮށްދެނީ މި އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ. 

މިއަދު މި މުޖުތަމައުގައި ފާޅުގައި ދީނަށް ފުރައްސާރަ ކުރާ މީހުން މަދެއް ނޫނެވެ. މިފަދަ އަމަލުތައް ހިންގުން ހުއްޓުވޭނީ ސަރުކާރުގެ މަސަކަތްތައް ހަރުދަނާ ކުރެވި، ކުށުގެ އަދަބު ތަންފީޒު ކުރެވުމުންނެވެ. މިއަދު މިސްކިތުގެ ހުރުމަތް ކަނޑާލައި، ހެދުން ހިއްކަން އަޅުވައި، މަސްތުވާ ތަކެތި ބޭނުންކޮށް ނޭއްގާނީ އަމަލު ހިންގަމުންދަނީ ސަރުކާރުތަކުން ކަންތައް ކުރާ ގޮތުގެ ސަބަބުންނެވެ. މިފަދަ އަމަލު ހިންގާ މީހުން ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށްފަހު، ގިނަ ފަހަރަށް މިނިވަން ކުރެވެނީ އެމީހަކީ ނަފްސާނީ ކޮންމެވެސް މައްސަލައެއްގެ ޝިކާރައެއް ކަމަށް ބުނަމުންނެވެ.

މިއީ ސަރުކާރުތަކުން މިފަދަ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ ގޮތް ނޫން ކަމަށް ގިނަ ބަޔަކުގޮވާލަމުންދާއިރު، ޒިންމާދާރު ސަރުކާރަކުން މިފަދަ އަމަލެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހެއެވެ. ދީނުގެ އަސްލާއި އުސޫލު ހިމާޔަތްކޮށް ދެމެހެއްޓުމަށް ގޮވާލަމުންދާ އިރު، ސަރުކާރުތަކުން މިވަނީ އާއްމުންގެ ގޮވާލުމަށް އިޖާބަ ދިނުމުގައި ފެއިލް ވެފައެވެ.

ދީނަށް ކުރާ ފުރައްސާރައިގެ އިތުރުން ރޭޕް ކުރުން ފަދަ ކުށްތައް ކުރުމަށް ޖެހިލުންވާ ވަރަށް ހަރުކަށި އަދަބު ދޭންޖެހޭ ހާލަތަށް ގައުމުގެ ކަންކަން ބޮއްސުންލައިގެން ހިނގައްޖެއެވެ.   މިދާ ގޮތަށް ގޮސް މިބާވަތުގެ ކަންކަން ކުރުމަކީ މީހުން އިންތިހާއަށް ޖެހިލުންވާ ކަމަކަށް ވަންދެން ހަރުކަށި ފިޔަވަޅު އަޅަންޖެހެއެވެ. އަދި މިފަދަ މައްސަލަތަކުގެ ޝަރީއަތްތައް އަވަސްކުރަންޖެހެއެވެ. އެގޮތުން ކުށްވެރިންނަށް އެމީހުންގެ ޢަމަލުތަކުގެ އަދަބު ލިބޭތަން ފެނުމުން ކުށެއް ކުރުމުގެ ކުރިން އެތައް ފަހަރަކު ވިސްނާލަން މަޖުބޫރު ކުރުވާނެއެވެ. އެފަދަ ނަތީޖާއެއް ނުކުންނާނެ ކަމުގެ ބިރަކީ އެހެން މީހުންނަށް ގާނޫނާ ހިލާފުވުމަށް ހުރަސް އެޅިދާނެ ކަމެކެވެ. ވަކިން ހާއްސަކޮށް އަމަން އަމާން މުޖުތަމަޢެއް ދެމެހެއްޓުމުގައި، އުޞޫލުތަކާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ މުޖުތަމަޢެއް ދެމެހެއްޓުމުގައި މިއީ ވަރަށް މުހިންމު ކަމެކެވެ.

ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ސާފެވެ. ގާނޫނު އަސާސީގައި މިއީ އިސްލާމީ ދައުލަތެއް ކަން ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އިސްލާމް ދީނުގެ އަސްލަކާއި، އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް ހުއްދައެއް ނޫނެވެ. އޭގެ އަސްލަކާ ފުށު އަރާ އެއްވެސް ކަމެއް ގާނޫނުތަކުގައި ވެސް ނުހިމެނޭނެ އެވެ. އަދި އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ އުގޫބާތްތަކާއި ހައްދުތައް ގާނޫނުތަކުގައި މިހާރު ވެސް ހިމެނެ އެވެ.

މަރަށް މަރު ހިފުން ނުވަތަ ގިސޯސް ހިފުމަކީ އެއިން އެއް އުގޫބާތެވެ. ގާނޫނުލް އުގޫބާތުގައި އޭގެ އިޖުރާއަތްތައް ލިޔެފައިވަނީ ގާތްގަނޑަކަށް އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިންނެވެ. ގިސޯސް ހިފުމަށް ހުރަސް އެޅޭ އެންމެ މާއްދާއެއް އޮތް ކަން އެނގިގެން މި ފަހުން ވެސް ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލްކުރީ އިސްލާމީ ޝަރީއާއާ ދުރު މާއްދާއެއް ނުހިމެނޭނެކަން ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ހަމައަށް ރިއާޔަތްކޮށެވެ.

އެކަމަކު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ. ގާނޫނުލްއުގޫބާތުގައިވާގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ޝަރީއަތުގެ ތިން މަރުހަލާއިން ވެސް އެ ގޮތުގައި އެ ހުކުމެއް ދަމަހައްޓައިގެންނެވެ. ގަސްތުގައި މީހަކު މަރާލިކަން ތިން މަރުހަލާއިން ވެސް ސާބިތުވެގެނެވެ. އެ ގޮތަށް ސުޕްރީމް ކޯޓާ ހަމައިން ހުކުމް ދަމަހައްޓާފައިވާ ހަތަރު މީހަކު ވެސް އެބަ ތިއްބެވެ. އެކަމަކު އެމީހުންގެ މައްޗަށް އެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވި ބައެއް ވަޒީރުންނާއި ފަނޑިޔާރުންގެ އިތުރުން ޕްރޮސެކިއުޓަރުން ވެސް މިއަދު ފާހަގަ ކުރައްވާ ގޮތުގައި އެ ކަމުގެ ފަހަތުގައި ކިތަންމެ ގިނަ ސަބަބުތަކެއް ހުއްޓަސް މައިގަނޑު ސަބަބަކީ އެ ކަން ކުރަން ސަރުކާރުތަކުން ބޭނުން ނުވުމެވެ.

މަރުގެ އަދަބެއް ރާއްޖޭގައި އެންމެ ފަހުން ތަންފީޒުކުރީ މީގެ 71 އަހަރު ކުރިންނެވެ. ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅުގެ އަތޮޅުވެރިޔާ ވީރު އަލިދީދީއަށް ދިން ކަމުގެ ތުހުމަތުގައި ފަނޑިޔާރު އަބްދުﷲ ޖަލާލުއްދީން އެ ހުކުމް އިއްވީ ހަކީމް ދީދީ ކިޔާ މީހެއްގެ މައްޗަށެވެ. އަމީން ދީދީގެ ވެރިކަމުގައި 1953، ގައި ކުރި އެ ހުކުމް އެ ތާރީހީ ހުކުމަށް ވެގެން އައީ އޭގެ ފަހުން އެ އަދަބު ގައުމުގައި ތަންފީޒު ނުކުރާތީ އެވެ.

ސިސްޓަމްގެ ތެރެއިން ނާޖައިޒު ގޮތްގޮތަށް ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ކުށް ތަކުރާރުކުރާ މީހުން ދޫކޮށްލުމާއި ބޮޑެތި، ނުރައްކާތެރި ކުށްވެރިންނަށް ޕެރޯލް އަދި ކްލެމެންސީ ދޭ ދިނުމަކީ ބޮޑުވެފައިވާ މައްސަލައެކެވެ. ރާއްޖޭގައި ކޮންމެ ސިޔާސީ ޕާޓީއެއް ވެރިކަމުގައި އޮތްނަމަވެސް މިއީ މިހާރު ރާއްޖޭގައި އާދައަކަށް ވެފައި އޮތް ކަމެކެވެ. މިކަން މިއީ އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތެކެވެ.

މި ސަރުކާރަށް ނުވަ މަސް ވީއިރު މިހާރުވެސް ތަފާތު ދައްކަން ފަށައިފިއެވެ. ކުށް ކުރާ މިންވަރު މަދުވެއްޖެއެވެ. މުޖުރިމުން އަތުލައިގަނެ، އަދަބު ދެވޭ މިންވަރު އިތުރު ވެއްޖެއެވެ. ސުވާލަކީ މި ވެރިކަމުގައި ތަފާތު ދައްކައި، އިސްލާމީ ޝަރީއަތުގައި ބަޔާން ކޮށްފައިވާ ކަންކަން ފުރިހަމައަށް ތަންފީޒު ކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެދާނެތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހުކުމް ކުރަނީ ސަރުކާރުން ކަމުގައ ވެގައި، ޕްރޮސެކިއުޓަ އަކީ ސަރުކާރުގެ މަޤާމެއް ކަމުގައި ވެއްޖެއްޔާ ވަކި ސަރުކާރަކަށް ކުރެވޭނި. ހުކުމް ކުރީމަ ތަންފީޒުކުރާނި ޤާނޫނުގައި އޮތް ގޮތަށް ހުކުމާ ވެސް އެއްގޮތަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: